މާވެލް ސްޓޫޑިއޯސްއިން އުފައްދާފައިވާ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އެވެންޖާސް: ޑޫމްސްޑޭ" ފިލްމުގެ އެންމެ ފަހުގެ ޓްރެއިލާ ރަސްމީކޮށް އާންމުކޮށްފިއެވެ. މި ޓްރެއިލާއާއެކު ފިލްމުގެ ވާހަކަ އިތުރަށް ސާފުވެ، ބެލުންތެރިންގެ އިންތިޒާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އެންތަނީ އަދި ޖޯ ރުސޯ (ރުސޯ ބްރަދާސް) ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މާވެލް ސިނެމެޓިކް ޔުނިވާސް (އެމްސީޔޫ)ގެ އެކި ބައިތަކުގެ އިތުރުން "ފެންޓާސްޓިކް ފޯ" އަދި ފޮކްސްގެ "އެކްސް-މެން"ގެ ޝަހުސިއްޔަތުތައް އެއްތަނަކުން ފެނިގެންދާނެ، މިހާތަނަށް އުފެއްދި އެންމެ ބޮޑު ކްރޮސްއޯވާ ފިލްމެވެ. އަދި މީގެ އެންމެ ޚާއްޞަ އެއް ކަމަކީ، ކުރިން އަޔަން މޭންގެ ރޯލުން ފެނުނު ރޮބަޓް ޑައުނީ ޖޫނިއާ، މި ފަހަރު ފިލްމުގެ މައި ވިލަން ނުވަތަ ނުބައިބައި ރޯލުކަމަށްވާ "ޑޮކްޓާ ޑޫމް"ގެ ގޮތުގައި އެނބުރި އައުމެވެ.
މި ފަހުގެ ޓްރެއިލާ އާންމުކޮށްފައިވަނީ ފިލްމުގެ މުހިންމު ޝަހުސިއްޔަތުތަކަށް ޚާއްޞަކޮށްގެން ނެރުނު ހަތަރު ޓީޒާއަކާއި، ދިގު ދެ ޕްރޮމޯޝަނަލް ވީޑިއޯއަކަށް ފަހުގައެވެ. އެ ވީޑިއޯތަކުން ސްޓީވް ރޮޖާސްގެ ރޯލުން ކްރިސް އިވަންސް އަދި ތޯގެ ރޯލުން ކްރިސް ހެމްސްވާތު އެނބުރި އަންނަކަން ކަށަވަރުވެފައިވާއިރު، ފެންޓާސްޓިކް ފޯ އާއި، ވަކަންޑާ އަދި ޓަލޮކާނިލްގެ ހަނގުރާމަވެރިން ވެސް މި ފިލްމުގައި ބައިވެރިވާކަން ވަނީ ހާމަވެފައެވެ.
ފިލްމު "އެވެންޖާސް: ޑޫމްސްޑޭ"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާމާވެލްގެ ފަހުގެ މަންޒަރުތަކުން، ސުންނާފަތިވެފައިވާ "ޒޭވިއާސް ސްކޫލް ފޯ ގިފްޓެޑް ޔަންގްސްޓާސް"ގެ ސަރަޙައްދުން މަލްޓިވާސްގެ އެކްސް-މެން ޓީމު ވަނީ ތަޢާރަފުކޮށްފައެވެ. އެ ޓީމުގައި ޕްރޮފެސާ އެކްސް (ޕެޓްރިކް ސްޓްވާޓް)، މެގްނެޓޯ (އިއަން މެކެލެން) އަދި ސައިކްލޮޕްސް (ޖޭމްސް މާސްޑެން) ހިމެނެއެވެ. ހަމައެއާއެކު، ޝޫރީ (ލެޓީޝިއާ ރައިޓް)، އެމްބާކޫ (ވިންސްޓަން ޑިއުކް)، ނޭމޯ (ޓެނޯޗް ހުއޭޓާ މެހީއާ) އަދި ދަ ތިންގް (އެބޮން މޮސް-ބަކްރަކް) އެކުގައި ފެނުނު ޓީޒާއަކުން، ވަކަންޑާ، ޓަލޮކާން އަދި ފެންޓާސްޓިކް ފޯގެ އިއްތިހާދަކަށް އިޝާރާތް ލިބެއެވެ.
ޓްރެއިލާތަކުން ޑޮކްޓާ ޑޫމްގެ ބާރުގަދަކަމާއި، ޔުނިވާސްތައް މުޑިއެރުމުގެ (އިންކާޝަންސް) ނުރައްކާ ފެނިގެންދާއިރު، ތޯ އާއި ޑޫމްގެ ކުރިމަތިލުމާއި، ގެމްބިޓް (ޗެނިން ޓޭޓަމް) އާއި ޝަންގް-ޗީ (ސިމޫ ލިއު)ގެ ހަނގުރާމައިގެ އިތުރުން، ޔެލީނާ ބެލޯވާ (ފްލޮރެންސް ޕިއު) އާއި މިސްޓީކް (ރެބެކާ ރޮމައިން)ގެ ކުރިމަތިލުން ފާހަގަކޮށްލެވެއެވެ. އަދި ސްޓީވް ރޮޖާސް، ތޯގެ މަރުތޭޔޮ (މިޔޯލްނިއާ) ހިފައިގެން ހުންނަ މަންޒަރު ވެސް ފެނިފައިވެއެވެ. މީގެ އިތުރުން، "ވިޝަން ކުއެސްޓް"ގެ ޕޯސްޓް-ކްރެޑިޓްސްގައި ޑޫމް، ސްކާލެޓް ވިޗް އަލުން ދިރުވާތަން ފެނުނުއިރު، "އެވެންޖާސް: އެންޑްގޭމް އެންކޯ"ގެ މަންޒަރުތަކުން އޭނާ މާކް ރަފަލޯގެ ހަލްކް ގެންދާތަން ވެސް ފެނިފައިވެއެވެ.
ރޫސޯ ބްރަދާސް ޑައިރެކްޓްކުރާ "އެވެންޖާސް: ޑޫމްސްޑޭ" އަންނަ މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރާއިރު، މި ފިލްމުން މާވެލްގެ ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ. އެ ލިސްޓުގައި އެންތަނީ މެކީ، ސެބަސްޓިއަން ސްޓޭން، ޕޯލް ރަޑް، ޓޮމް ހިޑްލްސްޓަން، ޕެޑްރޯ ޕަސްކަލް، ވެނެސާ ކާބީ، ފްލޮރެންސް ޕިއު އަދި ލެޓީޝިއާ ރައިޓް ހިމެނެއެވެ.