މިފަހަރު އަޅުގަނޑު ލިޔަން ޚިޔާލުކުރަނީ އަޅުގަނޑު ޢާއްމުކޮށް ލިޔާ ލިޔުންތަކާއި ވަރަށް ތަފާތު މަޢުޟޫއެއްގެ ލިޔުމެކެވެ. މުޖުތަމަޢުގައި ހިނގާ ވަރަށް އާދައިގެ ކަމެކެވެ. އެކަމުގެ ސަބަބުން ވަރަށް ގިނަ މީހުން އުނދަގޫ އުފުއްލަންޖެހޭ ކަމެކެވެ. އެއީ އެކަން އޮންނަގޮތްކަމަށް ބެލެވި އަޅާނުލެވި އޮންނަކަމެއްގެ ވާހަކައެވެ. އެހެންނަމަވެސް ބަދަލެއް ގެންނަންޖެހޭ ކަމެކެވެ. ކަމާއިބެހޭ ފަރާތްތަކުން ފިޔަވަޅުއަޅަންޖެހޭކަމެކެވެ. ރައްޔިތުންގެ ފަސޭހަ އާއި ރައްކަލަކަށްޓަކައެވެ. އަދި އެކަމުގެ ސަބަބުން ނާޖާއިޒް ފައިދާނަގަންއުޅޭ ފަރާތްތަކަށް އެފުރުޞަތު ހަނިކުރުމަށްޓަކައެވެ.

އަޅުގަނޑު މިދަންނަވަނީ ނޭޝަނަލް އައިޑެންޓެޓީ ކާޑު، އައިޑީއެއްގެ ގޮތުގައި ދެއްކުމަށް ލާޒިމްކުރާ ބައެއްފަރާތްތަކުން އަމަލުކުރަމުންދާގޮތުގެ ވާހަކައެވެ.

ނޭޝަނަލް އައިޑެންޓިޓީ ކާޑު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަދައިދެވުމުން އެކަމުގެ ވަރަށް ގިނަ ފަސޭހަތަކެއް އެބަހުއްޓެވެ. އައިޑީ ކާޑު ތަފާތު ކަންކަމުގައި ބޭނުންކުރެވޭގޮތަށް އޮތުމުން އެކަމުގެ ފަސޭހަތައް ހީކުރެވުނުވަރަށްވުރެވެސް މާބޮޑެވެ. މިސާލަކަށް ދަންނަވާނަމަ އާސަންދައިގެ ދަށުން ޚިދުމަތެއް ހޯދަން ބޭނުންވެއްޖެނަމަ އައިޑީ ކާޑުގެ ޒަރީޢާއިން އެ ޚިދުމަތެއް ހޯދެއެވެ.އަދި ދިވެހި ބޭންކުންދޭ ބައެއް ޚިދުމަތްތަކުގެ ޒާތީ މަޢުލޫމާތުވެސް އައިޑީ ކާޑުގެ ބޭނުންކޮށްގެން ލިބޭގޮތްވެއެވެ. މިފަދަ ކަންތައްތައް މިގޮތަށް ހަމަޖެހުމުން ނުސީދާކޮށް އައިޑީކާޑުހެއްދުމަށް ނުވަތަ މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު އާކުރުމަށް ބާރުލެވެއެވެ. ކަމާއިބެހޭ ފަރާތުގެ ބާރުލުމެއްނެތިއެވެ. ސަބަބަކީ ވަރަށް ގިނަފަހަރަށް އައިޑީ ކާޑާއި ނުލައި ވަރަށްގިނަ މުހިއްމު ޚިދުމަތްތައް ހޯދުމަށް އުނދަގޫވާނެތީވެއެވެ.

