ރާއްޖޭގެ މިހާރުގެ ސަރުކާރާއި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރާއްޖޭގައި އަމަލުކުރެވޭ ޤާނޫނުއަސާސީ އާއި ޚިލާފަށް ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ބޭއްވުމަށް ކޮމަންވެލްތުގެ މިނިސްޓްރީއަލް އެކްޝަން ގްރޫޕް )ސީމެގް) އިން ގޮވާލެއްވުމެވެ. ކޮންކަމެއްގެ މައްޗަށް ބިނާކުރެއްވުމަށްފަހުގައިތޯއެވެ؟ ކޮން ހޯއްދެވުންތަކެއް ހޯއްދެވުމަށްފަހުގައިތޯއެވެ؟ ކޮންދިރާސާއެއް ކުރެއްވުމަށްފަހުގައިތޯއެވެ؟ ކޮން ތަޙްޤީޤެއްކުރެއްވުމަށްފަހުގައިތޯއެވެ؟ އެބޭފުޅުންނަށް އެ ނިންމެވުމާއި ހަމައަށް ވަޑައިގެންނެވުނުގޮތެއް، އެބޭފުޅުންގެ އެއްވެސް ރިޕޯޓަކުން މިއަދާއި ހަމައަށް ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާއަކަށް ހޮވިވަޑައިގަންނަވާފައި ހުންނެވި ބޭފުޅަކު އެމަނިކުފާނުގެ ރިޔާސީ ދައުރު ފުރިހަމަކުރެއްވުމުގެ ކުރިން، އެމަނިކުފާނުގެ މަޤާމުން ވަކިވެވަޑައިގަންނަވައިފިނަމަ ކަންތައް ކުރަންޖެހޭ އުޞޫލު، ރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިއޮވެއެވެ. އެ މަޤާމާއި ނައިބު ރައީސް ހަވާލުވެވަޑައިގެންނެވުމެވެ. ހިނގަމުންދާ ރިޔާސީ ދައުރެއް ނިމެންދެން ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ދެމި ހުންނަވާގޮތަށެވެ. ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާފަދަ ޚާއްޞަ ޙާލަތެއްނައިސް، އެމުއްދަތުގެ ކުރިން، ރިޔާސީ އިންތިޚާބެއް ބާއްވާނަމަ މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީގައި އެފުރުޞަތު ތަނަވަސްކޮށްދިނުމަށް އިޞްލާޙެއް ގެންނަންޖެހެއެވެ. އެ އިޞްލާޙް ގެންނަންވީ ކާކު ބުނެގެންތޯއެވެ؟ ކީއްކުރަންތޯއެވެ؟ ކޮންބޭނުމެއްގައިތޯއެވެ؟ އެ އިޞްލާޙް ގެންނަންވީ ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގުރޫޕް(ސީމެގު) ގެ އެދުމަށްތޯއެވެ.؟ އެބޭފުޅުން އެގޮތަށް ބޭނުންފުޅުވަނީ ކީއްވެގެންތޯއެވެ؟ދައުރެއްގެތެރޭގައި ރައްޔިތުންގެ ރުހުން ސަރުކާރަކަށް އޮންނަ މިންވަރުޑެމޮކްރެޓިކް ނިޒާމުގައި ބެލެވެނީ ބޭއްވޭ ބައި އިލެކްޝަންތަކުންނެވެ. ސަރުކާރު ބަދަލުވުމަށްފަހު ރާއްޖޭގައި ބޭއްވުނު ފުރަތަމަ ބައި އިލެކްޝަނުގައި ވެރިކަން ކުރާ ޕާޓީން މަޖިލީހުގެ ދެގޮނޑިވެސް ކާމިޔާބުކުރެއްވިއެވެ. އަދި ބައެއް ކައުންސިލް އިންތިޚާބުވެސް ކާމިޔާބުކުރެއްވިއެވެ. މިފަދަ ކަންކަމުގެ ބެލެނިވެރި ހުރިހާ ފަރާތަކުންނާއި އިދިކޮޅު ޕާޓީންވެސްވަނީ އެ އިންތިޚާބުތައް ރަގަޅުކަމަށް ޤަބޫލުކޮށްފައެވެ. މިހެން މިކަން އޮތްއިރު ސީމެގުން ދައްކަވަން މިއުޅުއްވަނީ ކޮން މަންޒަރެއްތޯއެވެ؟ ސީމެގު އިން މިވެދެވަޑައިގެންނެވެނީ ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށްކަން އެމާތް ފުންނާބު އުސް ބޭފުޅުންނަށް އެނގިވަޑައިގަންނަވާބާވައެވެ؟ މިޒަމާނުގައި، ޑެމޮކްރެޓިކް ނިޒާމުގައި ކަންކަން ހިނގާގޮތް ފުންނާބު ތިރި މީހުންނަށްވެސް އެނގެއެވެ. މިޒަމާނުގައި ޑެމޮކްރަސީގައި "ފަހުބަސް" ބުނާފަރާތެއް ނުހުރެއެވެ.

