އެންމެނަށް ހަކަތަ ޔަގީން ކޮށްދިނުމަށް ސަރުކާރުގެ މެނިފެސްޓޯގައި ހިމަނައިގެން ވީ ވައުދުގައި ހިމެނޭ ތެލާ ގުޅޭ ވައުދު ފުއްދިއްޖެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ މެނިފެސްޓޯގައި ހިމެނޭ ހަކަތައިގެ ސިޔާސަތުގައި ބުނެފައިވާ ގޮތުން ތެލާ ގުޅޭ ވައުދަކަށް ވެފައި ވަނީ، ރާއްޖޭގެ ސަރަހައްދުގައި ތެޔޮ ހޯދުމުގެ މަސައްކަތް ފެށުމަށެވެ.
އޭގެ ދަށުން ސަރަހައްދުތަކުގައި ތެޔޮ ބަންކަރު ހަދާނަން ކަމަށް ވެފައިވާ ވައުދުގައި ބުނެފައި ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި މަދުވެގެން ހަތަރު ތެޔޮބަންކަރު ހަދައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށްދާއިރު ތެޔޮގަނެ ރައްކާކުރާނެ ކަމަށެވެ.
"ރިޔާސީ ވައުދު ފުރިހަމަވެއްޖެ. ރިޔާސީ ވައުދުގައި ބުނެފައި އޮންނާނީ ރާއްޖޭގައި ތެޔޮ ހުރިކަމަށްވާނަމަ ތެޔޮ ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނަމޭ. އެކަން އަޅުނގަޑުމެން ކޮށްފިން. މިކަމަކީ ވަރަށް ޓެކްނިކަލް ކަމެއް،" ޓީވީއެމުން ގެނެސްދިން "ޒިންމާ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވިއެވެ.
ރާއްޖެ އިން ތެޔޮ ހޯދުމާ ގުޅޭ ހުރިހާ މަސައްކަތެއް ސަރުކާރުން ހަވާލުކޮށްފައިވާ ޝައިނީ ވިދާޅުވީ، ރާއްޖޭގައި ތެޔޮ ހުރިކަން ޝައްކެތް ނެތް މިންވަރަށް ޔަގީން ވެފައިވާއިރު، އެކަން ދުނިޔޭގެ ސައިންޓިފިކް ޖާނަލް ތަކުގައި ފެންނަން އެބަހުރި ކަމަށެވެ. އަދި ސަރުކާރުން ވައުދުވީ ފަސް އަހަރު ދުވަހުގެ ތެޔޮ ނަގަން ނޫން ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
"ފަސް އަހަރު ދުވަހުގެ ތެރޭގައި ތެލެއް ނުނެގޭނެ. ތެޔޮ ހުރި ތާކުން ތެޔޮ ހޯދައިގެން ތެޔޮ ނެގުމާ ދޭތެރޭގައި އެވްރެޖްކޮށް ދުނިޔޭގައި މިކަން ކޮށްފައި ހުރި ދުވަސްތަކަށް ބަލާއިރު 10 އަހަރުގެ ތެރޭގައި މިކަން ކުރެވިފައެއް ނެތް... ތެލާ ގުޅުންހުރި ކަންކަން ބަލާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެން،" ޝައިނީ ވިދާޅުވިއެވެ.
އަދި ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި ނުވަތަ މިއަހަރުގެ ފަހުކޮޅުގެ ތެރޭގައި ތެޔޮ ނެގުމަށް ކުރާ މަސައްކަތް އަލުން ފަށާނެ ކަމަށެވެ.
ރާއްޖެ އިން ތެޔޮ ހޯދުމަށް ސަރުކާރުން ވޭތުވެދިޔަ ތިން އަހަރު ދުވަސްތެރޭ ގިނަ މަޝްރޫއުތަކެއް ހިންގައި ރާއްޖޭން ބޭރުން މީހުން ގެނެސް ކަމާ ގުޅޭ ދިރާސާތަކެއް ވަނީ ކޮށްފަ އެވެ. އެގޮތުން އެފަރާތްތަކުން ކުރި ދިރާސާގެ ރިޕޯޓުތަކުން ރާއްޖޭގެ ކަނޑުގައި "ހައިޑްރޯ ކާބަންސް" ހުރި ކަމަށް އެ ދިރާސާތަކުން މިވަނީ ހާމަވެގެން ގޮސްފަ އެވެ.
ނަމަވެސް ދުނިޔޭގެ ތެލުގެ މާކެޓުން ލިބޭ ނަފާއަށް ވުރެ ބޮޑަށް ގެއްލުންވެ ތެލަށް ލިބެންޖެހޭ ހައްގު އަގު ނުލިބޭތީ އާއި އިތުރު އިންވެސްޓްމެންޓެއް ނުކުރާހާ ބޮޑަށް ތެލުގެ ވިޔަފާރިތައް ހީނަރުވެފައިވާތީ ރާއްޖޭން ތެޔޮ ނެގުން ވަނީ ގަސްދުގައި މަޑުޖައްސާލާފައެވެ.
ސަން އަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ޑރ. ޝައިނީ ވިދާޅުވީ، އެ މަސައްކަތް މަޑުޖައްސާލަން ސަރުކާރުން ނިންމީ ތެޔޮ ނެގުމުގެ މަސައްކަތުގެ ދެވަނަ ސްޓޭޖުގައި ކުރަން ޖެހޭ ކަންކަން ކުރާނެ ފަރާތްތައް ހޯދުމަށް ދުނިޔޭގެ ބައެއް ހިސާބުތަކަށް ދަތުރުކޮށް، ކަމާ ބެހޭ ތަޖުރިބާކާރުންނާ މަޝްވަރާކުރިކުރުމުން ލިބުނު މައުލޫމާތުގެ އަލީގައި ކަމަށެވެ.
ތެޔޮ ހޯދުމުގެ ދެވަނަ ސްޓޭޖުގައި ކުރަން ހުރި މަސައްކަތަކީ ރާއްޖޭގައި ހުރީ ކިހާވަރެއްގެ ތެޔޮ ވަޅުތަކެއްތޯ އާއި ކޮން ބާވަތެއްގެ ހައިޑްރޯ ކާބަންއެއްތޯ ބެލުމުގެ އިތުރުން އެ އެއްޗެއް ހުރި ފުންމިނުން ނަގައިގެން އަގު ދެކޮޅު ޖެހޭ ގޮތަކަށް މިކަން ކުރެވިދާނެތޯ ބެލުމަށް ބޮޑެތި ދިރާސާތަކެއް ހެދުމެވެ.