ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު އިންތިޚާބު ނިމިގެންދިޔައީ ވާދަވެރި މާހައުލެއްގައި ބޭއްވޭ އިންތިޚާބުތަކަށް ބަލާއިރު ވަރަށް އަމާންކޮށްނެވެ. އިންތިޚާބުތަކަކީ އެކަމާއި ގުޅޭ މައްސަލަތަކުން މުޅިން މިނިވަންކުރެވޭނެ މަސައްކަތެއް ނޫނެވެ. ޑެމޮކްރެޓިކް މުޖުތަމަޢެއްގައެވެ. ވިސްނުމާއި ޚިޔާލުގެ ތަފާތު އެތައްބަޔަކު ސިޔާސީ ގޮނޑިތަކަކަށް ވާދަކުރަމުން ގެންދާއިރުގައެވެ. އެކިއެކި ދާއިރާތަކުން ކައުންސިލްގެ ގޮނޑިތައް ކާމިޔާބުކުރި މީހުންނަށް ބަލާލާއިރު އޭގެތެރެއިން ބައެއް މީހުންނަކީ އެދާއިރާއަކަށް ކުރިމަތިލި މީހުންގެތެރެއިން އެންމެ ޤާބިލު، އެންމެ ތަޖުރިބާހުރި، އެންމެ ޢިލްމީ މީހުންނެއް ނޫނެވެ. މި ނަޒަރުން ބަލާއިރު އެ ދާއިރާއަކަށް "ރަންގަނޑެއް" ކަހަލަ ކެންޑިޑޭޓުން އިންތިޚާބުގައި ނާކާމިޔާބުވެފައި އެބަހުއްޓެވެ. މިގޮތަށް ދިމާވެފައިވަނީ މިބާވަތުގެ އިންތިޚާބުތަކުގައި ވޯޓުދިނުމުގައި ވަރަށް ގިނަފަހަރު ކުރިމަތިލާ ކެންޑިޑޭޓުގެ ކުޅަދާނަކަމަށްވުރެ ބޮޑަށް ކެންޑިޑޭޓު ކުރިމަތިލާފައިވާ ޕާޓީއަކަށް ބެލެވޭތީވެއެވެ. ޕާޓީ ނިޒާމުގައި މިގޮތަށް ބާއްވާ އިންތިޚާބުތަކުގައި މިހެން ދިމާވާނެއެވެ. މާލޭގެ ގޮންޑިތަކަށް ކުރިމަތިލި މީހުންގެތެރެއިން ބައެއް މީހުން ނުހޮވުނީ އެމީހުންނަކީ އަތޮޅުތަކުން އައިސްފައިތިބި މީހުންނަށްވީތީވެ ނުހޮވުނީކަމަށް ދައްކާ ވާހަކަ ޤަބޫލުކުރަން އުނދަގުލެވެ. މާލޭގެ އިންތިޚާބުތަކުގެ މާޒީއަށް ބައްލަވާލެއްވުމުންވެސް މިކަން ފެނިވަޑައިގަންނަވާނެއެވެ. އެހެނެއްނޫނެވެ. މާލޭގައި ދިރިއުޅޭ، ޢާއިލާ ބޮޑުމީހަކަށް އެ އާއިލާގެ ތާއީދު ލިބިއްޖެނަމަ އިންތިޚާބެއް ކާމިޔާބުކުރުމަށް ކުރިއެރުމެއް ލިބިދާނެއެވެ. އަތޮޅުތަކުގައިވެސް މިކަންތައް އޮތީ މިގޮތަށެވެ.

ކައުންސިލްތަކަށް ޕާޓީތަކުން ހޮވުނު ކެންޑިޑޭޓުން ކައުންސިލްތަކުގައި މަސައްކަތްކުރައްވާއިރު ޕާޓީމަގުން ކޮށްދެއްވާނީ ކޮންކަހަލަ މަސައްކަތެއްބާވައެވެ؟ ކައުންސިލުގައި ޕާޓީގެ އަޣްލަބިއްޔަތު އޮވެއްޖެނަމަ، ކައުންސިލުގެ ބައެއް މަޤާމްތައް ކާމިޔާބުކުރެއްވިދާނެއެވެ. އެހެންނަމަވެސް ކައުންސިލްގައި ރަށްރަށުގެ ތަރައްޤީ އަށްކުރެވޭ މަސައްކަތްތަކާމެދު ނިންމުންތައް ނިމިގެންދާނީ ނުވަތަ ނިމިގެންދާންވާނީ ރަށުގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށެވެ. ރަށުގައި ދިރިއުޅޭ މީހުންގެ ޚިޔާލާއި އިދިކޮޅަށް ކަންތައްތަކެއް ނިމިގެން ހިގައްޖެނަމަ އެގޮތަށް ނިންމި ކައުންސެލަރުންނަށް މިޒަމާނުގައި ރަށުތެރެއިން އުނދަގޫތަކާއި ކުރިމަތިވާނެއެވެ. އަޅުގަނޑު ދަންނަވަން މިއުޅެނީ ރަށުގެ ނުވަތަ އަތޮޅުގެ ތަރައްޤީގެ މައިގަނޑު މަސައްކަތްތަކުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި ޕާޓީގެ ރޯލު ވަރަށް ކުޑަވާނެކަމަށެވެ. މިހެން ދެންނެވިޔަސް ބިމުގެ މައްސަލަ ބޮޑު ޤައުމެއްގައި ރަށެއްގައި ޤުދުރަތީގޮތުން ލިބެން އޮންނަ ބިންކޮޅުގައި އެއަރޕޯރޓެއް ނުވަތަ އެފަދަ ބޮޑު ބިމަކަށް ބޭނުންވާފަދަ މަޝްރޫޢުތަކުގައި ޕާޓީގެ ޚިޔާލާއި ނުފޫޒު ފޯރާނެއެވެ. އަދި މިފަދަކަންކަމާއިމެދު ޕާޓީއަކުން ގެންގުޅޭ ވަކި ތަޞައްވުރެއް އޮވެދާނެއެވެ.

