ޑްރަގު ރިހެބިލިޓޭޝަނަށް އަހަރަކު 46 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކުރޭ: އުމަރު

"ހާފުވޭ ހައުސް" ރަސްމީކޮށް ހޯމް މިނިސްޓަރު އުމަރު ހުޅުވައިދެއްވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

މަސްތުވާތަކެތި ބޭނުން ކުރާ މީހުން އެކަމުން ދުރުކޮށް އަލުން މުޖުތަމައުއަށް ނެރުމަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކަށް އަހަރެއްގެ މައްޗަށް 46 މިލިއަން ރުފިޔާ ސަރުކާރުން އަންނަނީ ޚަރަދު ކުރަމުން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި މިއަދު ހަވީރު ހުޅުވި ހާފުވޭ ހައުސް ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ އެހާ ބޮޑު ހޭދައެއްކޮށްގެން ރިހެބިލިޓޭޝަން ފަރުވާ ދިނުމުން މަސްތުވާތަކެތިން ސަލާމަތްވެ އަނބުރާ މުޖުމައުއަށް ނުކުތުމަށްފަހު "އަނެއްކާވެސް" އެ ވަބާގައި ބައެއް މީހުން ޖެހެމުން އަންނަ ކަމަށެވެ.

ހާފުވޭ ހައުސް ހުޅުވައިދެއްވުމަށްފަހު އެ ރަސްމިޔާތުގައި މިނިސްޓަރު އުމަރު ވާހަކަދައްކަވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

"މި ހާފުވޭ ހައުސްއިން މި ކޮށްދޭ ކަމަކީ މަރުކަޒުގައި ރިހެބިލިޓޭޝަނުގެ ފަރުވާ ނިމިގެން މުޖުތަމައުއަށް އާދެވޭ ދޭތެރޭ ދެމެދުގައި އެމީހުންނަށް އެހީތެރިވެދިނުން އެމީހުންނަށް ވަޒީފާ ހޯދައި ދިނުން. ވަޒީފާގައި އެމީހުން ތިބޭއިރު އެމީހުން މޮނީޓާކޮށް ބެލެހެއްޓުން. އަނބުރާ މިތަނަށް [ހާފުވޭ ހައުސް] އަށް ގެނެސް އެމީހުންގެ ކަންތައްތައް ހުރީ ރަނގަޅަށްތޯ ބަލާ މަޑު މަޑުން އަތް ދޫ ކުރަމުން ކުރަމުން ގެންގޮސް އެއްކޮށް މުޖުތަމައުގެ ތެރެއަށް އަތް ދޫކޮށްލުން،" އުމަރު ވިދާޅުވި އެވެ.

މިނިސްޓަރު އުމަރުގެ ވާހަކަފުޅުގައި ހާފުވޭ ހައުސްގެ ސަބަބުން ސަރުކާރުން ކޮންމެ އަހަރެއްގައި ޚަރަދުކުރާ ފައިސާ ޚަރަދު ކުރެވޭ މަގުސަދު ހާސިލު ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި ދަނީ ރިހެބިލިޓޭޝަނުގެ ނިޒާމު ހިންގުމުގެ މޮޑެލަށް ބަދަލުތަކެއް ގެންނަމުން. އެއީ ރިހެބިލިޓޭޝަން ހިންގުމަކީ ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި ނޫން ގޮތުގައި އަޅުގަނޑުމެން މިހާރު މިދަނީ ދެކެމުން. އެކަން މިހާރު މިދަނީ ބަދަލު ކުރަމުން،" އުމަރު ވިދާޅުވި އެވެ.

ހާފުވޭ ހައުސް ގެ އެތެރެއ މިނިސްޓަރު ބައްލަވާލައްވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

އުމަރު ވިދާޅުވީ ހިންމަފުށީގެ ރިހެބިލިޓޭޝަން ސެންޓަރު "އައުޓު ސޯސް" ކުރުމަށް މިހާރު ނިންމާފައިވާ ކަމަށާއި ވަރަށް އަވަހަށް އެކަން އިއުލާނު ކުރެވިގެން ދާނެ ކަމަށެވެ.

އެއިރުން އެފަދަ ތަންތަން ވެގެން ދާނީ ސަރުކާރުން ހިންގާ ތަނެއްގެ ބަދަލުގައި އަމިއްލަ ފަރާތަކުން ހިންގާ ތަނެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެތަނަށް ދާން ނަގާނެ ފީއެއް. އެ ފީ ދައްކާނީ ސަރުކާރުން. އަޅުގަނޑުމެން [ސަރުކާރުގެ] ވިސްނުން އެބަހުރި ހާފުވޭ ހައުސް ވެސް ހަމަ އެގޮތަށް ބަދަލު ކުރަން،" އުމަރު ވިދާޅުވި އެވެ.

ނޭޝަނަލް ޑްރަގް އެޖެންސީން ބުނީ މިއަދު ހުޅުވިގެން ދިޔަ ހާފުވޭ ހައުސްގައި މިހާތަނަށް 17 މީހަކު ފަރުވާ ހޯދަމުންދާ ކަމަށާއި އޭގެ ތެރޭގައި ވަޒީފާތަކަށްދާ މީހުން ވެސް ހިމެނޭ ކަމަށެވެ.

comment ކޮމެންޓް