ފޭކް އައިފޯނު އުފައްދާ ފެކްޓްރީއެއް ޗައިނާ އިން އަތުލައިގެންފި

އައިފޯން ސިކްސް އެސް ގައި ހުންނާނެ ކަމަށް ބެލެވޭ ޑިޒައިން -- ސަން ފައިލް ފޮޓޯ

ފޭކް އައިފޯނު އުފައްދާ ފެކްޓްރީއެއް ޗައިނާއިން އަތުލައިގަނެ ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.

އެ ފެކްޓްރީގައި މިހާތަނަށް 41،000 ފޭކް އައިފޯނު ހަދައިގެން ވިއްކާފައިވާ އިރު 100 އަށް ވުރެ ގިނަ މުވައްޒަފުން ފޯނު އުފެއްދުމުގައި ހަރަކާތްތެރިވެ އެވެ.

ސްމާޓް ފޯނުގެ އެކި ބައިބައި އެއްކޮށްގެން ހަދާފައިވާ ފޭކް ފޯނުތަކުގެ ޖުމްލަ އަގަކީ 19 މިލިއަން ޑޮލަރު ކަމަށް ފެކްޓްރީ އަތުލައިގެން ސެކިއުރިޓީން ބުނެ އެވެ.

އައިފޯނުގެ އެކިބާވަތްތަކުގެ ފޭކް ފޯނު މީގެ ކުރިން ފެނިފައިވުމާ އެކު އެމްރިކާއިން ވަނީ މީގެ ކުރިންވެސް އެކަން އެކަން ބެލުމަށް ޗައިނާގެ ސެކިއުރިޓީންނަށް އަންގާފަ އެވެ.

ޗައިނާ އަދި އެމެރިކާގެ އުފެއްދުންތަކުގެ ފޭކް ނެރިގެން ބާޒާރުގައި ވިއްކަމުންދާ އަދަދު ގިނަ ވުމާއި ގުޅިގެން ދެގައުމުންވެސް އެއްބަސްވެފައި ވަނީ އެކަހަލަ ކަމެއް ހިނގާނަމަ ދެގައުމުން ވެސް އެހީވުމަށެވެ.

މިފަހަރު މި ފެކްޓްރީ އަތުލައިގެންފައި ޗައިނާއިން ފޭކް އައިފޯނު އުފައްދާ ފެކްޓްރީއެއް އަތުލައިގެންތާ ހަތަރު އަހަރު ފަހުންނެވެ.

މައުލޫމާތު: ބީބީސީ

comment ކޮމެންޓް