ކުޑަކުއްޖާގެ މަރުގެ ހާދިސާ، ހެމާ ތުހުމަތުގެ އިނގިލި އެކުއްޖާގެ ބައްޕައަށް

އެކްސިޑެންޓުގައި މަރުވި ހަތަރު އަހަރުގެ ކުޑަ ކުއްޖާ -- ފައިލް ފޮޓޯ

އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ޕާލަމެންޓް މެންބަރު އަދި މަޝްހޫރު ފިލްމީ ތަރި ހެމާ މާލިނީގެ ކާރުންޖެހި ކުޑަކުއްޖާ މަރުވުމާ ގުޅިގެން އެ ކުއްޖާގެ ބައްޕައަށް ހެމާ މާލިނީ ތުހުމަތުގެ އިނގިލި ދިއްކުރަން ފަށައިފި އެވެ.

ހެމާ މާލިނީގެ ޓުވީޓެއްގައި ބުނެފައި ވަނީ އެ ހާދިސާގައި އެ ތުއްތު މަރުވީ އެ ކުއްޖާގެ ބައްޕަ މަގުމަތީގެ ގަވާއިދުތަކަށް ބަލަންވާ ވަރަށް ނުބަލައި ދުއްވުމުގެ ސަބަބުން ކަމަށެވެ. އެހެން ނޫން ނަމަ އެ ތުއްތު ކުއްޖާއާ ޒަހަމްވި އޭނާގެ އާއިލާގެ މެމްބަރުން ސަލާމަތް ކުރެވޭނެ ކަަމަށް ބުނެފައިވެ އެވެ.

އެހާދިސާއާ ގުޅިގެން ހެމާ އެ ކުޑަ ކުއްޖާގެ ބައްޕަ ކުށްވުރިކުރުމުން ސޯޝަލް މީޑީއާގައި ހެމާއަށް ގިނަ ފާޑުކިޔުންތަކެއް ވަނީ ރައްދުކޮށްފަ އެވެ.

ނަމަވެސް އެކުޑަ ކުއްޖާގެ ބައްޕަ ހަނުމާން ކަންޑެލްވާލް ވަނީ މަގުމަތީގެ އެއްވެސް ގަވާއިދަކާ އޭނާ ހިލާފުނުވާ ކަމަށް މީޑިއާތަކުގައި ބުނެފަ އެވެ. އަދި އެ ހާދިސާ ހިނގި އިރު ހެމާ މާލިނީގެ ކާރު ދުއްވަމުން ގެންދިޔައީ ގަޑިއަކު 100 ކިލޯ މީޓަރުގެ ބާރު މިނުގައި ކަމަށް ވެސް އެކުއްޖާގެ ބައްޕަ ވަނީ ތުހުމަތުކޮށްފަ އެވެ.

އެ އެކްސިޑެންޓާއި ގުޅިގެން ހެމާމާލިނީގެ ކާރުގެ ޑްރައިވަރު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ހެމާ މާލިނީގެ ކާރު ގަޑިއަކު 60 ކިލޯ މީޓަރުގެ ބާރުމިނުގައި ދުއްވާފައި ދަނިކޮށް، ހަތަރު އަހަރުގެ އަންހެން ކުއްޖާގެ އާއިލާގެ އިތުރުން ހަތަރު މެންބަރަކު ދަތުރުކުރަމުން ދިޔަ ކާރުގައި ޖެހި އެކްސިޑެންޓް ހިނގީ، ހެމާ މާލިނީ އިން ކާރުގެ ޑްރައިވަރުގެ ފަރުވާކުޑަކަމުން ކަމަށް އިންޑިއާގެ ފުލުހުންނާ ހަވާލާދީ އެގައުމުގެ ނޫސްއެޖެންސީތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

comment ކޮމެންޓް