މަޝްހޫރުވުމުން ޒާތީ ދިރިއުޅުމަށް ގޮންޖެހުން ކުރިމަތިވޭ: ދީޕިކާ

ދީޕިކާ ޕަދުކޯން

މަޝްހޫރު މީހަކަށް ވުމުން ޒާތީ ދިރިއުޅުމުގައި ވެސް ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯން ބުނެފިއެވެ.

ދީޕިކާ ބުނީ ކާމިޔާބު މީހަކަށްވުމަށް ކުރަންޖެހެނީ އުނދަގޫ ދަތުރެއް ކަމަށެވެ. އެގޮތުން މީހަކާ ރައްޓެހިވެ ކައިވެންޏަކަށްދާއިރު، މަޝްހޫރު މީހެއްގެ ދިރިއުޅުން ހުންނާނެ ގޮތް އަންޑަސްޓޭންޑް ނުވާނަމަ އެ ގުޅުން ކުރިއަށް ގެންދިއުމަށް އުނދަގޫވާނެ ކަމަށް ދީޕިކާ ބުންޏެވެ.

"އާމްދަނީއަށް ބަލާއިރު އަންހެންމީހާއަށް ބޮޑު މުސާރައެއް ލިބޭނަމަ އެކަން ހަޖަމް ކުރަން ނުދަންނަ ފިރިހެނަކާ އެކު ނޫޅެވޭނެ. ކާމިޔާބު އަންހެނަކާ އެކު އުޅެން ބޭނުންނަމަ އޭނާގެ ކާމިޔާބީ އާއި ގުޅިފައި ހުންނަ ކަންތައް ބަލައިގަންނަން ޖެހޭ،" ދީޕިކާ ބުންޏެވެ.

ހެމާ މާލިނީގެ އޮޓޯބަޔޮގްރަފީ ނެރުމަށް ބޭއްވި ހަފްލާއެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ދީޕިކާ އެހެން ބުނެފައިވާއިރު ހެމާ ވެސް ވަނީ ދީޕިކާއާ އެއްބަސްވެފައެވެ. ހެމާ ބުނީ ޒާތީ ދިރިއުޅުމުގައި ވެސް އާމްދަނީ ހޯދުމަށް ކޮންމެ މީހަކު ވެސް ބުރަކޮށް މަސައްކަތް ކުރާ ކަމަށާއި މީހަކު މަޝްހޫރު ވަނީ އެންމެ ދުވަހެއްގެ މަސައްކަތުން ނޫން ކަމަށެވެ. ދިރިއުޅުމުގައި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކޮންމެ މީހަކު ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށާއި އަނެކާގެ ކާބިޔާބީ ބަލައިގަންނަން ދަސްކުރަންޖެހޭ ކަމަށް ހެމާ ބުންޏެވެ.

ދީޕިކާގެ ފިލްމެއް ދެން އެންމެ އަވަހަށް ސްކްރީނަށް އަންނާނީ ޑިސެމްބަރު އެއްވަނަ ދުވަހުއެވެ. އެއީ ސަންޖޭ ލީލާ ބަންސާލީގެ ޕަދްމާވަތީއެވެ.

comment ކޮމެންޓް