ރައީސް ޔާމީން ދެ މަޖައްލާއެއް ނެރެދެއްވައިފި

ދެ މަޖައްލާ އެއް ނެރުމަށް މުލިއާގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު މިރޭ ދެ މަޖައްލާއެއް ނެރެދެއްވައިފިއެވެ.

މުލީއާގޭގައި އޮތް ރަސްމިއްޔާތެއްގައި ރައީސް ނެރެދެއްވި ދެ މަޖައްލާ އަކީ "3 ހަމަ" މަޖައްލާ އާއި "ރުމާލު 2" މަޖައްލާ އެވެ.

މި ދެ މަޖައްލާ ނެރެދެއްވުމަށް ފަހު ރައީސް ވިދާޅުވީ، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރު ކަމަށާއި ވަކިކޮޅަކަށް ނުޖެހި ތެދުވެރިކަމާއެކު ޚަބަރުފަތުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

" ސަރުކާރަށް ނުކުރެވި ހުރި ކަންތައްތައް ހުރި ކަަމަންވަންޏާ އެކަންކަން ވެސް ހާމަކޮށްދެއްވާށޭ، ހަމައެއާއިއެކީ ސަރުކާރުން ކަންތައްތައް ކުރެވޭ ކަމަށްވަންޏާ ހަމަ ވީހާ ގިނަ މަޖައްލާގެ ހައިސިއްޔަތުން އަދި ވީހާ ގިނަ ނޫސްތަކުގެ ވަސީލަތުން،" ރައްޔިތުންނަށް އެވާހަކަތައް ގެނެސްދިނުމަކީ ބޭނުންތެރިކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން 3 ހަމަ މަޖައްލާގެ ފަރާތުން ވާހަކަދެއްކެވި ހުސައިން ހަނީފް ވިދާޅުވީ، އެ މަޖައްލާގެ މަގުސަދަކީ ސަރުކާރުން ރައްޔިތުނަށްޓަކައި ކޮށްދޭ މަސައްކަތުގެ މައުލުމާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

ރައީސް ޔާމިން 3 ހަމަ މަޖައްލާ ނެރެ ދެއްވަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

" ކުރިއަށް އޮތް ތާގައި 3 ހަމައިގެ ފަރާތުން މި އުއްމީދުކުރަނީ ކޮންމެ ހަފްތާއަކު އެއްފަހަރު މި މަޖައްލާ ނެރުމަށް،" ހަނީފު ވިދާޅުވިއެވެ. އެ މަޖައްލާ މިހާރު ނެރެމުންދަނީ މަހަކު ދެ ފަހަރުއެވެ.

ރުމާލު 2 މަޖައްލާގެ ފަރާތުން ވާހަކަދެއްކެވި އަހުމަދު ނަޝީދު ވިދާޅުވީ އެ މައްޖާލާއިން މަސައްކަތްކުރާނީ އިސް ވެރީންނަށް ސަރުކާރުންކުރާ ކަންތައްތަކުގެ މައުލޫމާތު ގެނެސްދިނުމަށް ކަމަށެވެ.

ރައީސް ޔާމިން ރުމާލު 2 މަޖައްލާ ނެރެ ދެއްވަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

" ކޮންމެ ރުމާލު 2 މަޖައްލާގެ އިންނާނެ ސުވާލެއް. އެ ސުވާލުގެ ޖަވާބު ރަނގަޅުކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނު އަބިކަނބަލުން ދެއްވާ ޚާއްސަ ހައްޖު ދަތުރެއް އޮންނާނެ،" ނަޝީދު ވިދާޅުވިއެވެ.

އެ ސުވާލުގެ ޖަވާބު ދޭން ބޭނުންވާ ފަރާތްތަކުން މަޖައްލާގެ ފޭސްބުކު ޕޭޖަށް ޖަވާބު ފޮނުވުމަށް ވެސް ނަޝީދު އެދިވަޑައިގަތެވެ. އަދި ޖަވާބު ފޮނުވާ ފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑު ނަމްބަރު ޖެހުމަށް ވެސް ނަޝީދު އެދިވަޑައިގެންނެވިއެވެ.

comment ކޮމެންޓް