މިފަސޭހަތައް މިހެން ހުއްޓަސް ބައެއްފަހަރު ރާއްޖޭގައި އައިޑީ ކާޑު ބޭނުންކުރެވެނީ، އެ ކާޑުގެ ބޭނުންކުރަންޖެހޭގޮތަށް ބާވައޭ ހިތައްއަރާ ފަހަރުފަހަރު އާދެއެވެ. ޚާއްޞަކޮށް ސަރުކާރުގެ ބައެއްދާއިރާތަކުން ކަންތައްތަކަށް އެދޭއިރުގައެވެ. ސަރުކާރުގެ ގިނަ ދާއިރާތަކުން ޚިދުމަތަށް އެދޭއިރު އައިޑީ ކާޑުގެ ފޮޓޯކޮޕީއެއް އޮތުމަށް ލާޒިމްކުރެއެވެ. ހަމަމިގޮތަށް ކުންފުނިތަކުގެ ބޯޑު މެންބަރުންގެ އިންތިޚާބު އޮންނައިރުވެސް ޖަލްސާ އަށް ޙާޒިރުނުވާ ޙިއްޞާދާރުން ވޯޓްދޭން އެދޭނަމަ އެތަނުންދޫކުރާ ފޯމަކާއި އެކު އައިޑީކާޑުގެ ކޮޕީއެއް އޮތުމަށް ލާޒިމްކުރެއެވެ. އޭރު ފޯމްގައި އޮންނަނީ އައިޑީކާޑު ނަންބަރާއި ކުންފުނިންދޫކުރާ ޙިއްޞާގެ ސެޓްފިކެޓްގެ ނަންބަރުވެސް ލިޔެފައެވެ. ސަރުކާރުގެ އެއް އޮފީހަކުން ބޭނުންވަނީ އައިޑީ ކާޑުގެ ކުލަ ކޮޕީއެކެވެ. އައިޑީކާޑުގެ ކުލަ ކޮޕީއެއް ހަދައިގެންދާއިރު އެ ފެންވަރާއި ކައިރިކުރާ ހިސާބަކަށްވެސް އެތަނުންދޭ ޚިދުމަތެއް ނުދެވެއެވެ.

ސަރުކާރުގެ ތަފާތު ފަރާތްތަކުންނާއި ސަރުކާރާއި ރައްޔިތުންގެ ހިއްޞާ އޮންނަ ކުންފުނިތަކުންނާއި، ބައެއް އަމިއްލަ ފަރާތްތަކުން، ފަރުދުންގެ ޒާތީ މަޢުލޫމާތުހިމެނޭ އައިޑީ ކާޑުގެ ބައިވަރު ކޮޕީތައް ގިނަގިނައިންގުޅެއެވެ. އެތަންތަނުންދޭ އެކިއެކި ޚިދުމަތަށް އައިޑީ ކާޑުގެ ކޮޕީ އަކާއި އެކު އެދެންޖެހޭތީވެއެވެ. މީގެ އެންމެ ތާކުންތާކު ނުޖެހޭ ކަމަކީ އައިޑީކާޑުގެ ކޮޕީ ހިފައިގެން އެހެންމީހަކު ދާއިރު އެއީ ރަގަޅު މަޢުލޫމާތުތޯ ބެލުމަށް ފޯނުން ނުވަތަ އެފަދަ އެހެން ވަސީލަތަކުންވެސް ޗެކްކޮށްލަނީވެސް ވަރަށް މަދު ފަރާތަކުންކަމަށްވާތީވެއެވެ. ދިވެހި ބޭންކުން އެކައުންޓަށް ފައިސާދައްކާ ޗެކެއް ހިފައިގެން ދިއުމުންވެސް ޗެކް ހިފައިގެންދާ މީހާގެ އައިޑީކާޑު ދައްކަން ބުނެއެވެ. ކޮންމެ މީހަކު ޗެކް ގެންދިޔައަސް އެކައުންޓަށް ޖަމާކުރާ ޗެކެއްގެ ފައިސާ އެހެން އެކައުންޓަކަށް ޖަމާކުރެވޭނެގޮތެއް ނުއޮންނާނެއެވެ.

