އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ކައިރިން ވަޅިން ހަމަލާދީ މަރާލި މާލޭ ދަފްތަރު 074 ނޫރު އާދަމް ހަސަންފުޅުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ދެ ކުދިންގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
އެ ދެ ކުދިންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އެންމެ ފަހު ޖުވެނައިލް ކޯޓުގައި ބާއްވާފައި ވަނީ މިއަދު 11:30 އެހާކަންހާއިރު އެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުންނާއި ދައުވާ ލިބޭ ދެ ކުދިންގެ ފަރާތުންް ވެސް ވަނީ ޚުލާސާ ބަޔާން ހުށަހަޅާފައެވެ.
ނޫރު މަރުވެފައި ވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހުގެ ރޭ 1:42 އެހާކަންހާއިރު، އޭނާ އައިޖީއެމްއެޗްގެ އިމަޖެންސީ ގޭޓު ކުރިމަތިން ބުރުޒު މަގުގައި ޕާކްކޮށްފައިވާ ސައިކަލްތަކާ އަރާ ހަމަވި ވަގުތު ސައިކަލްތަކެއްގައި އައި ބަޔަކު އޭނާ އަށް ވަޅިއަކުން ހަމަލަދިނުމުން ލިބުނު ޒަޚަމްތަކަށް ފަރުވާހޯދަމުން ދަނިކޮށެވެ.
ނޫރުގެ މަރާ ގުޅިގެން ޖުވެނައިލް ކޯޓުގައި ދައުވާ އުފުލާފައި ވަނީ ދެ ކުއްޖެއްގެ މައްޗަށެވެ. އެއްކުއްޖެއްގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ހާދިސާ ހިނގިއިރު އެ ކުއްޖާގެ އުމުރަކީ 15 އަހަރެވެ.
ދެވަނަ ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ހާދިސާ ހިނގިއިރު އެކުއްޖާގެ އުމުރަކީ 17 އަހަރެވެ.
ނޫރުގެ ހުރިހާ ވާސިރުން ބުނެފައި ވަނީ މަރުގެ ބަދަލުގައި ބޭނުންވަނީ ގިސާސްހިފަން ކަމަށެވެ.
ނޫރުގެ މަރާ ގުޅިގެން ދެ މީހެއްގެ މައްޗަށް ޖުވެނައިލް ކޯޓުގައި ވެސް ވަނީ ދައުވާ އުފުލައިފައެވެ.