ހުޅުމާލޭގައި އިމާރާތްކުރާ ޓާޝަރީ ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިފި

ހުޅުމާލޭގައި އަލަށް އިމާރާތް ކުރާ ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރުމަށް ބިންގާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާއި ޗަމްޕާ މުހައްމަދު މޫސާ(އުއްޗު) އަޅުއްވައިދެއްވަނީ-- ފޮޓޯ ރައީސް އޮފީސް

ހުޅުމާލޭގައި އަލަށް އިމާރާތް ކުރާ ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރުމަށް ބިންގާ އަޅުއްވައިފި އެވެ.

ހުޅުމާލޭގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތެއްގައި އެ ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާއި ޗަމްޕާ މުހައްމަދު މޫސާ(އުއްޗު) އެވެ.

ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ތުރުކީގެ އަލައިކް ޓާމަކްސްއާ އެވެ. އަދި ހޮސްޕިޓަލު މެނޭޖްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ރަމްސޭ ސިމް ޑާބީއާ އެވެ.

ޗަމްޕާ ބްރަދާސްގެ ޗެއާމަން ހުސައިން އަފީފު ވިދާޅުވީ، ހަމަ އެކަނި ހޮސްޕިޓަލުގެ އިމާރާތަށް ވެސް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ހަރަދުވެގެންދާނެ ކަމަށާއި އަދި ހޮސްޕިޓަލުގެ ހުރިހާ މަސައްކަތެއް ނިމިގެންދާއިރު އެއަށް ވުރެ ވެސް އިތުރުވެގެން ދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ހުޅުމާލޭ "ޓްރީ ޓޮޕް ހޮސްޕިޓަލް" ގެ ކުރެހުމެއް -- ސަން ފައިލް ފޮޓޯ

އަފީދު ވިދާޅުވީ އެ ހޮސްޕިޓަލް އިމާރާާތް ކުރާ ބިން އެބޭފުޅުން ގަނެފައި ވަނީ ހަތަރު މިލިއަން ޑޮލަރަށް ކަމަށް ވާއިރު ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް މިއަދު މެންދުރު ފަހު ފެށޭނެ ކަމަށެވެ.

"އަންނަ އަހަރުގެ ނޮވެމްބަރު މަހު މި ބިލްޑިން ހުންނާނީ ނިމިފައި އިރާދަކުރެއްވިއްޔާ،" އަފީފު ވިދާޅުވި އެވެ.

އަފީފު ވިދާޅުވީ އެ ހޮސްޕިޓަލް އިމާރާތް ކުރުމަށާއި އެހޮސްޕިޓަލް ހިންގުމަށް ކަމާ ގުޅުން ހުރި ތަޖުރިބާ ކާރުންނާއި ހަވާލުކޮށްފައިވާ އިރު އެ ހޮސްޕިޓަލަކީ މިސަރަހައްދުގައި ހުރި އެންމެ ރަނގަޅު ހޮސްޕިޓަލަކަށް ވެގެންދާނެ ކަމަށެވެ.

އަފީފު ވިދާޅުވީ އެބޭފުޅުންގެ އުންމީދަކީ އެ ހޮސްޕިޓަލުގައި ހިދުމަތް ދިނުމަށް ގިނަ ދިވެހިން ތިބުން ކަމަށާއި އެންމެ އުފާވާނެ ދުވަހަކީ އެ ހޮސްޕިޓަލްގެ ހުރިހާ ޑޮކްޓަރުންނާއި ނަރުހުންނަކީ ދިވެހިން ކަމަށް ވުން ކަމަށެވެ.

"ސީ އެމްޑާބީ އެއީ ހޮސްޕިޓަލް ހިންގާ މީހުންނާއި ވާހަކަ ދައްކައިގެން މިހާރު ހުރޭ ޓުރެއިން ކޮލެޖް، އަޅުގަނޑުމެން މިހާރު މިބަލަނީ މިތަނުން ނަރުސް ކޮލެޖުން ފާސްވެގެން އެކޮޅަށްގޮސް ކޮންމެވެސް ވަރަކަށް ޓުރެއިނިން ދެވޭތޯ." އަފީފު ވިދާޅުވި އެވެ.

ހުޅުމާލޭ ޓާޝަރީ ހޮސްޕިޓަލް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަންފޮޓޯ/ހައްމާދު

ޖުމްލަ 159 އެނދުގެ އެ ހޮސްޕިޓަލު އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ދެ ބްލޮކަކަށެވެ. އެގޮތުން ބަލިމީހުންނާ ގުޅުހުރި ހުރިހާ މަސައްކަތަކަށް އެއް ބްލޮކް އަދި މުވައްޒަފުންގެ އެކޮމޮޑޭޝަނަށް އަނެއް ބްލޮކް ހާއްސަކުރެވިގެންދާނެ ކަމަށް ޓްރީޓޮޕް އިންވެސްޓްމެންޓުން ބުންޏެވެ. އޭގެ އިތުރުން ބަލިމީހާ އެޑްމިޓް ކުރާ ހިސާބުން ފެށިގެން އާއިލާގެ މެންބަރުންނަށް ވެސް އެކޮމޮޑޭޝަން ހަމަޖެހޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

މިހާރު ރާއްޖޭން ފަރުވާ ލިބެން ނެތް ބޮޑެތި ބަލިތަކަށް ވެސް ފަރުވާ ލިބޭގޮަތަށް ހިދުމަތްދިނުމަށް ހަމަޖެހިފައިވާ އެ ހޮސްޕިޓަލު އިމާރާތްކޮށް ނިންމުމަށް ކަނޑައަޅާފައި ވަނީ 2016 ނޮވެމްބަރުގަ އެވެ. އަދި ހޮސްޕިޓަލު ހުޅުވުމަށް ކަނޑައަޅާފައިވާ ތާރީހަކީ 2017 މާޗު އެއްވަނަ ދުވަހެވެ.

ހޮސްޕިޓަލްގެ މަސައްކަތް ކުރާ ޓްރީ ޓޮޕް އިންވެސްޓްމެންޓްގައި ހިއްސާވާ ރާއްޖޭގެ ކުންފުނިތަކަކީ ޗަމްޕާ ބްރަދާސް އާއި ކްރައުން ކޮމްޕެނީ އާއި ކާސާ ހޯލްޑިންގްސް އާއި ކުރެއްދޫ މޯލްޑިވްސް ހިމެނެ އެވެ.

comment ކޮމެންޓް