ސޯޝަލް ސެންޓަރު ފުރަގަހަށް ސުނާމީ ބިނާ ބަދަލު ކުރަން ހައުންސިން މިނިސްޓްރީ އިން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ސުނާމީ ބިނާ މަޖީދީމަގު ހުޅަނގު ފަރާތުން ބޮޑުތަކުރުފާނު މަގާ ގުޅޭ ދިމާލު މޫދު ތޮށިގަނޑާ ދިމާލަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އެބިނާ ބަދަލުކުރާ ދުވަހާއި އެ މަސައްކަތުގެ ތަފްސީލް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ސުނާމީ ބިނާ މިހާރު އިން ސަރަހައްދުން ބަދަލުކުރަނީ ހުޅުލެ-މާލެ ބްރިޖް ގުޅުވާނީ ހުޅުލޭ ދެކުނު ފަރާތުން ރަންވޭ ކޮޅުން ފެށިގެން މާލޭ އިރު ދެކުނު ފަރާތު ސުނާމީ ބިނާ ސަރަހައްދަށް ކަމަށް ވާތީ އެވެ. ސުނާމީ ބިނާ މިހާރު ހުރި ސަރަހައްދަކީ ބްރިޖުގެ ލޭންޑިން ސަރަހައްދެވެ.
ސުނާމީ ބިނާއަކީ ރާއްޖޭގެ އެކިއެކި ރަށްރަށަށް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާ އާއި އެ ކާރިސާގައި ނިޔާވެގެން ގޮސްފައިވާ ދިވެހިންގެ ހަނދާނުގައި އަޅާފައިވާ ބިނާއެކެވެ. އެ ހާދިސާގައި ރާއްޖެ އިން 82 މީހަކު މަރުވި އެވެ. އަދި އެތައް ބަޔަކު ގެއްލުނެވެ.
އެ ބިނާއަކީ 108 ސްޓެއިންލެސް 84 ދަގަނޑު ރޮޑް ވަށްކޮށް އަތުރާލައިގެން ހަދާފައިވާ ބިނާއެކެވެ. އެ ކޮންމެ ހޮޅިއެއް ނިސްބަތް ވަނީ އެ ހިތާމަވެރި ސުނާމީ ކާރިސާގައި މަރުވެފައިވާ ދިވެއްސެކެވެ. އެކި ސައިޒުގެ ހޮޅި ބޭނުންކޮށްފައިވުމުން އެކަމުން ދައްކުވައި ދެނީ އެބިރުވެރި ހާދިސާގައި ދުނިޔެ ދޫކޮށް ދިޔައީ އެކި އުމުރުގެ މީހުން ކަމެވެ. އެ ބިނާ އިތުރަށް ފުރިހަމަކުރަން ބޭނުންކޮށްފައިވާ އެލްމިނިއަމް 20 ބޯޅައިން ދައްކައިދެނީ ޖަޒީރާ ރަށްތައް އެކުލެވިގެންވާ އަތޮޅުތަކެވެ.