އެމްއެޗް370ގެ ދޮރު ކަމަށް ބެލެވޭ އެއްޗެއް ރިޔޫނިއަނުން ފެނިއްޖެ

ރީޔޫނިއަންގެ ރައްޔިތުން އަތިރިމަތިން ބޯޓުގެ ބައި ހޯދުމަށް މަސައްކަތް ކުރަނީ--- ފޮޓޯ: ޓެލެގްރާފް

މެލޭޝިއާ އެއާލައިންގެ ގެއްލިފައިވާ މަތިންދާ ބޯޓް އެމްއެޗް370ގެ ދޮރު ކަމަށް ބެލެވޭ އެއްޗެއް އިންޑިއާ ކަނޑުގެ ޖަޒީރާއެއް ކަމަށްވާ ރިޔޫނިއަނުން ފެނިއްޖެ އެވެ.

"ބީބީސީ" އިން މިއަދު ބުނި ގޮތުގައި ސެއިންޓް ޑެނިސްގެ ދެކުނުން މިއަދު ފެނުނު ދޮރުގެ ބައިގައި ފޮރިން ލިޔުންތަކެއް ހުރި ކަމަށެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެ ބަހަކީ މެލޭޝިއާގެ ބޯޓުގައި ހުރި ލިޔުންތަކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެމްއެޗް370 ކަމަށް ބެލެވޭ ބޯޓެއްގެ ބައެއް ރީޔޫނިއަނުން ފެނިފަ އެވެ. ތަހުގީގު ކުރުމަށް ހުކުރު ދުވަހު އެބައި ވަނީ ފްރާންސް އަށް ގެންގޮސްފަ އެވެ. ބޮއެންގް 777 ފްލައިޓެއް ކަމަށް ބެލެވޭ އެ މަތިންދާ ބޯޓުގެ ބައިގެ ތަހުލީލުކުރުމަށް ފްރާންސްގެ ޓުލޫސްގައި ބަހައްޓާފައިވާ އިރު އެ މަސައްކަތް ފަށާނީ ބުދަ ދުވަހު އެވެ.

މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ އަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.

comment ކޮމެންޓް