ނޫރުގެ ހުރިހާ ވާރިސުން ވެސް ބޭނުންވަނީ ގާތިލުންގެ ކިބައިން ގިސާސްހިފަން!

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ކައިރިން ވަޅިން ހަމަލާދީ މަރާލި މާލޭ ދަފްތަރު 074 ނޫރު އާދަމް ހަސަންފުޅުގެ މަރުގެ ބަދަލުގައި ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް އޭނާގެ ހުރިހާ ވާރިސުންވެސް ބުނެފި އެވެ.

ނޫރުގެ މަރުގެ ބަދަލުގައި މަރަށް މަރުހިފަން ބޭނުންވާ ކަމަށް 11 ވާރިސުން ބުނެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އެއްބަނޑު އެއްބަފާ ނުވަ މީހުންނާއި އެއްބަނޑު އެކަކާއި މަންމަ އެވެ.

އެ 11 މީހުންގެ އިތުރުން ނޫރުގެ އެއްބަފާ ތިން މީހުންނަކީ މިހާލަތުގައި ވާރިސުން ކަމަށް ނުވާތީ އެމީހުންގެ ބަސް ނުހިމަނަން ނިންމާފައިވާ ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ.

ނޫރު މަރުވެފައި ވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހުގެ ރޭ 1:42 އެހާކަންހާއިރު، އޭނާ އައިޖީއެމްއެޗްގެ އިމަޖެންސީ ގޭޓު ކުރިމަތިން ބުރުޒު މަގުގައި ޕާކްކޮށްފައިވާ ސައިކަލްތަކާ އަރާ ހަމަވި ވަގުތު ސައިކަލްތަކެއްގައި އައި ބަޔަކު އޭނާ އަށް ވަޅިއަކުން ހަމަލަދިނުމުން ލިބުނު ޒަޚަމްތަކަށް ފަރުވާހޯދަމުން ދަނިކޮށެވެ.

ނޫރުގެ މަރާ ގުޅިގެން ޖުވެނައިލް ކޯޓުގައި ދައުވާ އުފުލާފައި ވަނީ ދެ ކުއްޖެއްގެ މައްޗަށެވެ. އެއްކުއްޖެއްގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ހާދިސާ ހިނގިއިރު އެ ކުއްޖާގެ އުމުރަކީ 15 އަހަރެވެ.

ދެވަނަ ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ހާދިސާ ހިނގިއިރު އެކުއްޖާގެ އުމުރަކީ 17 އަހަރެވެ.

ޖުވެނައިލް ކޯޓުން ބުނީ ދައުލަތުން ހެކިބަސް ނަގަން ބޭނުންވި ހުރިހާ ހެކީންގެ ހެކިބަސް މޭ މަހުގެ 24 ވަނަ ދުވަހާ ހަމައަށް ނަގައި ނިމިފައިވާ ކަމަށެވެ.

ދިފާއުގައި ހެކި ހުށަހަޅަން ދިން ފުރުސަތުގައި ނޫރަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ކުއްޖާ ދިފާއުގައި ހަތަރު ހެއްކެއް ވަނީ ހުށަހަޅާފަ އެވެ. އަދި މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާ ވަނީ ދިފާއުގައި ތިން ހެއްކަކު ހުށަހަޅާފަ އެވެ.

ނޫރު މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދެ މީހެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ.

comment ކޮމެންޓް