ދާދި ފަހުން މިއައީ ކުއްލި ދަތުރެއްގައި, އާއްމުކޮށް ދިވެހީން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކުންނެވެ. އެ ގައުމުގައި އެތައް ސަތޭކަ ދިވެހީންނެއް ފަރުވާއަށް ގޮސް އެބަތިއްބެވެ. އަބަދު ވެސް އަވައްޓެރި ގައުމުގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގެ ތެރެއިން ދިވެހިން ނުފެންނަ ތަނެއް މަދެވެ. އިންޑިއާގެ ޓްރިވެންޑްރަމް، ކޮޗިން އަދި ބެންގަލޫރު ފަދަ ސިޓީތަކާއި، ސްރީލަންކާގެ ކޮލަމްބޯގެ ހޮސްޕިޓަލްތަކަކީ ދިވެހިންގެ ދެވަނަ ގެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހޮޓާތަކުގެ ލޮބީތަކާއި، ކާން ދާ ރެސްޓޯރެންޓުތަކުން ވެސް ބައްދަލުވަނީ ހަމަ ދިވެހިންނާއެވެ. މިއީ އާ މަންޒަރެއް ނޫނެވެ.
ކުއްލިއަކަށް މީހުން މިހާރު އެހާ ގިނަވުމަކީ ނިމިދިޔަ އިންތިޚާބުގެ އަސަރު ކަމަށް ދިވެހީން ޑޮކްޓަރަށް ދައްކަން އުޅޭ އެޖެންޓުން މަޖަލަކަށް ހަދާފައި ކިޔައި އުޅުނު ނަމަވެސް، މީގެ އަޑީގައި ވަނީ ޒަމާންވީ، އެކަމަކު ހައްލު ނުލިބޭ ބޮޑު މައްސަލައެކެވެ. އެއީ ރާއްޖޭގެ ސިއްހީ ނިޒާމަށް އެތައް ބަޔަކު އިތުބާރު ނުކުރާ ކަމެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު އޮތީ ބަލިމީހާއަށް އެކަށީގެންވާ ފަރުވާ ދެވޭ ވަރަށް ވުރެ ބަލިކަށިކޮށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ވާހަކަ ދެކެވުނު ގިނަ ދިވެހީންގެ އެންމެ ބޮޑު ޝަކުވާއަކީ ބަލި ދެނެގަތުމުގައި ހެދޭ ގޯސްތަކާއި، އެކަށީގެންވާ ޓެސްޓްތައް ނުހަދައި ބޭސް ދިނުމެވެ. އުނދަގޫތަކެއް ވެގެން ޑޮކްޓަރަށް ދެއްކުމުން، ބަލީގެ އަސްލު ސަބަބު ހޯދުމުގެ ބަދަލުގައި ލަފާކުރާ ގޮތެއްގެ މައްޗަށް ބިނާކޮށް ފަރުވާ ފެށުމަކީ ރާއްޖޭގައި އާންމު ކަމެއް ކަމަށް އެ މީހުން ބުނެއެވެ. ނަތީޖާއަކަށް ވަނީ ބަލި ރަނގަޅު ނުވުމާއި، އިތުރު ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހުމެވެ. ރާއްޖޭން ބޭރަށް ގޮސް ޓެސްޓްތައް ހަދައި، ތަޖުރިބާކާރު ޑޮކްޓަރުންނަށް ދެއްކުމުން ނޫނީ ހަށިގަނޑުގައި އަސްލު ހިނގާ ކަންތައް ސާފު ނުވާ ކަމަށް ގިނަ ބަލިމީހުން ބުނެއެވެ. މިއީ ބަލިމީހާއަށާއި އާއިލާއަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން އުފުލަންޖެހޭ ވަރަށް ބޮޑު ތަކުލީފެކެވެ.

އައިޖީއެމްއެޗްގައި ނަރުހުންތަކެއް ބަލި މީހަކަށް ފަރުވާ ދެނީ-- ފޮޓޯ/ އައިޖީއެމްއެޗް
"ރާއްޖޭގައި ގިނަ ފަހަރަށް ޓެސްޓެއް ނުހަދާ. ހަމަދާއިރަށް ބޭސްތަކެއް ދެނީ. ނޫނީ ހިތްބިރު ގަންނަ ކަހަލަ ވާހަކައެއް ބުނަނީ ރަނގަޅަށް ނުވެސް ބަލާ. މިތަންތަން ނުވާނެ އެހެނެއް. އަންނަ ދުވަހު ޓެސްޓް ހެދޭނެ. ޓެސްޓް ހަދާފައި ނޫނީ ބޭހެއް ނުދޭނެ،" ބޭސްފަރުވާއަށް ގޮސް ހުރި އުމުރުން 84 އަހަރުގެ ދިވެހި ބޭބެއަކު އޭނާގެ ތަޖުރިބާ ހިއްސާކުރަމުން ކިޔައިދިނެވެ.
މިއީ ހަމައެކަނި އެކެއްގެ ޝަކުވާއެއް ނޫނެވެ. ހިތުގެ މައްސަލަތަކާއި، ކިޑްނީގެ ބަލިތަކާއި، ސިސްޓް ފަދަ ބޮޑެތި އޮޕަރޭޝަންތައް ކުރަން ޖެހޭ ކަމަށް ރާއްޖޭގެ ޑޮކްޓަރުން ނިންމި އެތައް ބަޔަކު، ބޭރަށް ގޮސް ހެދި ޓެސްޓްތަކުން އެފަދަ ނުރައްކަލެއް ނެތްކަން އެނގިފައިވެއެވެ. އަދި ރާއްޖޭން ތިއީ ގޭހޭ, މައިގްރޭނޭ ބުނެ ލުއިކޮށް ނެގި އެތައް ކަމެއް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ފަހުން ފާހަގަވެފައި އެބަ ހުއްޓެވެ. މިފަދަ ހާދިސާތަކުގެ ސަބަބުން މުޅި ނިޒާމާމެދު އޮންނަ އިތުބާރު ވަނީ ގެއްލިފައެވެ.
ބޭސްފަރުވާއަށް އަވައްޓެރި ގައުމަކަށް 30 އަކަށް ފަހަރު ގޮސް ހުރި އެހެން ދިވެއްސަކު ފާހަގަކުރި ގޮތުގައި، ރާއްޖެއާ ހިލާފަށް އެ ގައުމުތަކުގައި ފަސޭހަކަމާއެކު އަވަހަށް ޓެސްޓްތައް ހެދެން ހުރެއެވެ.
"މިތަނުގެ ހޮސްޕިޓަލުތަކުން އަމިއްލައަށް ހަރަދުކޮށްގެން ޓެސްޓްތައް ހަދާއިރު ފުލްބޮޑީ އެބަ ހެދޭ ރާއްޖެއަށް ވުރެން މާ އަގު ހެޔޮކޮށް. އަނެއްކާ ބޭނުން ކޮންމެ ދުވަހަކު ޓެސްޓް އެބަ ހެދޭ. ހަމަ އެ ދުވަހު ޑޮކްޓަރަށް އެބަ ދެއްކޭ. އަދި ބަލަ، ކޮންމެ ކޮންމެ އާދައިގެ ޑޮކްޓަރުންނެއް ނޫނޭ. އެތައް އަހަރެއްގެ ތަޖުރިބާ ހޯދާފައި ތިބި ޑޮކްޓަރުންނަށް އެ ދުވަހުން އެ ދުވަހަށް މި ދައްކަނީ. މިއީ މި ދަތުރު އަންނަން ޖެހޭ ސަބަބަކީ،" އޭނާ ކިޔައިދިނެވެ.
ވާހަކަ ދެކެވުނު އެތައް ބައެއްގެ މި ވާހަކަތަކުން ސާފުވަނީ، ފައިސާ ހަރަދުކުރަން ޖެހުނު ނަމަވެސް، ރައްޔިތުން ބޭނުންވަނީ ޔަގީންކަމާއެކު އަވަސް ފަރުވާއެއް ލިބޭނެ ނިޒާމެއް ކަމެވެ.

އަވައްޓެރި ލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެނީ -- ފޮޓޯ: އޭޕީ
ބަލި ދެނެގަތުމުގެ މައްސަލަތަކުގެ އިތުރުން، ބޭހުގެ ފެންވަރާއި ލިބެން ހުންނަ މިންވަރަކީ ވެސް ދިވެހި ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. ރާއްޖޭގެ ބާޒާރުގައި ހުންނަނީ އެންމެ ފެންވަރު ރަނގަޅު ބޭސް ނޫން ކަމަށާއި، ބައެއް ފަހަރު ކޮންމެހެން ބޭނުންވާ ބޭސްތައް ނުލިބުމުގެ މައްސަލަ އާންމުވެފައިވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް އެސެންޝަލް މެޑިސިން ލިސްޓެއް އެކުލަވާލާފައި އޮތް ނަމަވެސް، އެ ލިސްޓުގައި ހިމެނޭ ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެހިފައެއް ނުވެއެވެ. އަދި ބޭސް ސިޓީއަށް ބޭސް ދޫކުރުމުގައި ޖެނެރިކް ބޭސް ބޭނުންކުރުމަށް ބާރުއެޅުމުގެ ސިޔާސަތުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރެވުމަކީ ވެސް މައްސަލައެކެވެ. މިއީ ވެސް ބަލިމީހުން ބޭރު ގައުމުތަކަށް ބަރޯސާވާން މަޖުބޫރުވާ މައިގަނޑު އެއް ސަބަބެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންގެ ތެރެއިން 51 އިންސައްތަ މީހުންގެ މައިގަނޑު ބޭނުމަކީ ސިއްހީ ފަރުވާ ހޯދުމެވެ.
މި ކުރާ ހޭދައިގެ ނަތީޖާއެއް ނެތް؟
މި ހުރިހާ މައްސަލަތަކެއް ހުރިއިރު، އެންމެ ހައިރާންކުރުވަނިވި ކަމަކީ ދައުލަތުގެ ބަޖެޓުން ސިއްހީ ދާއިރާއަށް ކުރާ ބޮޑު ހޭދައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު ސިއްހީ ދާއިރާއަށް 7.46 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިދިޔަ އަހަރު މި އަދަދު ވަނީ 8.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ސިއްހީ ދާއިރާއަށް 8.8 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، އާސަންދަ ސްކީމް މެދުވެރިކޮށް 2024 ވަނަ އަހަރު އެކަނި ވެސް 3.38 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެއް މިލިއަނަށްވުރެ ގިނަ ފަހަރު މީހުން ވަނީ އެ ސްކީމުން ހިދުމަތް ހޯދާފައެވެ. އެހެންނަމަވެސް، މި ބޮޑު ހޭދައާ އެކަށީގެންވާ ފެންވަރުގެ ހިދުމަތެއް ނުލިބޭތީ، ދިވެހިން އިންޑިއާގެ ހޮސްޕިޓަލްތަކަށް އެކަނި ވެސް އަހަރަކު އެތައް ލައްކަ ޑޮލަރެއް އަމިއްލަ ޖީބުން ހަރަދުކުރެއެވެ. މިއީ ގައުމުގެ އިގުތިސާދަށް އޮތް ވަރަށް ބޮޑު ބުރައެކެވެ.
އެހެން ގައުމުތަކުގެ ސިއްހީ ނިޒާމުތަކާ އަޅާބަލާއިރު، ރާއްޖޭގައި އެންމެ ބޮޑަށް އުނިވެފައިވަނީ ޕްރައިމަރީ ހެލްތު ކެއާ ނުވަތަ އަސާސީ ސިއްހީ ފަރުވާގެ ހަރުދަނާ ނިޒާމެކެވެ. ތަރައްގީވެފައިވާ ގައުމުތަކުގައި ބަލިމީހާ އެންމެ ފުރަތަމަ ދައްކާނީ އާއިލީ ޑޮކްޓަރަކަށެވެ. އެ ޑޮކްޓަރު ބަލިމީހާގެ ސިއްހީ މުޅި ތާރީހު ދެނެގަނެ، ބޭނުންވާ ޓެސްޓްތައް ހެދުމަށްފަހު، ހާއްސަ ޑޮކްޓަރަކަށް ދައްކަން ޖެހޭނަމަ ރިފާ ކުރެއެވެ. ނަމަވެސް ރާއްޖޭގައި ގިނަ މީހުން ސީދާ ދަނީ ސްޕެޝަލިސްޓުންނަށެވެ. މީގެ ސަބަބުން ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ، ކޮންމެ ބަލިމީހަކަށް ޑޮކްޓަރު ދޭންޖެހޭ ވަގުތު ކުޑަވެ، ބަލި ދެނެގަތުމުގައި ގޯސްތައް ހެދުމުގެ ފުރުސަތު ބޮޑުވެއެވެ.
މީގެ އިތުރުން، ސިއްހީ ހިދުމަތްދޭ ތަންތަނުގެ ފެންވަރު ކަށަވަރުކުރާނެ ހަރުދަނާ އޮޑިޓިން ނިޒާމެއް ނެތުމަކީ ވެސް އިތުބާރު ގެއްލޭ ސަބަބެކެވެ. ތައިލެންޑް އަދި މެލޭޝިއާ ފަދަ ގައުމުތަކުގެ ހޮސްޕިޓަލްތަކުން ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދެވޭ މައިގަނޑު ސަބަބަކީ އެ ތަންތަނުގައި އޮންނަ ހަރުކަށި ކޮލިޓީ ކޮންޓްރޯލް ނިޒާމެވެ.
ބޭސް ފިހާރައެއްގައި އާސަންދަ ބޯޑެއް:--ސަން ފޮޓޯ/ އިބްރާހިމް ނާއިޝް
ސިއްހީ ނިޒާމަށް ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށްޓަކައި އިންގިލާބީ ބަދަލުތަކެއް ބޭނުންވެއެވެ. ފުރަތަމަ ކަމަކަށް، ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގައި ހަދާ ޓެސްޓްތަކުގެ ނަތީޖާގެ ސައްހަކަން ކަށަވަރުކުރެވޭނެ މިނިވަން ކޮލިޓީ އެޝުއަރެންސް ނިޒާމެއް ގާއިމުކުރަން ޖެހެއެވެ. ދެވަނަ ކަމަކަށް، ޑޮކްޓަރުންގެ ފެންވަރު ބަލައި، މެދުނުކެނޑި ތަމްރީނު ދެވޭނެ މަގު ތަނަވަސްކުރަން ޖެހެއެވެ. އަދި ބަލިމީހުންގެ ޝަކުވާތައް އަޑުއަހައި، އެކަންކަން ތަހުގީގުކޮށް ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއް އޮތުމަކީ މުހިންމު ކަމެކެވެ. ހަމައެއާއެކު، އާސަންދަ ފަދަ ސްކީމްތަކުން ކުރާ ހޭދަ، ހަމައެކަނި ބޭސްފަރުވާއަށް ދިނުމުގެ ބަދަލުގައި، ބަލިތަކުން ރައްކާތެރިވުމަށާއި، ރާއްޖޭގައި ލިބެން ހުރި ވަސީލަތްތައް ތަރައްގީކުރުމަށް އަމާޒުކުރަން ޖެހެއެވެ. މުޅި ރާއްޖެ ގުޅާލެވޭނެ ހެލްތު މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް ގާއިމުކުރުމަކީ ވެސް މިކަމަށް އޮތް މުހިންމު ހައްލެކެވެ.
ސިއްހީ ނިޒާމަށް ރާއްޖޭން ކުރާ ހޭދަ އަހަރުން އަހަރަށް މަތިވަމުން ދިޔަ ނަމަވެސް، އެކަށީގެންވާ ފަރުވާއާއި ބޭސް ނުލިބޭ ކަމުގެ ޝަކުވާއަށް ނިމުމެއް ނެތެވެ. ބިލިއަނުން ހަރަދު ކުރި ނަމަވެސް އިތުބާރު ކުޑައެވެ. ބޮޑު ހޭދައެއް ކުރަން މިޖެހެނީ ބޭރުގެ ގައުމުތަކުގެ ހޮސްޕިޓަލް ތަކަށެވެ. މި ސަލާމަތްކުރެވޭ ފައިސާ، ރާއްޖޭގެ ލެބޯޓަރީތަކާއި ޑައިގްނޯސްޓިކް ވަސީލަތްތައް ހަރުދަނާކޮށް، ބޭހުގެ ފެންވަރު ކަށަވަރުކުރުމަށް އިންވެސްޓް ނުކުރެވިއްޖެނަމަ، ދިވެހިން ފަރުވާ ހޯދަން ބޭރު ގައުމުތަކަށް ކުރާ ދަތުރުތައް ހުއްޓުމަކަށް ނާންނާނެއެވެ. އެކަންކަން ކުރަން ލަސް ވެސް ވެއްޖެއެވެ.