ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ (އެފްއެޗްޓީއެސް) އިމާރާތުގައި ހުރި އިސްކުރުބަރިން ދަބަރު ފެން ފައިބާ ކަމުގެ ޝަކުވާ ކުރަން ފަށައިފި އެވެ.
އެ އިމާރާތް މިއަހަރު ފެބުރުއަރީން ފެށިގެން ބޭނުން ކުރަން ފެށީންސުރެ ވެސް، މުޅި އިމާރާތުގައި ހުރި ހުރިހާ އިސްކުރަކުން ދަބަރު ފެން އަންނަ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި އެތައް ގަޑިއިރެއް ވަންދެން ދަރިވަރުންނާއި ޓީޗަރުން އެތަނުގައި ވަގުތު ހޭދަ ކުރަންޖެހިފައިވާ އިރު، އެއްވެސް ފާހާނާއެއް ވެސް ބޭނުން ނުކުރެވޭ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
އެފްއެޗްޓީއެސް ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި، ވަގުތީ ޑީން އައިޝަތު ޝިފާ މިއަދު ވިދާޅުވީ އެ އިމާރާތުގައި ހުރި އިސްކުރުތަކުން ދަބަރު ފެން އަންނަނީ ހޮޅިތަކުގައި ދަބަރު ޖަހާފައި ހުރުމުން ކަމަށެވެ.
"މުޅިތަނުގައި ހުންނާނީ ޑީސެލިނޭޓެޑް ފެން. މުޅި އިމާރާތުގެ ހުރިހާ ފެންހޮޅިތަކެއް ވެސް ހުރީ ދަގަނޑުން ހަދާފައި. އެ ހޮޅިތަކުގެ ތެރޭގައި ދަބަރު ޖަހައިގެން ދަބަރު ފެން އަންނަނީ،" ޝިފާ ވިދާޅުވި އެވެ.
އެފްއެޗްޓީއެސްގެ ވަގުތީ ޑީން ވިދާޅުވީ އެކަމަށް ހައްލެއް ހޯދަން ކުރީގެ މެނޭޖްމަންޓްގައި ތިއްބެވި ބޭފުޅުން ވެސް ވަރަށް މަސައްކަތް ކުރެއްވި ކަމަށާއި އަދި މިހާރު ވެސް އެކަމަށް ހައްލެއް ހޯދަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން އެކަމާ މަޝްވަރާ ކުރިން ކަމާބެހޭ ފަރާތްތަކާ. އެބޭފުޅުން ވިދާޅުވަނީ އެކަމަށް ވަގުތު ނަގާނެ ކަމަށް. ވަރަށް ބޮޑު އިމާރާތެއް މިއީ އެހެންވީމާ މުޅިތަނުގެ ފެން ހޮޅިތައް ބަދަލުކުރަން ވަރަށް ވަގުތު ނަގާނެ ދެއްތޯ،" އެފްއެޗްޓީއެސްގެ ވަގުތީ ޑީން ޝިފާ ވިދާޅުވި އެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި އެޅި އެއިމާރާތުގައި މިވަގުތު ކުރިއަށްގެންދަނީ އެފްއެޗްޓީއެސްގެ ކޯސްތަކެވެ. ގާތްގަނޑަކަށް 500 އެއްހާ ދަރިވަރުން ކިޔަވާމުން އަންނަ އެ އިމާރާތުގެ ފެން އެއްގޮތަކަށް ވެސް ބޭނުން ނުކުރެވޭ އިރު، ކޯސްތަކުގެ ކެއްކުމުގެ ބައިތައް ކުރިއަށްގެންދާއިރު ބޭނުން ކުރަން ޖެހެނީ މިނަރަލް ވޯޓާ އެވެ. އަދި ތަށި ދޮވުން ފަދަ ބޭނުންތަކަށް ވެސް ބޭނުން ކުރަން ޖެހެނީ ވެސް ވޯޓަސަޕްލައި ފެން އެހެން ތަނަކުން ގެނެސްގެނެވެ.