އެމެރިކާގައި މިހާރު ކުރިއަށްދާ ކޮމެބޯލް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން ކޮލޮމްބިއާ ޖާގަހޯދައިފިއެވެ.
މި މުބާރާތުގެ ސެމީފައިނަލުން ކޮލޮމްބިއާ ޖާގަހޯދީ ކުއާޓާ ފައިނަލްގައި ޕެނެމާއާ ބައްދަލުކުރި މެޗު 5-0 އިން ކާމިޔާބު ކޮށްގެންނެވެ.
އެރިޒޯނާގެ ޔުނިވާސިޓީ އޮފް ފީނިކްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފަސް ލަނޑުގެ ތަފާތުން ކޮލޮމްބިއާ ކާމިޔާބުކުރި ނަމަވެސް މެޗުގައި ޕެނެމާއިންވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ކޮލޮމްބިއާއަށް ކުރި ލިބުނީ އެ ޓީމުގެ ނިންމުންތަން ރަނގަޅުވުމުގެ ސަބަބުންނެވެ.
އެ ޓީމުން ޕެނެމާގެ ގޯލަށް އަމާޒުވި ފަސް ބޯޅަ ވެސް ވަނީ ލަނޑަކަށް ހަދާފައެވެ.
މެޗުގައި ކޮލޮމްބިއާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ އަށްވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ހޮން ކޯޑޯބާއެވެ. އަދި، މި ލަނޑު ޖެހިތާ ހަތް މިނެޓު ފަހުން އެ ޓީމަށް ލިބިގެންދިޔަ ޕެނަލްޓީއަކުން ކޮލޮމްބިއާގެ ލީޑު ފުޅާކޮށްދިނީ ހެމޭޒް ރޮޑްރިގޭޒެވެ. ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ލުއިސް ޑިއާޒްވަނީ މެޗުގައި ކޮލޮމްބިއާގެ ތިންވަނަ ލަނޑު ޖަހައިދިފައެވެ.
މެޗުގެ ދެވަނަ ހާފުގައި ޕެނެމާއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރި ނަމަވެސް އެ ޓީމަށް ކޮލޮމްބިއާގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. އޭގެ ބަދަލުގައި އަނެއްކާ ވެސް ފެނިގެންދިޔައީ ކޮލޮމްބިއާގެ ދެ ލަނޑެވެ. މި ގޮތުން އެ ޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ރިޗަޑް ރިއޯސް ކާމިޔާބު ކޮށްދިންއިރު ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ލިބުނު ދެވަނަ ޕެނަލްޓީން ކާމިޔާބުކޮށްދިނީ މިގުއެލް ބޮހާއެވެ.
މި ކާމިޔާބީއާ އެކު ކޮލޮމްބިއާ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކުރީއިރު ސެމީފައިނަލްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނި ބްރެޒިލް ބަލިކޮށް ސެމީފައިނަލުން ޖާގަހޯދީ އުރުގުއާއީއާއެވެ.
އެ މެޗު އަންނަ ބުރާސްފަތި ދުވަހު ފަތިހު ކުޅެން ހަމަޖެހިފައިވަނީ ނޯތު ކެރޮލައިނާގައެވެ. މުބާރާތުގެ ފުރަތަމަ ސެމީފައިނަލްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާއި ކެނެޑާއެވެ. މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ފަތިހު ނިއުޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައެވެ.