ފެނަކަ ކޯޕަރޭޝަންގެ ޑްރާމާ ބެލުމަށް ކުންފުނީގެ ހުރިހާ މުވައްޒަފުން އެއްތާކަށް

ފެނަކައިގެ މުވައްޒަފުންތަކެއް ފިލްމުބަލަން އެއްވެފައި ---- ސަން ފޮޓޯ/ އަލީ ނަސީރު

މި ރަމަޟާން މަހު ޓީވީއެމް އިން ގެނެސްދޭ އޮފީސްތަކުގެ ޑްރާމާ ސިލްސިލާގެ ތެރެއިން ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން އުފައްދާފައިވާ ޑްރާމާ ބެލުމަށް އެ ކުންފުނީގެ ހުރިހާ މުވައްޒަފުން އެއްތާކަށް ޖަމާވެއްޖެ އެވެ.

އެގޮތުން މާލޭގައި ފެނަކަ ކުންފުނީގެ މުވައްޒަފުން ޖަމާވެފައިވަނީ ކަލާފާނު ސްކޫލަށެވެ. އޭގެ އިތުރުން ފެނަކަ ހިދުމަތްދޭ ހުރިހާ ރަށެއްގައި ވެސް އެ ކޯޕަރޭޝަންގެ މުވައްޒަފުން ވަނީ ބޮޑު ސްކްރީން ބަހައްޓައިގެން އެއްތާކަށް ޑްރާމާ ބަލަން އެއްވެފަ އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ނިމާލް ވިދާޅުވީ، އެ ކުންފުނީގެ ހިދުމަތްދޭ ހުރިހާ ރަށެއްގެ ހުރިހާ މުވައްޒަފުން މިރޭ އެއްތާކަށް އެއްވެ ފިލްމު ބަލާނެ ކަމަށެވެ. ބޭނުމަކީ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުން ކަމަށް ނިމާލް ވިދާޅުވި އެވެ.

ފިލްމުގެ ޑައިރެކްޓަރު މަނިކު ސަން އަށް އިންޓަވިއުދެއްވަނީ ----- ސަން ފޮޓޯ/ އަލީ ނަސީރު

"ޒަހަމް" ނަމުގައި ގެނެސްދޭ އެ ފިލްމްގެ ޑައިރެކްޓަރު އަދި ފެނަކަ ކޯޕަރޭޝަން ލީގަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރު މަނިކު ވިދާޅުވީ، ފެނަކަ އިން މިފަހަރު ގެނެސްދޭ ޑްރާމާއަކީ ވަރަށް ރަނގަޅު މެސެޖެއް މުޖުތަމައަށް ގެނެސްދޭނެ ޑްރާމާއެއް ކަމަށެވެ. އެގޮތުން މީހުންނާ މެދު ތަފާތުކުރުން ގެންގުޅޭގޮތް ޑްރާމާއިން ފެންނާނެ ކަމަށެވެ.

"މީގަ ފެންނާނެ ނުކުޅެދޭ މީހެއް. އޭނާއާ ދޭތެރޭ މުޖުތަމައުން ގެންގުޅޭ ތަފާތުކުރުން ފެންނާނީ މީގަ. އެކަމަކު އެއީ އޮވެގެން ވާނެކަމެއް ނޫންކަން އަދި ނުކުޅެދޭ މީހުންނަކީ ވެސް މުޖުތަމައުގައި ބޭނުން ހިފިދާނެ ބައެއްކަން މި ޑްރާމާގަ ފެންނާނެ،" މަނިކު ވިދާޅުވި އެވެ.

މިފަހަރުގެ އޮފީސް ޑްރާމާ ސިލްސިލާގައި ވެސް ގިނަ އޮފީސްތަކަކުން ދަނީ މުޖުތަމައާ ގުޅުންހުރި ތަފާތު ހުށަހެޅުންތައް ހުށަހަޅައިދެމުންނެވެ.

comment ކޮމެންޓް