ހުޅުމާލޭ ކުޑަކުދިންގެ ހިޔާ މިއަހަރު ހުޅުވައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފްލެޓް ދެނީ

މިއަދުގެ ބައްދަލުވުމުގައި އޭޖީ އަނިލް ވާހަކަފުޅު ދައްކަވަނީ ----- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ހުޅުމާލޭގައި ގާއިމްކުރާ ކުޑަކުދިންގެ ހިޔާ މިއަހަރުތެރޭގައި ހުޅުވައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަންނަ މަހު ފްލެޓް ދޫކުރާނެކަމަށް ޖެންޑާ މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނެވި ބަންޑާރަ ނައިބު މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް ކައުންސިލުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަނިލް ވިދާޅުވީ، ވިލިމާލޭގައި ގާއިމްކޮށްފައިވާ ކުޑަކުދިންގެ ހިޔާއަކީ 40 ކުދިންގެ ޖާގައިގެ ތަނެއް ކަމަށެވެ. ނަމަވެސް މިހާރު އެތަނުގައި 115 ކުދިން ތިބި ކަމަށް އަނިލް ވިދާޅުވި އެވެ.

އެހެންކަމުން މިދިޔަ އަހަރު ހުޅުމާލޭގައި ގާއިމްކުރުމަށް ބިންގާ އަޅާފައިވާ ކުޑަކުދިންގެ ހިޔާ މިއަހަރު ސެޕްޓެމްބަރު މަހުގައި ނިމި އޮކްޓޯބަރު މަހު އެތަން ހުޅުވޭނެ ކަމަށް އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ، އެތަން ހުޅުވުމުން ވިލިމާލެ ކުޑަކުދިންގެ ހިޔާގައި މިހާރު ތިބި 10 އަހަރުން ދަށުގެ ކުދިން ހުޅުމާލެއަށް ބަދަލުކުރާނެ ކަމަށެވެ. އަދި ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ތިބޭނީ 10 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންކަމަށާއި އެތަނުގައި ގާތްގަނޑަކަށް 139 ކުދިންގެ ޖާގަ ހުންނާނެ ކަމަށް އަނިލް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުޅުމާލެއިން ފްލެޓް ދޫކުރުމާ ގުޅޭގޮތުން އަނިލް ވިދާޅުވީ، ހުޅުމާލެއިން ދޫކުރާ 15 ފްލެޓް އަންނަ މަހު ހަވާލުކުރާނެ ކަމަށެވެ.

އަނިލް ވިދާޅުވީ، އެ މަސައްކަތް ލަސްވީ ގިނަ ޝަކުވާތަކެއް ހުށަހަޅައި ވަރަށް ބޮޑެތި މައްސަލަތަކެއް ފާހަގަވެގެން ކަމަށެވެ. އެހެންވެ އާ މިންގަނޑެއް އެކުލަވާލައި، ފްލެޓަށް ކުރިމަތިލީ 571 މީހުންގެ އެސެސްމެންޓެއް ހަދަމުން އަންނަ ކަމަށް އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވި ގޮތުގައި ފްލެޓް ދޭން މިހާރު އެކުލަވާލާފައިވާ އުސޫލްގައި ނުކުޅެދުންތެރިކަން ހުރި ބާވަތަށާއި މިންވަރަށް އިސްކަންދޭނެ އެވެ. އަދި އާއިލާގައި ނުކުޅެދުންތެރިކަން ހުރި އިތުރު މީހުން ތިބިތޯ އާއި އާއިލާއަށް އާމްދަނީ ލިބޭ މިންވަރުގެ މައްޗަށް ވެސް ރިއާޔަތްކުރާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.

comment ކޮމެންޓް