މެސީގެ ކަރުނަ ފުހެދިނީ މާޓިނޭޒް، އާޖެންޓީނާއިން ވިދިވިދިގެން ތިންވަނަ ތަށި

ކޮލޮމްބިއާ ބަލިކޮށް، އާޖެންޓީނާއިން ވިދިވިދިގެން ދެވަނަ ފަހަރަށް ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް މިއަދު ކާމިޔާބުކޮށްފިއެވެ.

އާޖެންޓީނާއިން ކޮލޮމްބިއާ ބަލިކޮށް މިއަދުގެ ފައިނަލް މެޗު ކާމިޔާބުކުރީ 1-0 އިންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއްނުވެ، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށް ވަނީ އަނިޔާވެފައެވެ. އަނިޔާގެ ސަބަބުން ދަނޑުން ފައިބަން ޖެހުނުއިރު މެސީއަށް ކަރުނަތައް ހިފަހައްޓައިނުލެވި، ރޮވުނީއެވެ.

އެމެރިކާގައި ކުރިއަށްދާ ކޮޕާ އެމެރިކާ މުބާރާތުގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތުގައި ނަތީޖާ ނުނެރެވި ޖެހުނީ އިތުރު ވަގުތު ކުޅޭށެވެ. އިތުރު ވަގުތުގެ 112 ވަނަ މިނެޓުގައި މެސީގެ ކަރުނަ ފުހެދީ، އާޖެންޓީނާއަށް މެޗުގެ ލީޑު ނަގައިދިނީ ލުޓާރޯ މާޓިނޭޒެވެ. އެއީ، މާޓިނޭޒް މި މުބަރާތުގައި ކާމިޔާބުކުރި ހަވަނަ ލަނޑެވެ.

ކޮޕާ އެމެރިކާ މުބާރާތުގެ ރަން ބޫޓު ކާމިޔާބުކުރީ ވެސް މާޓިނޭޒެވެ.

އާޖެންޓީނާއިން ގިނަ ދުވަސްތަކެއް ވަންދެން ތައްޓެއް ނުލިބި އޮވެފައި އެންމެ ފަހުން ބޭއްވި 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. އެއަށް ފަހު، މިދިޔަ 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ވެސް ކާމިޔާބުކުރީ އެ ޓީމުންނެވެ.

އެހެންވެ، މި އަހަރުގެ ކޮޕާ އެމެރިކާ ތައްޓާ އެކު މިއީ އެ ޓީމުން ވިދިވިދިގެން ކާމިޔާބުކުރާ ތިންވަނަ ތައްޓެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ އާޖެންޓީނާގެ ހުނަރުވެރިވި ފޯވާޑް އެންހެލް ޑިމަރިއާ ގައުމީ ޖާޒީގައި ކުޅުނު ފަހު މެޗެވެ.

ހުރިހާ ޓިކެޓެއް ވިކި ހުސްވި ނަމަވެސް ޓިކެޓު ނުގަންނަ ބައެއް ސަޕޯޓަރުން ދަނޑަށް ވަދެގަންނަން މަސައްކަތްކުރުމުން މެޗު ވަނީ ގަޑިއެއްގެ އިރަށްވުރެ ގިނައިރުވަންދެން ލަސްކުރަން ޖެހިފައެވެ. އެ ހާދިސާގައި އެއްވެސް މީހަކު އަނިޔާވި ކަމެއް ނުވަތަ ނޫން ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

comment ކޮމެންޓް