ކޮމަންވެލްތުއަކީ ގިނަ މެންބަރުންތަކުގެ މައްޗަށް އެކުލެވިގެންވާ ބޮޑު ޖަމްޢިއްޔާއެކެވެ. ކޮމަންވެލްތުގައި އާބާދީ އެއް ބިލިއަނަށްވުރެ ބޮޑެތި ޤައުމާއި ދިހަހާސް މީހުންގެ އާބާދީގެ ކުދި ޤައުމުވެސް ހިމެނެއެވެ. ކޮމަންވެލްތު އުފެއްދުމުގެ ބޭނުމަކީ އިނގިރޭސި ވެރިކަމުގެ ދަށުގައި ހުރި ޤައުމުތައް މިނިވަންވުމުން، އެ ޤައުމުތަކާއި ކުރިމަތިވާ ގިނަ ތަރައްޤީގެ އަދި އިޖުތިމާޢީ ގޮންޖެހުންތަކަކީ އެއްްމުލަކުން އަތުވެދާނެ ކަންކަމަށްވާތީވެ، އެކަންކަމާއި ބެހޭގޮތުން މަޝްވަރާގެ މަޖިލީސްތަކުގައި ގޮތެއް ނިންމުމެވެ. ޚިޔާލު ބަދަލުކުރުމެވެ. ތަޖުރިބާތައް ޙިއްސާ ކުރުމެވެ. އަދި ޑެމޮކްރަސީ ހަރުދަނާކުރުމަށް މަސައްކަތް ކޮށް އެއްބަޔަކު އަނެއް ބަޔަކަށް ވެދެވެން އޮތް އެހީއެއް ވެދެވެން އޮތް ފެންވަރެއްގައި ވެދިނުމެވެ.

ރާއްޖޭގެ ވެރިކަން ބަދަލުވީ ރާއްޖޭގެ އެއްވެސްމީހަކުވެސް ހީކުރިގޮތަކަށެއް ނޫނެވެ. ޚިޔާލަށްވެސް ގެނެވުނުގޮތަކަށެއް ނޫނެވެ. ރާއްޖޭގެ ކުރީގެ ރައީސް ވެރިކަމުގެ މަޤާމުން އިސްތިޢުފާ ދެއްވުމަށްފަހު ޤައުމާއި މުޚާތަބުކުރެއްވި ތަޤްރީރުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އެމަނިކުފާނު ވެރިކަމުން ދުރުވެވަޑައިގަތީ އަމިއްލަފުޅަށްކަމަށެވެ. ތެދުފުޅެކެވެ. ވެރިކަމުން ދުރުވެވަޑައިގެންނެވިއިރު ރާއްޖޭގެ ސިޔާސީ މާޙައުލުއޮތީ ވަރަށް ހޫނުކޮށެވެ. އަދި މާލެ "ކެކިއުތުރި އަރަނީ"އެވެ. އެހެންނަމަވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއިރު، އެމަނިކުފާނުގެ ބޮޑީލެންގުވޭޖުން(ހަށިގަނޑުގެ ގުނަވަންތައް ހަރަކާތްތެރިކުރާގޮތުން) ގަދަކަމުން ވެރިކަަމުން ބޭލިކަމުގެ ކުޑަވެސް ނިޝާނެއް ނުފެނެއެވެ. ހާސްކަމާއި، ކަންބޮޑުވުމާއި، މާޔޫސްކަމާއި،ދެރަވުން ފެނެއެވެ. ކޮމަންވެލްތު ކަހަލަ މުއައްސަސާއަކުން ބޭނުން ނަމަ އެތަނުގެ ތަޙްޤީޤު މުއްސަދިކުރުމުގެ ގޮތުން ދުނިޔޭގެ ނަން މަޝްހޫރު ބޮޑީ ލެންގްވޭޖް ތަޖުރިބާކާރެއްގެ އެހީވެސް ހޯދިދާނެއެވެ. ސަބަބަކީ ވެރިކަން ބަދަލުވިގޮތުގެ ތަޙްޤީޤެއް "ރަގަޅަށް ގެންދިއުމަށް" ފަށާނެ ހިސާބެއް ނިމޭނެ ހިސާބެއް ހޯދަން އުނދަގޫވާނެތީވެއެވެ. މިކަމުގައި އުޅޭނީ ދެ ޙީޔާލެއްގެ ބައެކެވެ. ކޮންމެގޮތެއް މެދުވެރިވެގެންކަމަށްވިޔަސް މިންވަރުކުރެއްވި ބަދަލަށް ތާއީދުކުރާ ބަޔަކާއި ބަދަލަށް ތާއީދު ނުކުރާބައެކެވެ. އެއްބަޔަކު ބުނާނީ ބާޣީންނެވެ. އަނެއްބަޔަކު ބުނާނީ ޣައްދާރުންނެވެ.