ސިޔާސީ ވިސްނުން އެކަހެރިކުރުމަށްފަހު، އިޖްތިމާޢީ ފައިދާ އަށާއި ރައްޔިތުންގެ ލާބައަށް ލާމަރުކަޒީ އުޞޫލުން ޤައުމު ހިންގުމުގައި އިޞްލާޙްކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ފުރަތަމަކަމަކީ ވޯޓްދިނުމުގެ އުޞޫލެވެ. ލާމަރުކަޒީ މާނަކުރަނީވެސް ވަކިވެއްޓެއްގައި ދިރިއުޅޭބަޔަކަށް އެމީހުންގެ ކަންތައްތަކާމެދު ކަންތައް ނިންމުމުގެ ބާރުދިނުމަށެވެ. އެތަނެއްގައި ދިރިއުޅޭބަޔަކަށްވުރެ ބޮޑަށް އެތަނެއްގައި ދިމާވާ ދަތިތައް އެނގޭނެ ބަޔަކު ނުއުޅޭނެއެވެ. މިހެންވުމާއި އެކު ކައުންސިލް އިންތިޚާބުގައި ވޯޓްލެވޭނެ ގޮތާއި މެދު ސީރިއަސް ކޮށް ވިސްނަންޖެހެއެވެ. އިލެކްޝަނު ކޮމިޝަނުންވެސް ވިދާޅުވާފަދައިން ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް "ރަށްފުށުގެ" އިންތިޚާބުތަކުގައި ވޯޓުލެވެނީ އެސަރަޙައްދެއްގައި ދިރިއުޅޭބައަކަށެވެ. އެހެންނަމަވެސް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ރާއްޖޭގައި އެމީހަކުހުރި ކޮންމެތަނަކުން ވޯޓުލެވޭ ގޮތަށް ހަމަޖެއްސެވިއެވެ. އޭގެތެރޭގައި ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަށްވެސް ހިމެނެއެވެ. އޭގެ މާނައަކީ ސްރީލަންކާ އަށް ދިރިއުޅުން ބަދަލުކޮށްފައި ހުރި މީހަކަށް ވެސް އަތޮޅެއްގެ ކައުންސިލަކަށް ކުރިމަތިލާ މީހަކަށް ވޯޓުލުމުގެ ފުރުޞަތު ލިބުމެވެ. އެހެންނަމަވެސް ކޮންމެ ދުވަހަކު އެއަތޮޅުގެ އެރަށުގައި ހިނގާ ކަންތަކުން އެމީހަކަށް ސީދާ އަސަރެއް ނުކުރާނެއެވެ. މިހެން ދެންނެވިޔަސް އެމީހެއްގެ ތިމާގެ ބަޔަކު ރަށުގައި ދިރިއުޅެމުންދާނަމަ އެމީހަކަށް ކޮންމެވެސްވަރަކަށް އަސަރުކޮށްފާނެކަމަށް ބެލެވިދާނެއެވެ.

ތެދުފުޅެކެވެ. ރާއްޖެ ޤުދުރަތީގޮތުން އެކުލެވިފައި އޮންނަގޮތުންނާއި، ރާއްޖޭގެ ވަޒީފާގެ ފުރުޞަތު ލިބެން ހުންނަގޮތުން ވަރަށް ގިނަބަޔަކު އެމީހެއްގެ ދާއިމީ ރަޖިސްޓްރީ އޮންނަ ރަށެއްގައި ނުވަތަ އަތޮޅެއްގައި ދިރިނުއުޅެފާނެއެވެ. ބިމުގެގޮތުންނާއި އާބާދީގެގޮތުން ބޮޑު ޑެމޮކްރަސީތަކުގައިވެސް މި މައްސަލަ މިގޮތަށް އޮންނާނެއެވެ. އެހެންނަމަވެސް ރާއްޖޭގައި މިފަހަރު ލޯކަލް އިންތިޚާބަށް ވޯޓުދިނުމުގެ ފުރުޞަތު ތަނަވަސްކޮށްދީފައިއޮތްގޮތަށް އެފުރުޞަތު ތަނަވަސްކޮށްދީފައެއް ނުއޮވެއެވެ.

ކައުންސިލްތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ޝަރުތުތަކުގެ ތެރެއަށް ވެސް މުހިއްމު ޝަރުތެއް އިތުރުކުރުމުގެ ފައިދާ ވަރަށް ބޮޑެވެ. ރަށު ކައުންސިލްތަކަށް ކުރިމަތިލާ ކެންޑިޑޭޓުންނާއި އަތޮޅު ކައުންސިލަށް ކުރިމަތިލާ ކެންޑިޑޭޓުން މަދުވެގެން ހަމަސްދުވަހު، އެ އަތޮޅެއްގައި، ނުވަތަ އެރަށެއްގައި އިންތިޚާބުގެ ހަމަސްދުވަހުގެ ކުރިން ދިރިއުޅެން ލާޒިމްކުރާގޮތަށެވެ. މިފަދަ ޝަރުތެއްް ނުއޮންނަ ނަމަ އެ އަތޮޅެއްގައި ނުވަތަ އެރަށެއްގައި ރަޖިސްޓްރީ އޮންނަ އެހެންނަމަވެސް ދިރިނުއުޅޭ ބަޔަކު އިންތިޚާބުވުމުގެ ފުރުޞަތު އޮންނާނެއެވެ. އެކަމުގެ ސަބަބުން ލާމަރުކަޒީ އުޞޫލު އަތޮޅުތަކުގައި ހަރުދަނާކޮށްގެން ގެންނަން ބޭނުންވާ ފުރިހަމަ ނަތީޖާއެއް ނުފެންނާނެއެވެ.

ބައެއް ވިސްނުންތެރިން ވިދާޅުވާގޮތުގައި ބައެއް ކައުންސިލްތަކަށް ހޮވުނު ބޭފުޅުންގެ ޢިލްމީ ފެންވަރަށް ބަލާއިރު އެފަރާތްތަކަށް ބައެއް މަޝްރޫއުތައް ތައްޔާރުކުރެއްވުމަށް ދަތިފުޅުވާނެއެވެ. އަޅުގަނޑުގެ ޚިޔާލު މިއާއި މުޅިންތަފާތެވެ. އަޅުގަނޑު ދެކޭގޮތުގައި މަޝްރޫޢުތައް ތައްޔާެރު ކުރައްވާނީ އެބޭފުޅުންނެއް ނޫނެވެ. އެކަމުގެ ޚާއްޞަ ނުވަތަ އެކަމަށް ޤާބިލު މީހުންނެވެ. އެބޭފުޅުން ނިންމަވާނީ ކުރާނެކަމެކެވެ. އެބޭފުޅުންނަކީ ސިޔާސީ ބޭފުޅުންނަށް ވުމާއިއެކު ރަށަށް އެންމެ ފައިދާހުރި ނިންމުންތައް ނިންމެވުމުގެ ޤާބިލުކަން އެބޭފުޅުންގެ ހުންނާނެކަމާމެދު އެއްވެސް ޝައްކެއްނެތެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ޙައްލުކުރުމަށް ކައުންސިލްތަކުގެ މަސައްކަތް ފަށައިގަންނަންވާނީވެސް ހަރުދަނާ ބިންގަލެއްގެ މަތީގައެވެ. އެތަންތަނުންކުރެވޭ ހުރިހާ މަސައްކަތެއްގައިވެސް އެތެރެ ފެންނަގޮތަށެވެ. ކައުންސިލްތަކަށް މެންބަރުން ހޮވިފައިތިބީ ޕާޓީ ޓިކެޓުގައި ކަމުގައިވެދާނެއެވެ. ކައުންސިލަރުކަމަށް އިސްވުމަށްފަހު އެއީ ރައްޔިތުންގެ ޚާދިމުންނެެވެ. އެބޭފުޅުންނަށް މުސާރަދެނީ ރައްޔިތުންގެ ފައިސާއިންނެވެ. އެބޭފުޅުންގެ އިޚްލާސްތެރިކަން ލިބެންވާނީ ވަކި ކުލައެއްގައި ތިބޭ ބަޔަކަށެއް ނޫނެވެ. ރައްޔިތުންނަށެވެ. އެބޭފުޅުންގެ ވަޒީފާތަކުގެ ޝަރަތުތަކާއިއެކު އެ ވަޒީފާތަކަށް މީހުންހޮވުނުގޮތްވެސް ޢާއްމުކޮށް އެންމެނަށް އެގެންވާނެއެވެ. ޑެމޮކްރަސީގެ ރީތި ނަމޫނާއެއް ދެއްކުމުގެ ގޮތުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް