ކުއާލަލަމްޕޫރު، މެލޭޝިއާ (އޭޕީ) - ގެއްލިފައިވާ މަތިންދާބޯޓް އެމްއެޗް370ގެ ފިޔަގަނޑެއްގެ ބައެއް އިންޑިއާ ކަނޑުގައިވާ ފްރާންސްގެ ޖަޒީރާއެއްކަމަށްވާ ރިޔޫނިއަން އިން ފެނުމުން އެ މަތިންދާބޯޓްގެ އިތުރު ބައިތައް ފެނޭތޯ އެރަށް ވަށައިގެން ހޯދަން ފަށައިފިއެވެ.
ފްރާންސް ސަރުކާރުން ބުނީ ރިޔޫނިއަން ވަށައިގެން ބަލައި ހޯދުމުގެ މަސައްކަތް އެއް ހަފުތާއަށް ދެމިގެންދާނެ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. ފްރާންސްގެ އޯވަސީސް ޑިޕާޓްމެންޓްގެ ޕްރިފެކްޓް ޑޮމިނިކް ސޮރެއިން ބުނީ ހެލިކޮޕްޓަރަކާއި ކަނޑު އުޅަނދު ބޭނުންކޮށްގެން ހިންގާ އެ ހަރަކާތުގައި ރިޔޫނިއަން ޖަޒީރާގެ އިރުމަތީ އައްސޭރިން ފެށިގެން 120 ކިލޯމީޓަރުގެ ސަރަހައްދެއް ބަލާނެ ކަމަށެވެ.

ރިޔޫނިއަންގެ ކަނޑުގެ ސަރަހައްދު ، ފްރާންސް ސިފައިން ބަލަނީ. ފޮޓޯ:އޭޕީ
ސޮރެއިން ބުނީ މިދިޔަ ހަފްތާއިން ފެށިގެން ރިޔޫއިންއިން ފެނުނު އިތުރު އެތައް އެއްޗެއް ވަނީ ތަހުގީގުކުރުމަށް ގެންގޮސްފައި ކަމަށެވެ. ނަމަވެސް އެހުރިހާ ތަކެއްޗަކީ އެމްއެޗް370 ގެ ތަކެތި ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ އަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.