ކޮޕާ އެމެރިކާގެ ފައިނަލް މެޗްގައި ކުޅުނު 120 މިނެޓްގެ ކުޅުން ހަމަވެ ޕެނަލްޓީ ޖަހައިގެން 4-1 ގެ ނާތީޖާއަކުން އާޖެންޓީނަ ބަލިކޮށް ޗިލީއިން ފުރަތަމަ ފަހަރަށް ކޮޕާ އެމެރިކާ ކާމިޔާބުކޮށްފިއެވެ.
ޖެހި ހަތަރު ޕެނަލްޓީވެސް ޗިލީއިން ކާމިޔާބު ކުރިއިރު އާޖެންޓީނާ ޖެހި ތިން ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރީ ކެޕްޓަން ލިއޮނަލް މެސީ ޖެހި ޕެނަލްޓީ އެކަންޏެވެ.
އާޖެންޓީނާއިން ޖެހި ޕެނަލްޓީގެ ތެރެއިން ނާކާމިޔާބު ވީ ގޮންޒޯލޯ ހިގުއައިން ޖެހި ޕެނަލްޓީއާއި އެވާ ބަނޭގާ ޖެހި ޕެނަލްޓީއެވެ.
ހިގުއައިން ޖެހި ޕެނަލްޓީ ދިޔައީ ގޯލް ދަނޑި މަތިން ބޭރަށެވެ. ބަނޭގާ ޖެހި ޕެނަލްޓީ ޗިލީގެ ކީޕަރު ބާސެލޯނާގެ ކުލައުޑިއޭ ބްރާވޯ ވަނި ދިފާއުކޮށްފައެވެ.
ޗިލީގެ ގައުމީ ސްޓޭޑިއަމް ސެންތިއާގޯގައި ކުޅުނު މެޗްގައި ދެ ޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
އެގޮތުން މެޗްގެ 90 މިނެޓްގެ އެންމެ ފަހު މިނެޓްގައި މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ގޮންޒާލޯ ހިގުއައިންއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެންގޮސްފައެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.
މީގެ އިތުރުން ޗިލީގެ އެލެކްސް ސަންޗޭޒްވެސް ވަނީ އާޖެންތީނާގެ ގޯލަ އަމާޒުކޮށް ނުރައްކަތެރި ބޯޅަތަކެއް ފޮނުވާލާފައެވެ.
މިހަތަނަށް ކޮޕާ އެމެރިކާގެ ފައިނަލްގައި ފަސް ފަހަރެއްގެ މަތިން ޗިލީ ކުޅެފައިވާއިރު އެގައުމު ފުޓްބޯޅައިގެ ތާރިޚްގައި މިއީ އެގައުމަށް ފުޓްބޯޅައިގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.
ކޮޕާ އެމެރިކާ ކަޕް އެންމެ ގިނަ ފަހަރު ކާމިޔަބުކޮށްފައިވާ ޓީމަކީ އުރުގުއޭއެވެ. އެޓީމުން ވަނީ 15 ފަހަރު މުބާރާތް ކާމިޔަބުކޮށްފައެވެ.