ތިނަދޫ ޓީމުން މެޗު ދޫކޮށްލުމުން ޒޯން 7ގެ ޗެމްޕިއަންކަން ގެމަނަފުށްޓަށް

ޒޯން 7 ގެ ޗްމޕިއަން ކަން ހޯދި ގެމަނަފުށީ މަހރަނި ތީމް --- ފޮޓޯ/ ބަށިބޯލް ފައުންޑޭޝަން

ބަށިބޯޅަ ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޒޯން ބަށިބޯޅަ މުބާރަތުގެ ޒޯން 7 ގެ ފައިނަލުގައި ގދ. ތިނަދޫ ޑީބީޓީ ބަށި ޓީމު ނުކުޅެން ނިންމުމުން، މުބާރާތުގެ ޗެންޕިއަންކަން ގއ. ގެމަނަފުށީ މަހާރަނި ޓީމަށް ލިބިއްޖެ އެވެ.

ގެމަނަފުށީ މަހާރަނި ޓީމަށް ޗެންޕިއަންކަން ލިބުނީ ތިނަދޫ ޓީމުގައި އަނިޔާވެފައި ހުރި ކުޅުންތެރިޔެއްގެ ބަދަލުގައި ޓީމް ލިސްޓްގައި ނުހިމެނޭ ކުޅުންތެރިޔަކު ފައިނަލް މެޗަށް ގެނެސްފައިވަނިކޮށް އެ ކުޅުންތެރިޔާއަށް ނުކުޅެވޭނެކަން ބުނުމުން، ތިނަދޫ ޓީމު މެޗު ދޫކޮށްލުމުންނެވެ.

ގއ. ގެމަނަފުށީގައި ކުރިއަށްދިޔަ ޒޯން 7 ގެ މުބާރަތުގެ އިންތިޒާމް ކޮމިޓިގެ ޗެއަޕާސަން މުޙައްމަދު ޝިޔާމް ވިދާޅުވީ ތިނަދޫ ޓީމްގެ ކުޅުންތެރިޔަކަށް އަނިޔާވެފައިވާތީ އެކުޅުންތެރިޔާގެ ބަދަލުގައި އެހެން ކުޅުންތެރިޔަކު ގެނައުމަށް އެޓީމުން ސެޓްފިކެޓް ހުށަހެޅި ކަމަށާއި ނަމަވެސް މުބާރާތުގެ ތެރޭގައި ޓީމްގައި އިތުރު ކުޅުންތެރިޔަކު ހިމެނުމަށް މުބާރަތުގެ ގަވާއިދު ތަން ނުދޭކަމަށް މުބާރަތުގެ އިންތިޒާމް ކޮމިޓީއިން ނިންމުމުން ތިނަދޫ ޓީމުން ކުޅެން ބޭނުން ނުވީކަމަށެވެ.

"ތިނަދޫ ޑީބީޓީ ޓީމުން އަޅުގަނޑު ގާތު ބުނި އަނިޔާގައި ހުރި ކުޅުންތެރިޔާގެ ބަދަލުގައި ކުޅުންތެރިޔަކު ގެނަން ސެޓްފިކެޓް ހުށަހަޅާ ވާހަކަ. އަޅުގަނޑު ދެންނެވިން ސެޓްފިކެޓް ހުށަހަޅާށޭ. ނަމަވެސް ސެޓްފިކެޓް ހުށަހެޅި ނަމަވެސް ކިހިނެތްތޯ މުބާރަތުގެ ގަވައިދުން ބޭރުކަމަކަށް ފުރުސަތު ދޭނީ. މުބާރާތުގެ މެޗް ކޮމިޝަނަރާއި ރެފްރީން ނިންމީ މުބާރާތުގެ ގަވައިދު ތަނެއް ނުދޭ މުބާރާތް ފެށުމަށްފަހު އިތުރު ކުޅުންތެރިޔެއް ޓީމްގައި ހިމަނާކަށް. އެކަމަށް ބަށިބޯޅައިގެ ގަވާއިދު ތަންނުދޭ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ކުޅުންތެރިޔަކު ހިމެނުމަށްފަހު، އެކުޅުންތެރިޔާގެ ބަދަލުގައި އިތުރު ކުޅުންތެރިޔަކު ޖެއްސޭނީ، ކުޅުންތެރިޔަކު މާބަނޑުވުމުން ނުވަތަ އިންޖަރީވުމުން އެކަމަށް މުބާރާތުގެ ކުރިން ސެޓްފިކެޓް ހުށަހެޅުމުން ކަމަށެވެ. ނމަވެސް މުބާރާތް ހިނގަމުން ދަނިކޮށް ބަދަލުގައި އެހެން ކުޅުންތެރިޔަކު ހިމެނުމަށް ޖާގަ ނުލިބޭކަމަށް ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތިނަދޫ ޓީމް މެޗް ކުޅެން އެއްބަސްވޭތޯ ބެލުމަށް މިއަދު ހަވީރު 4:30 އިން 5:30 އާ ހަމައަށް މަޑުކޮށްގެން ތިބިކަމަށާއި ނަމަވެސް އެހާހިސާބަށް ދިޔައިރުވެސް އެޓީމުން މެޗް ކުޅެން ބޭނުން ނުވުމުން ގެމަނަފުށީ ޓީމް މެޗުން މޮޅުވީކަމަށް ނިންމީ ކަމަށެވެ.

ގެމަނފުށީގައި ކުރިއަށް ދިޔަ އެ މުބާރާތުގެ ގުރޫޕް ސްޓޭޖްގައި މި ދެޓީމް ކުޅުނު މެޗް ގެމަނަފުށީ ޓީމް ކާމިޔަބު ކުރީ 22 ލަނޑު 14 ލަނޑުންނެވެ.

ޒޯން ބަށިބޯޅަ މިމުބާރާތަކީ ބަށިބޯޅަ ފައުންޑޭޝަނުން ރާއްޖޭގެ އެކި ޒޯންތަކުން ޗެމްޕިއަން ޓީމް ހޮވުމަށްޓަކައި ބާއްވަމުން އަންނަ މުބާރާތެކެވެ.

comment ކޮމެންޓް