ރާއްޖޭގައި ވެރިކަން ބަދަލުކުރެވުނީ އަސްކަރީ ބާރުންކަމަށް ވާނަމަ، ވެރިކަން ބަދަލުވުމަށްފަހު، އަސްކަރިއްޔާއަށް ލިބޭ ފައިދާތަކެއް ފެންނަންވާނެއެވެ. ޔުނިފޯމް އެއްލާލުމަށްފަހު، ސަރުކާރުގެ މަތީ މަޤާމްތަކަށް ބަދަލުވެފައިވަނީ އެތަނުން ކިތައްމީހުންތޯއެވެ؟ އެމީހުންގެތެރެއިން ކެބިނެޓްގައި ބައިވެރިވަނީ ކިތައްމީހުންތޯއެވެ؟ ނުވަތަ ބޮޑެތި ކުންފުނިތަކުގެ ޗެއަރމަންކަމުގައި ތިބީ ކިތައްމީހުންތޯއެވެ؟ އަދި އެކަކުވެސް ނުފެނެއެވެ. ސަރުކާރުގެ ބައެއް މަތީ މަޤާމްތަކުގައި ތިއްބެވި އަސްކަރީ ފަހަތެއް އޮތް ދެތިންބޭފުޅަކީ މާކުރިންވެސް އެބޭފުޅުން އަދާކުރެއްވި މަޤާމު ދޫކުރެއްވުމަށްފަހު އާދައިގެ ރައްޔިތުންގެ ގޮތުގައި އުޅުއްވި ބޭފުޅުންނެވެ. އެބޭފުޅުންގެ ޚިދުމަތުގެ ދައުރުގައި އަދާކުރައްވާފައިވަނީވެސް އެބޭފުޅުން މަސައްކަތްކުރެއްވި މުއައްސަސާތަކުގެ އެންމެ އިސް މަޤާމެއް ނޫނެވެ. އެބޭފުޅުން ސަރުކާރުގައި ބައިވެރިވެވަޑައިގެންފައިވަނީ "ޓެކްނިކަލް" ފަހަތެއް އޮތް ބޭފުޅުންގެ ގޮތުގައެވެ. އެބޭފުޅުން ކުރިން މަސައްކަތްކުރެއްވި ދާއިރާ އަށް ތަޖުރިބާއާއިއެކު ޚިދުމަތްކުރެއްވުމަށެވެ. މިހެންވުމާއިއެކު، ވެރިކަމުގައި ހުންނެވި ބޭފުޅަކު އަސްކަރިއްޔާއިން، ގަދަބާެރުން ވެރިކަމުން ދުރުކުރެވުނު ވާހަކައަކީ ހެއްކެއްނެތް، ޤަރީނާއެއް ނެތް، ވާހަކައެކެވެ. ހަމައެކަނި ވާހަކައެކެވެ. ފުލޯކެކެވެ.

ސީމެގުގެ މެންބަރުންގެ ގޮތުގައި އާބާދީ ބޮޑެތި ޤައުމުތަކުގެ ވަޒީރުންވެސް ތިއްބަވާފާނެއެވެ. ކުދިއާބާދީގެ ޤައުމުތަކުގެ ވަޒީރުންވެސް ތިއްބަވާފާނެއެވެ. ވަރަށް ޢިލްމީ ބޭފުޅުންވެސް ތިއްބަވާފާނެއެވެ. ތަޖުރިބާކާެރު ބޭފުޅުންވެސް ތިއްބަވާފާނެއެވެ. އަދި އަޅުގަނޑުމެންގެ ޤައުމުގެ ރައްޓެހިންވެސް ތިއްބަވާފާނެއެވެ. އެހެންނަމަވެސް މަންދިޤުގެ އުޞޫލުން އެއްޗެއް ދަންނަވާނަމަ ދެންނެވޭނީ ދިވެހި ރާއްޖޭގައި ވެރިކަން ބަދަލުވިގޮތާއި، އަވަސް އިންތިޚާބެއް ބޭއްވުމަށް އެމުއައްސަސާއިން ގޮވާލެއްވި ގޮވާލެއްވުމަކީ، ރާއްޖޭގެ ޤާނޫނުތަައް ދިރާސާކުރެއްވުމެއްނެތި، ރާއްޖޭގެ ކުރީގެ ސިޔާސީ މާހައުލާއި، މިހާރުގެ ސިޔާސީ މާހައުލު ފުންކޮށް މުރާޖާކުރެއްވުމެއްނެތި، އަވަސް އަރައިގަނެގެން ނިންމެވި، ޒިއްމާދާރުކަން ކުޑަ، އެ މުއައްސަސާއިން ލަދުގަންނަންޖެހޭ ފެންވަރުގެ ނިންމެވުމެއްކަމަށެވެ. ގޯސް ހެދުމުގައި ކުޑައެއް، ބޮޑެއް، މޮޅެއް، ދެރައެއް، މުއްސަންޖެއް، ފަޤީރެއް ނުއޮންނާނެއެވެ. ކޮންމެ ބަޔަކު ހެދިއަސް ގޯސްވާނީ ގޯހަށެވެ. މީގެ އެންމެ ހެއްވާ ކަމަކީ ސީމެގުން ނިންމަވާ ނިންމެވުމަކީ ރާއްޖޭގައި ހަރުދަނާ ޑެމޮކްރަސީއެއް ޤައިމުކުރުމަށް ނިންމަވާ ނިންމެވުން ކަމަށް ފޫޅުކަނޑާލާކަމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް