ފައްޅީގެ ވަޒީރަކަށް އުޅުނު ނަޞާރާ ދީނުގެ ޢިލްމުވެރިޔާ އިސްލާމްވި ގޮތުގެ ވާހަކަ

އިސްލަމް ދީނަކީ އަޖައިބުން ފުރިގެންވާ ދީނެއްކަން ހާމަވެގެންދާ އެއްކަމަކީ މި ދީނާ ދެކޮޅަށް މަސައްކަތް ކުރަމުން ދިޔަ އެތަށް ބަޔަކު އިސްލާމް ވުމަށްފަހު މިދީނުގެ ފުރިހަމަ ކަމަށް އެއްބަސްވެފައިވުމުންނެވެ. އެފަދަ ބައެއް މީހުންގެ ވާހަކަތައް ސަން އޮންލައިގެން ކިޔުންތެރިން ވަނީ ކިޔާފައެވެ.

އެހެން ދީންތަކުގެ އަގީދާގައި ހިލައެކޭ އެއްފަދައިން ހަރުވެފައިވާ ހިތްތައް އިސްލާމްދީނުގެ އަގިދާގެ ސަބަބުން މަޑުމޮޅިކަން އިހްސާސް ކުރެވިފައިވާ އެތަކެއް ބައެއްގެ ވަހަކައެވެ. އެދީންތަކުގެ އެންމެ ދީންވެރި މީހުންގެ ވާހަކައެވެ. މިފަހަރުވެސް ތިޔަ އެކުވެރި ކިޔުންތެރިންނާ ހަމަޔަށް މި ގެނެސްދެނީ އެފަދަ އެހެން ޝަހުސިއްޔަތެއްގެ ވަހަކައެވެ. ކްރިސްޓިއަން ފައްޅިއެއްގައި މިނިސްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ އެދީނުގެ ތައުލީމް ހާސިލުކޮށްގެން ހުރި އެދީނުގެ ޢިލްމުވެރިޔެއްގެ ވާހަކައެވެ.

ކްރިސްޓިއަން ފައްޅިއެއްގެ މިނިސްޓަރަކަށް މީހަކު އައްޔަން ކުރާނީ އެދީނުގެ ޢިލްމުވެރިކަމުގައި އެމީހަކަށް ވަކި ފަންތިއަކަށް ދެވުމުންވެ. އެއީ އެދީނުގެ މަތީ ފަންތީގެ އިލްމުވެރިންނަށް ނޫނީ ނުލިބޭ ޝަރަފެކެވެ. އޭގެ ތެރެއިން އެއްބޭފުޅަކީ ޑރ. ޖެރަލްޑް އެފް ޑާކްސްއެވެ.

ޑާކްސް ވަނީ ހަވަރޑް ޔުނިވަރސިޓީން ކްރިސްޓިއަން ދީނާއި ބައިބަލްގެ ރޮނގުން މާސްޓާސް ހައްދަވާފައެވެ. އޭނަ ވަނީ އެމެރިކާގެ ބައެއް ޔުނިވަރސިޓީތަކަށް ބައިބަލްގެ ޕްރޮފެސަރެއްގެ ގޮތުން މަސައްކަތްކޮށްފައެވެ.

ޑާކްސްގެ ކްރިސްޓިއަން ދީނުގެ ހަޔާތް:

ޑާކްސް އުފަންވީ ކްރިސްޓިއަން ދީނުގެ ދީންވެރި އާއިލާ އަކަށެވެ. އެހެންކަމުން އެންމެ ކުޑައިރުންސުރެ އޭނާ ތަރުބިއްޔަތު ހަނުވަމުން ދިޔައީ އެދީނަށް ޚިދުމަތް ކުރާ މީހެއްގޮތުގައެވެ.

ޑާކްސް ވިދާޅުވާގޮތުން އޭނާގެ އެންމެ ކުޑައިރުގެ ހަނދާނެއްގެ ގޮތުގައި ހަރުލައި ހުންނަނީވެސް އޭނާގެ މައިންބަފައިން އޭނާ ގޮވައިގެން ފައްޅިއަށް އަޅުކަމަށްގޮސް ތިބޭއިރު ފައްޅީގެ ރަނގަބީލް ޖަހާ އަޑެވެ. އަދި އާދިއްތަ ދުވަހުގެ އަޅުކަމަށް ތައްޔާރުވާ ހަނދާން އެންމެ ކުޑައިރުންސުރެ ޑާކްސްގެ ސިކުނޑީގައި ހުރީ ހަރުލާފައެވެ.

އެންމެ ކުޑައިރުންސުރެ އެގޮތަށް ހާނަމުން ތަރުބިއްޔަތު ކުރަމުން ގެންދިއުމުން ޑާކްސްވަނީ ވަރަށްބޮޑަށް ބައިބަލްއަށާއި ކްރިސްޓިއަން ދީނުގެ އަޅުކަމަށް ފަރިތަވެފައެވެ.

ފުރާވަރަށް އެޅީންސުރެ ފައްޅީގެ އަޅުކަމުގައި އުޅެންޖެހުމުން ފައްޅީގައި ކިޔަވާ ކިޔެވެލި ކިޔެވުމަށް ބައެއް ފަހަރު އޭނާއަށް ފުރުސަތު ލިބެއެވެ.

އެގޮތުން ޑާކްސްގެ ކިޔެވެލީގެ ކިޔެވުމަށް އެތަައްބަޔަކު ހާޒިރުވެ އެކަމަށް ޝައުގުވެރިވާކަން ފާޅުކުރާކަމަށް ޑާކްސް ބުންޏެވެ.

އެހެންކަމުން ޑާކްސްގެ ކިޔެވެލީގެ ކިޔެވުންވީ އެތަށްބަޔަކު އެކަމަށް ޝައުގުވެރި ކުރުވިކަމަކަށެވެ. އޭނާ އިސްވެ ހުރެ ކުރާ އަޅުކަމަށް އެތައްބަޔަކު ހާޒިރުވެއެވެ. އަދި ކްރިސްޓިއަންދީނުގެ އިސް ފާދިރީންގެ ފަރާތުން އޭނާގެ ކިޔެވުމަށް ތައުރީފު ލިބިގެންދިޔައެވެ.

މަތީސާނަވި ނިންމުމަށްފަހުވެސް އޭނާ އުންމީދުކުރީ ކްރިސްޓިއަން ދީނުގެ ޢިލްމުވެރިޔަކަށްވުމަށެވެ. އެހެންކަމުން ހަވަރޑް ޔުނިވަރސީޓީގެ ފުރަތަމަ ޑިގްރީ މަރުހަލާއަ ގުޅުމަށްފަހުވެސް އޭނާވަނީ ކްރިސްޓިއަން ދީނުގެ ދިރާސީ ޑިޕްލޮމާ ކޯހެއްވެސް ފުރިހަމަކޮށްފައެވެ. އަދި ފުރަތަމަ ޑިގްރީ ފިލޯސަފީއާއި ސައިކޮލޮޖީގެ ރޮނގުން ފުރިހަމަ ކުރުމަށްފަހު މާސްޓާސް މަރުހަލާގައި އޭނާ އިހްތިޔާރުކުރީ ބައިބަލްގެ އިލްމެވެ. އެރޮނގުގައި ކުރިއަށް ދިއުމުގެ ނަތީޖައަކަށް ވެގެންދިޔައީ ކްރިސްޓިއަން ފައްޅީގެ މިނިސްޓަރެއް ކަމުގައި ޑާކްސް ވެގެން ދިއުމުވެ.

ޑާކްސްގެ ހަޔާތް ބަދަލުވުމުގެ މަންޒަރު

ކްރިސްޓިއަން ދީނުގެ މިނިސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށުމުން އެދީނުގައި ޑާކްސްގެ ދައުރު ބޮޑުވެގެން ދިޔައެވެ. ނަމަވެސް އޭނާއަށް ފެންނަަމުން ދިޔައީ މަންޒަރު ބަދަލުވަމުން އަންނަތަނެވެ. ކްރިސްޓިއަނުންގެ އަޣުލަބިއްޔަތު އޮންނަ އެމެރިކާގެ އެތައްބަޔަކު ދީނުގެ ކަންކަމާ ދުރުހެލިވަމުންދާ މަންޒަރު އޭނާއަށް ފެނިގެންދިޔައެވެ. އޭނާ ބުނާގޮތުން އެކަންކަން ހައްލުކުރުމަށްޓަކައި އޭނާ ބުރަ މަސައްކަތެއް ކުރަމުންދިޔައެވެ. ނަމަވެސް އޭނާއަށް އިހްސާސް ކުރެވުނީ އޭނާގެ މަސައްކަތަށް މީހުން އިތުބާރު ނުކުރާކަމެވެ.

ޑާކްސްއަށް އެހެން މަންޒަރެއްވެސް ދިޔައީ ފެންނަމުންނެވެ. އެއީ ކްރިސްޓިއަން ފައްޅީގެ އެހެން މިނިސްޓަރުންގެ ފަރާތުން އެދީނަށް އޮންނަ ޙާލިޞްކަން ނެތުމެވެ. އެމީހުންގެ ފަރާތުންވެސް އޭނާއަށް އިހްތިރާމް ލިބެމުން ނުދާކަމެވެ. އެމީހުންގެ ފަރާތުންވެސް ބަލައިގަންނަން އުނދަގޫ އެތައް ކަމެއް ޑާކްސް އަށް ފާހަގަ ކުރެވުނެވެ. އޭނާއަށް އަސްލު ސަބަބު ދެނެގަނެވުނެވެ. އާންމުން ފައްޅީގެ މިނިސްޓަރުންނަށް އިތުބާރު ނުކުރަނީ ކީއްވެގެންކަން އޭނާއަށް އެނގުނެވެ. މީހުންގެ ފަރާތުން ލިބެންޖެހޭ ލޯތްބާއި އިހްތިރާމް ނުލިބެނީ ކީއްވެގެންކަން އޭނާއަށް ފަހުމުވިއެވެ.

މިކަމާހުރެ ޑާކްސް ވަރަށް ކަންބޮޑުވިއެވެ. އޭނާއަށް މާޔޫސްކަން ލިބެމުންދިޔައެވެ. މިކަން ހައްލުކުރުމަށް އޭނާ ކިތަންމެ ރަނގަޅަށް މަސައްކަތް ކުރި ނަމަވެސް މީހުން ބަލައިނުގަންނާނެކަން އޭނާއަށް ޔަގީންވިއެވެ.

އެމެރިކާގެ އެހެންދީންތަކުގެ ކޮމިޔުނިޓީތަކުގައި އެކަން އޮންނަނީ ކިހިނެއްތޯ ޑާކްސް ބެލިއެވެ. ޚުދު އޭނާ އެދީނަކަށް ނިސްބަތްވާ ކްރިސްޓިއަން ދީނުގެ އެހެނިހެން ކޮމިޔުނިޓީތަކުގައި އެކަން އޮންނަނީ ކިހިނެއްކަން ބެލިއެވެ. އޭނާއަށް އެނގުނީ ކްރިސްޓއަން އެހެން ކޮމިޔުނިޓީތަކުގައިވެސް މީހުން ދީނާ ދުރުވެފައިވާތަނެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިތުބާރު ގެއްލިފައިވާތަނެވެ.

ޔަހޫދީންގެ މެދުގައި އެކަން އޮންނަނީ ކިހިނެއްތޯ ޑާކްސް ބެލިއެވެ. އެމީހުންގެ ތެރޭގައި ހުރި މައްސަލަ އަދި މާބޮޑެވެ. އެހެން ދީންތަކުގެ މީހުންނާ މެދު އެމީހުންގެ ކޮމިޔުނިޓީތަކުގައި އޮތީ ނަފުރަތުގެ އަލިފާން ހިފަފާއެވެ.

ޑާކްސް އިސްލާމްދީނަށް ޝައުގުވެރިވުން

އެމެރިކާގެ އެހެނިހެން ދީންތަކުގެ ކޮމިޔުނިޓީތަކުގެ ދިރިއުޅުން ގާތުން ބަލަމުންގޮސް މުސްލިމުންގެ ދިރިއުޅުންވެސް ބެލިއެވެ.

އޭނާއަށް ފެނުނީ އެމެރިކަގެ މުސްލިމުންގެ ކޮމިޔުނިޓީގައި ޢިލުމުވެރިންނަށާއި މިސްކިތްތަކުގެ އިމާމުންނަށް ގަދަރު ކުރާތަނެވެ. އަދި މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް އަގީދާގައި ސާބިތުވުމަށް އެހީތެރިވެ އެއްބާރުލުންދޭ މަންޒަރުވެސް ޑާކްސްއަށް ފެނުނެވެ.

މުސްލިމުންގެ ފަރާތުން ފެނުނު ކަންކަމަށް ބޮޑަށް ޝައުގުވެރިވީ ޑާކްސްގެ އަންހެނުންވެ. އެކަމުގެ ސަބަބުން އޭނާގެ އަންހެނުންގެ ހިތުގައި އިސްލާމް ދީނަށް ޚާއްސަ ގަދަރެއް ދެވުނެވެ.

އޭނާގެ އަންހެނުންނަށް އެމެރިކާގެ މުސްލިމުންގެ ފަރާތުން ފެނުނީ އެކަކު އަނެކަކަށް ހިތް ހެޔޮކަމެވެ. އެމެރިކާގެ އެހެން ދީންތަކަށް އުޅޭ މީހުންނަށް ވުރެ އެމެރިކާގެ މުސްލިމުންގެ ތެރޭގައި ދީންވެރި މީހުން ގިނަކަން ފާހަގަ ކުރެވުނެވެ. އަދި އޭނާއަށް ފާހަގަ ކުރެވުނީ ކްރިސްޓިއަން ފައްޅިތަކުގެ މިނިސްޓަރުންގެ ފަރާތުން ފެންނަ ބައެއް ސުލޫކީ މައްސަލަތައް މުސްލިމް އިލުމްވެރިންގެ ފަރާތުން ނުފެންނަކަމެވެ.

ޑާކްސް އިސްލާމްވުން

މުސްލިމުންގެ ފަރާތުން ފެނުނު ކަންކަމުގެ ސަބަބުން އެކަމަށް ޑާކްސްއަށް ވުރެ ކުރިން ޝައުގުވެރިވެ އެކަން ކަމުދިޔައީ ޑާކްސްގެ އަންހެނުންނަށެވެ. ނަތީޖާއަކަށްވީ ޑާކްސްއަށް ވުރެ ކުރިން އޭނާގެ އަންހެނުން އިސްލާމްވުމެވެ.

އަދި އޭނާގެ އަންހެނުން އިސްލާމުވުމަށްފަހު ޑާކްސް ޤުރުއާނާއި ޙަދީޘާއި މުސްލިމުންގެ ތާރީޚް ދިރާސާ ކުރަންފެށިއެވެ. ދިރާސާއިން އޭނާއަށް އެނގުނީ އިންސާނީ ހުރިހާ ތާރީޚެއްގައިވެސް އިސްލާމް ދީން މަތިވެފައިވާކަމެވެ. މި ދިރާސާއަށްފަހު ޑާކްސް އިސްލާމްވިއެވެ. އިސްލާމްވުމަށްފަު ޑާކްްސްއަކީ އިސްލާމް ދީނުގެ ދާއީއެކެވެ. އެމެރިކާގެ މުސްލިމުން ހޭލުންތެރިކުރުމަށްޓަކައި އޭނާވަނީ ބައެއް ފޮތްތައް ތަސްނީފުކޮށްގެން ނެރެފައެވެ.

comment ކޮމެންޓް