ކަރަންޓު ލިބުމުން އެސްޓީއޯގެ މަސައްކަތްތައް އަލުން ފަށައިފި

އެސްޓީއޯ ހެޑް އޮފީސް

މިއަދު 11:30 އިން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރާގައި އެސްޓީއޯ ހެޑް އޮފީހަށް ހޮނު އެޅުމާ އެކު ކަރަންޓު ކެނޑިފައި ވަނިކޮށް، އަލުން ކަރަންޓުދީ މަސައްކަތްތައް ފަށައިފި އެވެ.

އެސްޓީއޯގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުސްލިހު މަސީހު ވިދާޅުވީ، އެސްޓީއޯގެ ހެޑްއޮފީހަށް ހޮނުއެޅުމާ އެކު މުޅި އެ އިމާރާތުން ކަރަންޓް ކެނޑުނު ކަމަށެވެ. އަދި ސްޓެލްކޯގެ ޓީމެއް ގޮސް ބެލި ކަމަށެވެ.

ނަމަވެސް މިހާރު އަލުން ކަރަންޓު ދިނުމަށް ފަހު އަލުން މަސައްކަތްތައް ފަށާފައިވާ ކަމަށާއި ބޮޑު ގެއްލުމެއް ވެފައިވޭތޯ ބަލަމުން އަންނަ ކަމަށް މުސްލިހު ވިދާޅުވި އެވެ.

މުސްލިހު ވިދާޅުވީ އެ ހާދިސާގައި އެއްވެސް މުއައްޒަފަކަށް ގެއްލުމެއް ވެފައިނުވާ ކަމަށެވެ.

އެސްޓީއޯ ހެޑް އޮފީހަކީ އެކުންފުނީގެ އިދާރީ މަސައްކަތްތައް ހިންގާ އޮފީހެވެ. ކުންފުނީގެ އިސްވެރިން ވެސް މަސައްކަތް ކުރައްވަނީ އެއޮފީހުގަ އެވެ.

މާލެއަށް ކުރަމުންދާ ވިއްސާރާގައި މިހާރު ވަނީ މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެފަ އެވެ. މެޓު އޮފީހުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. މޫސުން ގޯސްވެ ކަނޑުގަދަވުމާއި ގުޅިގެން މ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށް 12:10 އިން ފެށިގެން 2:10 އާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.

މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުތެރޭ ވެސް މޫސުން ގޯސްވާނެ ކަމަށާއި ހާއްސަކޮށް މެދު ރާއްޖޭތެރޭގެ އަތޮޅުތަކުގެ މޫސުން ގޯސްވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ހުރިހާ ހިސާބަކަށް ވެސް ކަނޑުގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް