ކޮމަންވެލްތަކީ ގިނަ އެހީތަކެއް ރާއްޖެއަށް ދެމުން އަންނަ ޖަމްޢިއްޔާއެކެވެ. އެޖަމްޢިއްޔާއިން މެންބަރު ޤައުމުތަކަށް އެހީވެދިނުމުގައި އުސޫލީ ފަސޭހަތަކެއްވެސް ހުރެއެވެ. އެޖަމުޢިއްޔާގައި ހިމެނޭ ގިނަ ޤައުުމުތަކަކީ ކުދި ޤައުމުތަކަށްވުމުން މެންބަރު ޤައުމުތަކާއި ކުރިމަތިވާ ތަރައްޤީގެ ގިނަ ހުރަސްތައްވަރަށް އެއްގޮތެވެ. އެހެންކަމުން ދިމާވާ މައްސަލަތަކަށް ތަޖުރިބާގެ އަލީގައި، ރަގަޅު އަވަސް ހައްލެއް ހޯދުމަށްވެސް ބައެއްފަހަރު އެއްވިސްނުމެއްގައި މަސައްކަތްކުރުން ފަސޭހަވެގެންދެއެވެ. ކޮމަންވެލްތުގައި ހިމެނޭ ހުރިހާ ޤައުމަކީވެސް ކޮންމެވެސް އިރެއްގައި، ކޮންމެވެސް މިންވަރަކަށް އިނގިރޭސިންގެ އިސްތިޢުމާރީ ކުޑައިގެ ހިޔާ ލިބިފައިވާ ޤައުމަށްވުމާއި އެކު އެޤައުމުތަކާއި ދިމާވާ ގިނަ މައްސަލަތަކުގައި އެއްގޮތްކަމެއް ހުރެއެވެ. ޚާއްޞަކޮށް އެފްރިކާ އާއި އޭޝިޔާ އާއި ދެކުނު އެމެރިކާގެ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައެވެ.

ފެށުނީއްސުރެ އަޅުގަނޑުމެންގެ ރާއްޖެއާއި އެންމެ ބޮޑު ގުޅުމެއް އޮންނަ ދެ ޤައުމަކީ އިންޑިއާ އާއި ސްރީލަންކާއެވެ. އަޅުގަނޑުމެންގެ ރާއްޖެ އާއި ކުރިމަތިވާ ކޮންމެ ކަމަކާއި އެދެ ޤައުމުން އަޅުގަނޑުމެންގެ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އާދެއެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ބޭރުގެ ބޭންކަކީ އިންޑިއާގެ ބޭންކެކެވެ. އަޅުގަނޑުމެންގެ ރާއްޖެ އަށް އެންމެ ފުރަތަމަ ދާއިމީ ގޮތަކަށް ވައިގެ ދަތުރުފަތުރު ކުރަންފެށީ އިންޑިއާގެ އެއަރލައިނަކުންނެވެ. އަޅުގަނޑުމެންގެ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވި ބޮޑުވަޒީރަކީ އިންޑިއާގެ ބޮޑުވަޒީރެކެވެ. އަޅުގަނޑުމެންނާއި ޓެރަރިޒަމް އާއި ބަލިމަޑުކަމުގެ ރޯގާގެ ދަތިތަކާއި ކުރިމަތިވުމުންވެސް އެންމެ ފުރަތަމަ އެހީ ފޯރުކޮށްދޭ ޤައުމުތަކުގެ އެންމެ ކުރީގައި އޮންނަނީ އިންޑިއާއެވެ. މީގެ އިތުރަށް އެކި ފެންވަރުގައި އިންޑިއާގެ ސަރުކާރުންވަނީ ވޭތުވެދިޔަ އަހަރުތަކުގައި އެތަކެއްސަތޭކަ މިލިއަން ޑޮލަރުގެ އެހީ ތަފާތުގޮތްގޮތަށް ރާއްޖެ އަށް ވެދީފައެވެ. ހަމައެފަދައިން ސްރީލަންކާއަކީވެސް އެޤައުމުގެ ފެންވަރުން ރާއްޖެ އަށް އެހީތެރިވެދޭ ޤައުމެކެވެ. ސްރީލަންކާ ބޮޑަށް ބެލެވިފައި އޮންނަނީ ރާއްޖޭގެ ބައިނުލްއަޤްވާމީ ދޮރޯށި ހުޅުވުމުގެކުރިން ރާއްޖެ އަށް އެކިއެކި ކަންކަމުގައި މަގު ފަހިކުރުމަށާއި، ރާއްޖޭގެ ރައްޔިތުންގެ ބޭސްފަރުވާ އާއި ވިޔަފާރީގެ ކަންތައްތަކާއިގެން ކުރިޔަށް ދިއުމަށް މެދުވެރިއެއްގެގޮތުގައި އޮންނަ ޤައުމެއްގެ ގޮތުގައެވެ. ރާއްޖޭގެ އެންމެ އަވައްޓެރި، އެންމެ ގާތް އެކުވެރި ޤައުމެވެ. މިދެ ޤައުމަކީވެސް ކޮމަންވެލްތުގެ ދެ ޤައުމެވެ.

ދިވެހިރާއްޖެކަހަލަ ކުޑަ ޤައުމަކަށް މައްސަލައެއް ދިމާވުމުން އެކަމާއިބެހޭގޮތުން ކޮމަންވެލްތުފަދަ ޖަމްޢިއްޔާތަކުގެ ކޮމިޓީތަކުން މަސައްކަތްކުރާނެގޮތަކަށް ބަލާލަމާތޯއެވެ؟ އެފަދަ ކޮމިޓީތަކުގައި ހިމެނޭ ގިނަ ޤައުމުތަކުން، ރާއްޖެކަހަލަ ކުޑަކުޑަ ޤައުމެއްގައި ހިނގާ ކަމަކާއިމެދު މާބޮޑު ޝަޢުޤުވެރިކަމެއް ނުއޮވެދާނެއެވެ. އެބޭފުޅުންގެ ޚިޔާލު ފާޅުކުރައްވާނީ ހުށައެޅިފައިއޮންނަ މައްސަލައަކާއިބެހޭގޮތުން ތައްޔާރުކޮށްފައި އޮންނަ ރިޕޯޓެއްގެ މައްޗަށެވެ. އެކަމަކާއިމެދު ޝަޢުޤުވެރިކަންހުންނަ ޤައުމަކުން ހުށައެޅިފައި އޮތް މައްސަލައެއް ވަކިގޮތަކަށް ނިންމުމަށް ބޭނުންވާނަމަ ކޮމިޓީގެ މެންބަރުންގެ އަރިއަހަށް ވަޑައިގެން އެފަރާތެއް ތަރުޙީބުދެއްވާކޮޅަކަށް ބުރަވެވަޑައިގެން ވާހަކަ ދައްކަވާފާނެއެވެ. އަދި އެފަރާތުން ބޭނުންވާގޮތަކަށް އެކަމެއް ނިންމުމަށް ވޯޓުދެއްވުމަށް އެދިވަޑައިގަންނަވާފާނެއެވެ. ނުފޫޒުގަދަ ބިޔަ ޤައުމަކުން މިފަދަ މަސައްކަތެއް ކޮށްފިނަމަ، މިފަދަ ކޮމިޓީތަކުގައި އެފަރާތަކުން އެދޭގޮތަކަށް އެފަދަ ކަމެއް ނިމިގެންދިއުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގައިވެސް ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މައްސަލައިގައި، މިފަދަގޮތަކަށް ކަންތައްތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ.

އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި ސީމެގުން ދިވެހިރާއްޖެ އާއި މެދު ގެންގުޅުއްވާ ޚިޔާލަކީ ނުވަތަ ސިޔާސަތަކީ، ޒިއްމާދާރުކަން ކުޑަ، ޑެމޮކްރަސީ އާއި ފުށުއަރާ ޚިޔާލެއްކަމުގައިވިޔަސް، އަޅުގަނޑުމެން މަސައްކަތްކުރަންވާނީ ޒިއްމާދާރުކަމާއި އެކުގައެވެ. އެކަކު ގޯހެއް ހެދީތީވެ، އަނެކަކުވެސް ގޯހެއް ހަދައިގެންނުވާނެއެވެ. ރާއްޖެ އާއި ދަތިތަކާއި ކުރިމަތިވާއިރު، ރާއްޖެ އާއި އަބަދުވެސް ގާތްކަން ބާއްވާ ރާއްޖޭގެ އެންމެ އެކުވެރި ޤައުމުތަކުން އިޚްލާޞްތެރިކަމާއި އެކު އެހީތެރިވެދޭނެކަމާމެދު ޝައްކެއްނެތެވެ. އެހެންނަމަވެސް އޭގެ މާނައަކީ ރާއްޖެ ހިތްހަމަނުޖެހޭގޮތަށް ކަންތައްކުރާ ހުރިހާ ފަރާތްތަކާއި ގުޅުން ކަނޑާލުމެެއް ނޫނެވެ.

