އުރުގުއާއީ ކަޓުވާލައި ކޮލޮމްބިއާ ފައިނަލަށް

އެމެރިކާގައި މިހާރު ކުރިއަށްދާ ދެކުނު އެމެރިކާ ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކޮމެބޯލް ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ކޮލޮމްބިއާއިން ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލުން ކޮލޮމްބިއާ ޖާގަ ހޯދީ ރޭ ފަތިހު ކުޅުނު ސެމީފައިނަލްގެ ދެވަނަ މެޗުގައި 1-0 އިން އުރުގުއާއީ ބަލިކޮށްގެންނެވެ.

ނޯތު ނެރޮލައިނާގެ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވަނީ ވާދަވެރި އަދި ފޯރިގަދަ ކުރިމަތިލުމެއް ފެނިގެން ގޮސްފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 39 ވަނަ މިނެޓުގައި ކޮލޮމްބިއާގެ ކެޕްޓަން ހެމޭސް ރޮޑްރިގޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ޖެފަސަން ލާމާއެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ހެމޭސް ތަނަވަސްކޮށްދިން ހަވަނަ އެސިސްޓެވެ.

އެ އެސިސްޓާ އެކު ޖޭމްސް ވެފައިވަނީ ކޮޕާ އެމެރިކާގެ އެއް މުބާރާތެއްގައި އެންމެ ގިނަ އެސިސްޓް ފޯރުކޮށްދިން ކުޅުންތެރިޔާއަށެވެ. ކުރިން އެ މަގާމު އޮތީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަތުގައެވެ. އެއީ، 2021 ވަނަ އަހަރު ތަނަވަސްކޮށްދިން ފަސް އެސިސްޓާ އެކުއެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިންވަނީ ރަތް ކާޑެއް ވެސް ފެނިފައެވެ. މި ގޮތުން، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ދެވަނަ ރީނދޫ ކާޑާ އެކު ރަތްކާޑު ދެއްކީ ކޮލޮމްބިއާގެ ޑެނިއަލް މުނޯޒްއަށެވެ. މެޗުގެ ދެވަނަ ހާފު އެއްކޮށް ކޮލޮމްބިއާއިން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.

އުރުގުއާއީން ދެވަނަ ހާފުގައި ގިނަ ހަމަލާތަކެއް އުފެއްދިއިރު ލުއިޒް ސުއަރޭޒަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު، އެ ހަމަލާ އަމާޒުވީ ގޯލު ދަނޑިއަށެވެ.

އަންނަ ހޯމަ ދުވަހުގެ ފަތިހު 5:30 ގައި ކުޅެން ހަމަޖެހިފައިވާ ފައިނަލް މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އަދި ތަށި ދިފާއުކުރަން ނުކުންނަ އާޖެންޓީނާއާ ދެކޮޅަށެވެ.

މެޗު ކުޅެން ހަމަޖެހިފައިވަނީ ފްލޮރިޑާގެ މައޭމީ ގާޑެންސްގައި ހުންނަ ހާޑް ރޮކް ސްޓޭޑިއަމްގައެވެ. ނަމަވެސް، މެޗުގެ ކުރިން މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި އުރުގުއާއީއާއި ކެނެޑާ އަންނަ އާދިއްތަ ދުވަހުގެ ފަތިހު ބައްދަލުކުރާނެއެވެ.

comment ކޮމެންޓް