ތެޔޮ ހުންނަ ސަރަހައްދުން ފެންނަ ކަހަލަ މުރަކަ އާއި އެހެން ނިޝާންތައް ރާއްޖޭން ވަނީ ފެނިފައި: ރިޕޯޓް

ރާއްޖޭން 'ކޯލްޑް ވޯޓާ މުރަކަ' ފެނުނު ސަރަހައްދު ޖަރުމަނުގެ ހެމްބާގް ޔުނިވަސިޓީގެ ޕްރޮފެސަރު ދައްކާލަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ތެޔޮ ހުންނަ ސަރަހައްދުތަކުން ފެންނަ ކަހަލަ މުރަކަ އާއި އެހެން އެހެން ނިޝާންތައް ރާއްޖޭގެ ކަނޑުގެ އަޑިން ފެނިފައިވާ ކަަމަށް ޖަރުމަނުގެ ހެމްބާގް ޔުނިވަސިޓީން ކުރިން ދިރާސާ އަކުން ދައްކައިފިއެވެ.

މިއަދު ވެލާނާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ތެޔޮ ހުންނަ ސަރަހައްދުގައި އުފެދޭ ކަަހަލަ ކޯލްޑް ވޯޓާ ކޮރަލްސް ރާއްޖޭން ފެނިފައިވާ ކަމަށާއި މިއީ ރާއްޖޭގައި ތެޔޮ ނުވަތަ ގޭސް ހުރި ކަމުގެ ވަރަށް ބޮޑު ނިޝާނެއް ކަމަށެވެ. އެ މުރަކަތައް ފެނިފައި ވަނީ މާލޭ އެނބޫދޫ ފަރާއި ތ. އަތޮޅުގެ ސަރަހައްދަކުންނެވެ.

ޖަރުމަނުގެ ހެމްބާގް ޔުނިވާސިޓީގެ ދިރާސާކޮށްފައި ވަނީ އެ ޕްރޮފެސާ އަދި އެ ދިރާސާ ޓީމްގް ޗީފް ސައިންޓިސްޓް ކްރިސްޓިއަން ޑަޒްލާ އިސްވެ ހުންނަވައިގެންނެވެ.

މީގެ އިތުރުން 'ކޮންޓިނެންޓަލް ކްރަސްޓެއް' ވެސް ރާއްޖޭގެ ކަނޑުގެ އަޑިން ފެނިފައިވާ ކަމަށާއި އެއީ ވެސް ރާއްޖޭގައި ތެޔޮ ހުރި ކަމުގެ ނިޝާނެއް ކަމަށް ކްރިސްޓިއަން ވިދާޅުވިއެވެ.

ރާއްޖޭން ފެނުނު މުރަކަތަކާ ބެހޭގޮތުން ޕްރޮފެސާ ކްރިސްޓިއަން ވިދާޅުވީ އާންމުކޮށް އެފަދަ މުރަކަތައް ފެންނަނީ މާ ފުން ނޫން ސަރަހައްދުތަކުން ނޫންކަމަށާއި އެހެންނަމަވެސް ރާއްޖޭން ފެނުނު މުރަކަތައް ފެނިފައި ވަނީ 500 މީޓަރުގެ އަޑިން ކަަމަށެވެ.

އަދި އެތައްމިލިއަން އަހަރެއް ކުރިން އުފެދިފައިވާ ލޭޔާއެއް ވެސް ރާއްޖޭން ފެނިފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭން ފެނުނު 'ކޯލްޑް ވޯޓާ މުރަކަ' -- ސަން ފޮޓޯ: ފަޔާޒް މޫސާ

ޖަރުމަނުގެ ޖިއޮލޮޖިކަލް ސާވޭތަކުން ދައްކާ ގޮތުން ރާއްޖޭގެ ސަރަހައްދުގެ ބިމުގެ އަޑިން "ފުލުއިޑެއް ނުވަތަ ގޭސް" އަރާ ކަމުގެ ހެކިތައް ފެނިފައިވާ ކަމަށް ޑރ. ޝައިނީ ވަނީ ކުރިން ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ތެޔޮ ހުރިކަން ޔަގީނާ ގާތަށް އެނގޭ ކަމަށް ވެސް ޝައިނީ ވަނީ ވިދާޅުވެފައެވެ.

މިއަދު ވެލާނޭގޭގައި ޖަރުމަނުގެ ޔުނިވާސިޓީން ކުރި ދިރާސާއާ ބެހޭ މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

comment ކޮމެންޓް