ކޮމަންވެލްތުން ވަކިވުމަށް ރާއްޖޭގެ ބައެއް ފަރާތްތަކުން ވާހަކަ ދެއްކެވުމަކީ ސިޔާސީ ނަޒަރަަކުން ބަލާއިރު، އެފަދަ ވާހަކައަކުން ލިބިދާނެ ފައިދާއަކަށްވުރެ ބޮޑަށް ގެއްލުންބޮޑުވާނެ ވާހަކައެކެވެ. ކޮމަންވެލްތުން ވަކިވުން ދުރުގައި ބާއްވާފައެވެ. ކޮމަންވެލްތުން ދިިވެހިިރާއްޖެ ވަކިވުމުން އެ ޖަމުޢިއްޔާއަށް ލިބޭނޭ އެއްވެސް ގެއްލުމެއް ނެތެވެ. އުނދަގުލެއް ވިއްޔާ ވާނީ ދިވެހިރާއްޖެއަށެވެ. ދަތުރުފަތުރުކުރުމުގައިވެސް ކޮމަންވެލްތުގެ ޤައުމަކަށްވެއްޖެނަމަ ބައެއް ޙާލަތުގައި، ބައެއް ޤައުމުތަކުގައި މެންބަރު ޤައުމުތަކަށް ފަސޭހަތަކެއް ލިބިގެންދާތީވެއެވެ.

ސިޔާސީ ވާދަވެރިން، ބައިނުލްއަޤްވާމީ ޖަމުޢިއްޔާއެއްގެ ސިޔާސަތާއިމެދުހިތްހަމަނުޖެހިގެން، އެޖަމުޢިއްޔާއަކުން ވަކިވުމާއި ބެހޭގޮތުން ދައްކާ ވާހައިގެތެރެއަށް ސަރުކާރުންވަނުމަކީ، ރަގަޅު، ސިޔާސީ ވިސްނުމަކަށް ނުވެދާނެއެވެ. ކޮމަންވެލްތުގެ ޝަރުތުތަކަށް ރާއްޖެ ނުފެތިގެން އެޖަމުޢިއްޔާ އިން ރާއްޖެ ވަކިކުރުމަށް ނިންމައިފިނަމަ، އެއީ އެޖަމުޢިއްޔާގެ ނިންމުމެކެވެ. އެކަމުގެ ސަބަބުން ރާއްޖެއާއި އުނދަގޫތަކާއި ކުރިމަތިލާންޖެހުނަސް، އެކަމާއި ބެހޭގޮތުން ރާއްޖެއިން ކުރާނެކަމެއް ނުއޮންނާނެއެވެ. ރާއްޖެއަކީ ކޮމަންވެލްތަށް ފަހުން ވަން ޤައުމަކަށްވުމާއިއެކު ކޮމަންވެލްތުގައި ނުހިމެނި އުޅުމުގެ ތަޖުރިބާއެއްވެސް ރާއްޖެއަށް ލިބިފައިވާނެެއެވެ.

ޤައުމުތަކެއްގެ މައްޗަށް އެކުލެވިފައި އޮންނަ ބައިނުލްއަޤްވާމީ ޖަމުޢިއްޔާއަކުން ވަކިވާ ވާހަކަ ރާއްޖެކަހަލަ ކުޑަ ޤައުމަކުން ދެއްކުމަކީ ޤައުމަށް އެންމެ ފައިދާހުރިގޮތަކަށްްނުވެދާނެއެވެ. އެފަދަޖަމުޢިއްޔާއަކުން ވަކިވުމާއިބެހޭގޮތުން ބަހުސަކަށް ދިއުމަކީވެސް ބުއްދިވެރިކަމަކަށް ނުވެދާނެއެވެ. ސަބަބަކީ އެފަދަ ބަހުސެއްގެތެރޭގައި، ޑިޕްލޮމެޓިކްގޮތުން ބަލައިގަންނަ ސުލޫކީ މިންގަނޑުން ބޭރުން ވާހަކަ ދެއްކޭނެތީވެއެވެ. އެފަދަވާހަކަތަކުން އެޖަމުޢިއްޔާއަކާއިމެދު އޮންނަ ގުޅުމަށް ހީނަރުކަމެެއް އަތުވެދާނެތީވެއެވެ.ބައިނުލްއަޤްވާމީ ބައެއް ޖަމުޢިއްޔާތަކުން ކުރާ ބައެއް މަސައްކަތައް ފާޑުކިޔާ، އެފަރާތްތަކުގެ ނިންމުންތައް ދޯދިޔާކަމުގެ ވާހަކައާއި ދެކޮޅުނުޖެހޭ ވާހަކަ ދެއްކުމަކީ މުޅިން އެހެން މައްސަލައެކެވެ. އެއީ އަޅުގަނޑުމެންނަށް ލިބިފައިވާ ޑެމޮކްރެޓިކް ޙައްޤެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް