ޗައިނާގައި ދާދި ފަހުން ހުޅުވި ހޮޓަލެއް ހަނދާން އެބަހުރި ހެއްޔެވެ؟ އެހެން ހޮޓާތަކާ ހިލާފަށް މި ހޮޓަލުގައި މަސައްކަތް ކުރުމަށް ތިބެނީ ރޮބޮޓުންނެވެ. އެއީ އިންސާނުން މިއަދު ބިރުގަންނަން ޖެހޭ ކަމެކެވެ. މިއަދު އެ މެޝިންތައް ތިބީ ހަމައެކަނި ރިސެޕްޝަންތަކުގަ އެވެ. ނަމަވެސް މާދަމާ ކިތައް މީހުންގެ މަގާމަށް އެ މެޝިންތައް އަރާނެ ހެއްޔެވެ؟
ރަނގަޅު ވަސީލަތްތަކާއި އެހެނިހެން ސަބަބުތަކާހުރެ އިންޑަސްޓްރިއަލް ރޮބޮޓުތަކުގެ އަގު ވެއްޓެމުން ދަނީ އަޅުގަނޑުމެން ބިރުގަންނަން ޖެހޭ ފަދަ ހަލުވި މިނެއްގަ އެވެ. ސަބަބަކީ ރޮބޮޓުތަކުގެ އަގުތައް ތިރިވުމުގެ ސަބަބުން އާންމު ސަރަހައްދުތަކުގައިވެސް އެތަކެތި ބޭނުން ކުރާ އަދަދު ގިނަވެގެން ދާނެތީއެވެ. އެއާއެކު އާންމު މަސައްކަތްތަކުގައި އުޅުނު އިންސާނުންގެ ބަދަލުގައި މަސައްކަތް ކުރާނީ "ހަމަވިސްނުން" ނެތް ރޮބޮޓެކެވެ.
ރޮބޮޓުތަކަކީ އިންސާނުން ފަދައިން މުސާރަ ދޭން ޖެހޭ ތަކެއްޗަށް ނުވުމަކީ އޭގެ އެންމެ ބޮޑު އެއް ފައިދާއެވެ. އެހެން ކަމުން ބޮޑެތި ކުންފުނިތަކުގެ ބައެއް އިދާރާތަކުން އިންސާނުން ވަކި ކުރުމަށްފަހު ރޮބޮޓުތައް ބޭނުން ކުރުން އަންނަނީ އާންމުވާން ފަށައިފަ އެވެ. އެއާއެކު އުފެދޭ އެންމެ ބޮޑު ކަންބޮޑުވުމަކީ އިންސާނުންނަށް އޮތް ވަޒީފާގެ ފުރުސަތުތައް ހަނިވެގެން ދިޔުމެވެ.
ބޮސްޓޮން ކޮންސަލްޓެންޓް ގްރޫޕުން ކުރި ތަހުގީގުތަކަށް ބަލާއިރު ވަޒީފާގެ ދާއިރާތަކުގެ 10 ފަސެންޓް މަސައްކަތްތައް އަދު ކުރަމުން އަންނަނީ ރޮބޮޓުންނެވެ. އަދި 2025 އަށް ވާއިރަށް އެ އަދަދު 25 ޕަސެންޓަށް ބޮޑުވެގެން ދާނެ ކަމަށް އެ ރިޕޯޓު ބުނެއެވެ.
ނަތީޖާއެއްގެ ގޮތުން 2025 ވާންވާއިރަށް ލޭބާ ކޯސްޓު 16 ޕަސެންޓް ދަށަށް ދާނެ ކަމަށް ރިސާޗުތަކުން ދައްކައެވެ.
ބޮސްޓޮން ކޮންސަލްޓިންގެ ސީނިއާ ޕާޓްނަރެއް ކަމަށްވާ ހޭލް ސާކިން ވިދާޅުވީ ރޮބޮޓުތަކުގެ ބޭނުން ބޮޑުވުމުގެ ސަބަބުން އެފަދަ ރޮބޮޓުތައް އޮޕަރޭޓް ކުރުމަށް ހާއްސަ ހުނަރުގެ މީހުންނަށް އޮތް ޑިމާންޑު ބޮޑުވެގެން ދާނެ ކަމަށެވެ.
ސައިންސް ފިކްޝަން ފިލްމުތައް ބަލާ ކަމުގައިވާނަމަ ރޮބޮޓުންނާއި އިންސާނުން އެއް ހަމައަށް ގެނައުމުން ރަނގަޅު ގޮތެއް ދުވަހަކުވެސް ނުވާކަން އެނގެއެވެ. އެގޮތުން ދާދިފަހުން އޭއެމްސީ އިން ދައްކަން ފެށި ސީރީޒް "ހިއުމަންސް" އަށް ބަލައިލަމާ ހިނގާށެވެ.
ޕެރަލެލް ޔުނިވާސް އެއް ދައްކުވައިދޭ އެ ޓީވީ ސީރީޒްގައިވެސް އަލި އަޅުވާލަނީ އިންސާނުންނާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ރޮބޯޓުތަކެކެވެ. ސީރީޒް އިން ދައްކައިދެނީ އެންމެ މަގުބޫލު އެއްޗަކީ "ސިންތް"ގެ ނަން ދެވިފައިވާ އެންޑްރޮއިޑްތަކެއް އިންސާނުންގެ ގޭގޭގައި ކަންތައް ކުރުމަށް ގަނެގެން އުޅޭ މަންޒަރުތަކެވެ.
