ޖަޕާނުގައި ރާއްޖެ އިޝްތިހާރުކުރަން، މެލޭޝިއަން އެއާލައިންސްއާ ގުޅިގެން ވެބިނާއެއް ބާއްވައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން މެލެޝިއާ އެއާލައިންސް އާ ގުޅިގެން, ޖަޕާނުގައި ޑެސްޓިނޭޝަން ޕްރެޒެންސް ހަރުދަނާކުރުމަށް ވެބިނާއެއް ބާއްވައިފިއެވެ.

އެމްއެމްޕީއާރުސީން ބުނީ، މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ދާއިރާގެ ފަރާތްތަކާއެކު ޑެސްޓިނޭޝަން އަޕްޑޭޓްތައް ހިއްސާކޮށްގެން ޕޮޒިޓިވް މީޑިއާ ކަވަރޭޖް އުފެއްދުމާއި ޖަޕާނުގެ ފަތުރުވެރިން އެންމެ ދާން ބޭނުންވާ މަންޒިލަކީ ރާއްޖެކަން ކަށަވަރު ކުރުން ކަމަށެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި މި ޕްރޮގްރާމުގައި، މެލޭޝިއާ އެއާލައިންސް އަދި މެލެޝިއާ އާއި ތައިލެންޑު ޓޫރިޒަމް އޮތޯރިޓީންނާއި ރާއްޖޭގެ ފަރާތުން ޕްރޮޒެންޓޭޝަންތައް ހުށަހަޅާފައިވެއެވެ.

ޖަޕާނު މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓަކަށް ވާއިރު، އަހަރުގެ މިހާތަނަށް އެ ގައުމުން ވަނީ 9333 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

އެމްއެމްޕީއާރުސީން ބުނީ ޖަޕާނުގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މިންވަރު އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ. މިގޮތުން، އެ ގައުމުގެ ބޮޑެތި ސިޓީތަކުގައި ކުރާ އިޝްތިހާރުތަކާއި ޖަޕާނު ބަހުން ސޯޝަލް މީޑިއާގެ ކުރާ ކެންޕޭންތައް ހިމެނެއެވެ.

comment ކޮމެންޓް