ޝަރުއީ ދާއިރާގެ ފަރާތުން ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުވައިފި

ޝަރުއީ ދާއިރާގެ އެންމެ އިސް ވެރިޔާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު --- ސަން ފައިލް ފޮޓޯ

ރާއްޖޭގެ މިނިވަންކަމަށް 50އަހަރު ފުރޭ މުނާސަބަތުގައި ޝަރުއީ ދާއިރާގެ ފަރާތުން ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުވައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ މިނިވަންކަމަށް 50އަހަރު ފުރޭ މިއުފާވެރި މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް ޚާއްސަ ތަހުނިޔާއަކާއި މުބާރަކް ބާދީއެއް އަރިސްކުރާ ކަމަށެވެ.

އަދުލްއިންސާފު ގާއިމުކުރުމުގެ ބާރުގެ ފަރާތުން ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކޮށް ރޫލް އޮފް ލޯ އާއި ގާނޫނުގެވެރިކަން ނަގަހައްޓައި ދެމެހެއްޓުމުގައި ސާބިތުކަމާ އެކު ތިބޭނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ގާނޫނުގެ ކުރިމަތީގައި ހުރިހާ އެންމެންނަކީވެސް ހަމަހަމަބައެއްކަން ކަށަވަރުކޮށްދިނުމުގައި އެއްވެސް ފަރާތެއްގެ ފިއްތުމަކަށް ނުވަތަ ކުރިމަތިކޮށްފާނެ ބިރަކަށް ޖެހިލުންވުމެއްނެތި، ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތް ކުރުމަށް ސާބިތުކަމާއެކު ދެމިތިބިކަމުގެ ފުރިހަމަ ޔަގީންކަން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ފަރާތުން އެންމެހައި ރައްޔިތުންނަށް ޔަގީންކޮށް އަރުވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

comment ކޮމެންޓް