އެފަދަ ރޮބޮޓުތަކުގެ ސަބަބުން ގޭތެރޭގެ ހުރިހާ މަސައްކަތްތައް ކުރުމުގެ އިތުރުން އެހެން މަސައްކަތްތައްވެސް ކުރެވޭ ކަމަށް ސީރީޒް އިން ދައްކައިދެއެވެ. ސިއްހަތު ބެލަހެއްޓުމަށްވެސް އޭގެ ސިންތް ތަކެއް ތިބެއެވެ.
ރޮބޮޓުތައް އެހާ ފުޅާ ދާއިރާއެއްގައި ހަގީގަތުގައިވެސް ބޭނުން ކުރަން ފަށައިފި ކަމުގައިވާނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އޭރުން ގޭގޭގައި މަސައްކަތް ކުރުމަށް އެއްވެސް މަސައްކަތު މީހެއް ނެތް އިރު ގޭގެ އެއްވެސް މީހެއްވެސް އެ މަސައްކަތްތަކެއް ނުކުރާނެއެވެ. އަދި ނަރުހުންނަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެމީހުންގެ ވަޒީފާތަކަށް ވާނީ ކިހިނެއް ހެއްޔެވެ؟
"ރިޕީޓުކޮށް ނުހުއްޓައި މަސައްކަތްތައް ކުރުމުގައި ރޮބޮޓުތައް މާ ބޮޑަށް ރަނގަޅުވާނެ. އެއްވެސް ކަހަލަ 'އެރާ'އެއް ނާރުވައި އެއް މަސައްކަތެއް ރޮބޮޓުތައް ކުރާނެ. އަދި އެއީ އިންސާނުންނަށް ދައްކަން ޖެހޭ ފައިސާގެ 10/1 އަދަދު ރޮބޮޓުންނަށް ހަރަދުވާނީ،" ރޮބޮޓުން އިހްތިޔާރު ކުރުމާއި އެކަމުގެ ފައިދާ އާ ބެހޭގޮތުން ހޭލް ސާކިން ވިދާޅުވިއެވެ.
ނަމަވެސް ރޮބޮޓުތަކުގެ އިމްޕްލިމެންޓޭޝަނާއެކު ގެއްލިގެންދާނީ ކޮން ވަޒީފާތަކެއް ހެއްޔެވެ؟ ޔޫސީއެލްގެ ސައިންސް އެންޑް ޓެކްނޮލޮޖީ ޑިޕާޓްމެންޓްގެ ރިސާޗަރެއް ކަމަށްވާ ޑރ. މެގީ އެޑެރިން ޕޮކޮކް ވިދާޅުވީ ކުރިއަށް އޮތް 50 ވަރަކަށް އަހަރުތެރޭގައި ކުޑަކުދިންނާއި ދުވަސްވީ މީހުން ބަލަހައްޓާ ތަންތަނުގައި މަސައްކަތް ކުރާ އިންސާނުން ތިބޭނީ ރޮބޮޓުން "ރީޕްލޭސް" ކޮށްފައި ކަމަށެވެ.
އޭނާ ގަބޫލު ކުރައްވާ ގޮތުގައި ރޮބޮޓުން މަސައްކަތް ކުރާނީ އިންސާނުންނަށް އެންމެ ކަމުނުދާ ދާއިރާތަކުގައެވެ. އެގޮތުން ވޯޑެން އާއި އެސްޓޭޓް އޭޖެންޓުންނާއި ކާރުގެ ސޭލްސްމޭންގެ މަގާމުތަކުގައި ކުރިއަށް އޮތް މުސްތަގުބަލުގައި ރޮބޮޓުން މަސައްކަތް ކުރުމަކީ ކައިރީގައި އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރޮބޮޓުތައް އެހާ ފުޅާދާއިރާއެއްގައި ބޭނުން ކުރަން ފަށާއިރު އޭގެ ސަބަބުން ކުރިމަތިވެދާނެ އިތުރު ބިރުވެރި ކަމެއް އޮތް ކަމަށް ގިނަ ސައިންޓިސްޓުން ބުނެއެވެ. އެއީ އިންސާނުންނަށްވުރެ އެތަކެތި ވަރުގަދަ ވުމެވެ. އާޓިފިޝަލް އިންޓެލިޖެންސްގެ ކުޅަދާނަކަން އިތުރުވުމެވެ.
މަޝްހޫރު ފިޒިސިސްޓް އަދި ކޮސްމޯލޮޖިސްޓް ސްޓެފެން ހޯކިން ބުނީ އެފަދަ މެޝިންތަކުގައި އަމިއްލައަށް ވިސްނުމުގެ ބާރު ދިނުމާއި އިންސާނުންނާ ވައްތަރުވާ ގޮތަށް ތައްޔާރު ކުރަމުން ދިޔުމުގެ ސަބަބުން އިންސާނުންނަށް އަނދިރި ކުރިމަގަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
ވަޒީފާގެ ފުރުސަތުތައް ގެއްލުމަށް އޮތް ބިރު އެއްބައި ގައުމުތަކަށްވުރެ އަނެއްބައި ގައުމުތަކުގައި ގިނައެވެ. އެގޮތުން އެކަމުގެ ބިރު އެންމެ ބޮޑަށް އޮތީ ޗައިނާ އާއި ޔުނައިޓެޑް ސްޓޭޓްސް އާއި ޖަޕާނާއި ޖަރުމަނު އަދި ދެކުނު ކޮރެއާއަށެވެ. ސަބަބަކީ ރޮބޮޓުތައް ގަނެހަދާ ގައުމުތަކުގެ 80 ޕަސެންޓް ކަވަރު ކުރަނީ އެ ގައުމުތަކަށް ވާތީ ކަމަށް ގިނަ ރިސާޗަރުން ބުނެއެވެ.