އައިޑީކާޑަކީ މުހިއްމު އެއްޗެއް ކަމަށް އެންމެންވެސް ޤަބޫލުކުރެއެވެ. އަދި ކޮންމެ މީހެއްގެ އަތުގައިވެސް ކާކުކަންދެނެގަންނަ ލިއުން އަބަދު އޮތުމުގެ މުހިއްމުކަން މިހާރު ގިނަމީހުން ޤަބޫލުކުރެއެވެ. އެހެންނަމަވެސް ސަރުކާރުގެ އެއް އޮފީހަކުން އެތަނުގެ ޚިދުމަތަކަށް އެދުމުން އެތާގައި އައިޑީކާޑު ބާއްވައެވެ. ބައެއްފަހަރު ދެތިން ހަފްތާ ވާންދެންވެސް ބާއްވައެވެ. އެމީހާ އެދުނު ޚިދުމަތް "ޕުރޮސެސް" ނުކުރެވިގެންނެވެ. މިކަމުގައި ކުރެވޭނެ މާބޮޑުކަމެއް ނުއޮވެއެވެ. ބައެއް އަމިއްލަ ފަރާތްތަކުންވެސް އެފަރާތުން ޚިދުމަތް ދިނުމުގައި އައިޑީކާޑަށް އެދެއެވެ. ފިހާރައަކުން ދެލި ކާޓުރިޖެއް ގަންނަން އައިޑީކާޑުގެ ނަންބަރު ހޯދަންޖެހޭ އެއްވެސް ސަބަބެއް ނޭނގެއެވެ. ދެލި ވިއްކާ މީހާ ބުނާގޮތުގައި އޭނާގެ ސިސްޓަމްގައި އައިޑީކާޑް ނަންބަރު ޖަހަން ޖެހެއެވެ. އެކަމުގައި އޭނާދޭނެ އިތުރު ޖަވާބެއް ނުއޮވެއެވެ.

ރާއްޖޭގައި ފަރުދީ އަމިއްލަ ޙައްޤުތަށް ރައްކާތެރިކުރުމުގެ ޤާނޫނެއް ނެތުމުން ކުރިން ދެންނެވުނު ބާވަތުގެ މައްސަލަތައް އެބަކުރިމަތިވެއެވެ. ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުންވެސް މިފަދަ ކަންކަމާއިމެދު ވިސްނެވޭހެން ހީއެއްނުވެއެވެ. އަދި ބައެއް އޮފީސްތަކުގައި ކަންކަމަށް އެދުމުން އައިޑީ ކާޑުގެ އަސްލު ބާއްވަނީ އޮފީހުގެ އެންމެ އިސްފަރާތަށް ނޭނގިކަމަށް ވެސް ވެދާނެއެވެ. އަދި މަސައްކަތުގައި އުޅޭ މީހުންނަށް އައިޑީ ކާޑުގެ ޙަޤީޤީ މުހިއްމުކަން ނޭނގެނީ ކަމަށް ވެސް ވެދާނެއެވެ.

ރާއްޖޭގައި އައިޑީކާޑުގެ ކޮޕީ ހައްދަނީ ރެކޯޑު ބެލެހެއްޓުމުގެ ބޭނުމަށް ވުރެ ބޮޑަށް ދެއްކުންތެރިކަމާއި ޒަމާނީ ގޮތަށް އޮފީހުގެ މަސައްކަތްތައް ބައްޓަން ކުރެވިފައިވާކަން ދެއްކުމަށް ކަމަށް ފެނެއެވެ. އައިޑީކާޑުގެ މަޢުލޫމާތު ހޯދުމުގެ ޤައުމީ އުޞޫލުތަކެއް ކަނޑައެޅެން ވެއްޖެއެވެ. މިފަދަ އުސޫލެއް ނުވަތަ ޤަވައިދެއް ނުވަތަ ޤާނޫނެއް ނެތުމުން ބައެއް ފަރާތްތަކުން މާބޮޑު ބޭނުމެއްނެތި ބައެއް މީހުންގެ އަމިއްލަ މަޢުލޫމާތު ހޯދަމުން ގެންދަނީ އެވެ. ކޮންމެ ކަމެއްގައި ވެސް އިމެއް އޮންނަން ޖެހެއެވެ. މިކަމުގައި ވެސް އިމަކަށް މިހާރު ބޭނުންވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް