ސުނޯ ފައިބާ ފުޅަނދު: މިރެއާއި މާދަމާ މާލޭގައި، ހޮނިހިރު ދުވަހު ހުޅުމާލެއަށް ގެންދަނީ

މިނިވަން 50އާ ގުޅުވަގެން، މާލޭގެ މަގުތަކުގައި ބޭއްވި ފުޅަނދު ބުރުގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ތައްޔާރުކޮށްފައިވާ ސުނޯ ވެހޭ ފުޅަނދު މިއަދާއި މާދަމާ މާލޭގައި ދައްކާލާ އިރު އަންނަ ހޮނިހިރު ދުވަހު ހުޅުމާލެއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ކުޑަކުދިންގެ ކާޓޫން "ފުރޯޒަން" ކާޓޫންގެ އެ ފުޅަނދަކީ މެޝިނެއްގެ އެހީގައި ސުނޯ ވެހޭ ފުޅަނދެކެވެ. ރޭ 34 ފުޅަނދެއް ދައްކާލާފައިވާ އިރު އެންމެ ގިނަ ބައެއްގެ މަގުބޫލް ކަން ހޯދާފައި ވަނީ އެ ސުނޯ ފުޅަނދެވެ.

މިނިވަން 50އާ ގުޅުވައިގެން، މާލޭގެ މަގުތަކުގައި ބޭއްވި ފުޅަނދު ބުރުގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު

ރޭ ދައްކާލި ފުޅަނދުތައް މިއަދާއި މާދަމާ މާލޭ ސުޓޭޑިއަމް ސަރަހައްދުން ދައްކާލުމަށް ވަނީ ނިންމައިފަ އެވެ. އެ ދެދުވަހު އެމްއޭސީއެލް ފުޅަނދު ބާއްވަނީ ގިނަ މީހުންނަށް ފެންނާނެހެން ބޮޑުތަކުރުފާނުމަގުން މޭރީ ބުރައުން ކުރިމަތީގަ އެވެ. އެވަގުތު އެފުޅަނދު ވަށައިގެން މުޅި ސަރަހައްދަށް ސުނޯ ވެހޭނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

"މިއަދު މޫވްއެއް ނުކުރާނެ، އެހެންވީމަ އޭތި ވަށައިގެން ސުނޯ ފައިބަމުންދާނެ މިއަދު، ސުނޯ އެޅޭނެ މުޅި ސަރަހައްދަށް،" އެމްއޭސީއެލްގެ ފުޅަނދު ހެދުމަށް އިސްކޮށް ހަރަކާތްތެރިވާ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހަންމަދު ނިޔާޒު މިއަދު ސަން އަށް ވިދާޅުވީ އެވެ.

ރޭ ބޭއްވި ފުޅަނދުބުރުތަކުގެ ތެރެއިން: ސަން ފޮޓޯ/ އަލީ ނަސީރު

ބުރާސްފަތި ދުވަހަށް ފަހު ފުޅަނދު ބުރުގެ ހަރަކާތްތައް ނިމުނު ކަމަށްވީ ނަމަވެސް އެމްއޭސީއެލްގެ ފުޅަނދު އަންނަ ހޮނިހިރު ދުވަހު ހުޅުމާލެއަށް ގެންގޮސް އެދުވަހާއި އެރޭ ދައްކާލުމަށް ނިންމާފައިވާ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

comment ކޮމެންޓް