އިކްއެޑޯގައި 1993 ވަނަ އަހަރު ބޭއްވި ކޮޕާ އެމެރިކާގެ ފައިނަލްގައި އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ގެބުރިއަލް ބަޓިސްޓޫޓާ ކާމިޔާބު ކުރި ދެ ލަނޑާއެކު 2-1 ނަތީޖާއަކުން މެކްސިކޯ ބަލިކޮށް މުބަރާތުގެ ޗެމްޕިއަންކަން އާޖެންޓީނާ ހޯދި ފަހުން އަދި މިހާތަނަށް ބޮޑު މުބާރާތެއްގެ ޗެމްޕިއަންކަން އެ ޓީމަށް ލިބިފައެއް ނުވެއެވެ.
އެމުބާރަތަށްފަހު އާޖެންޓީނާ ފާހަގަ ކުރެވިފައިވަނީ ފައިނަލްގައި ނާކާމިޔަބާ ކުރިމަތިލާން ޖެހުނު ގައުމެއްގެ ގޮތުގައެވެ. އެއަހަރުގެ ފަހުން އެޓީމް ވަނީ ކޮޕާ އެމެރިކާގެ ފައިނަލްގައި ދެ ފަހަރު ކުޅެ ވޯލްޑް ކަޕް ފައިނަލްގައި އެއްފަހަރު ކުޅެފައެވެ. މިއީ އޭގެފަހުން ކޮޕާ އެމެރިކާގެ ފައިނަލާ އެޓީމް ކުރިމަތިލާ ތިންވަނަ ފަހަރެވެ.
ޑިއޭގޯ މެރަޑޯނާއާއި ބަޓިސްޓޫޓާގެ ފުޓްބޯޅައިގެ ރަން ޒަމާނަށްފަހު މިއީ އާޖެންޓީނާގެ ފުޓްބޯޅައިގެ ހަޔާތުގައި އަންނާނެ ރަން ޖީލެވެ. ޗެމްޕިއަންނެއްގެ އުފާ އާޖެންޓީނާ ސަޕޯޓަރުންނަށް ނުލިބޭތާ މިވަނީ 22 އަހަރުވެފައެވެ. އެހެންކަމުން ޗެމްޕިއަންޝިޕެއްގެ އުފާ ހޯދަން ކެތް މަދުވެފައި ތިބި އާޖެންޓީނާއަށް މިވަނީ އަނެއްކާވެސް އާ ފުރުސަތެއް ލިބިފައެވެ.
ކޮޕާ އެމެރިކާގެ 44 ވަނަ މުބާރާތުގެ ފައިނަލްގައި މިރޭ ޗިލީގެ ނެޝަނަލް ސްޓޭޑިއަމްގައި ކުޅޭ މެޗުގައި މުބާރާތް ބާއްވާ ގައުމު ޗިލީއާ ދެކޮޅަށް ނިކުންނައިރު އާޖެންޓީނާގެ ކޯޗް ގެރާޑޯ މާޓިނޯއަށް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިމުބާރަތުގައި އޭނާ ހެދި ހިސާބުތަކާއި ކުރި އަންދާޒާތައް ބަރާބަރަށް ހަމަވެފައި ހުރުމެވެ.
މިރޭގެ މެޗަށް ނިކުންނައިރު މާޓިނޯގެ ފިކުރު ބަދަލު ކުރެވޭނެ ފޯމިއުލާއެއް ޗިލީގެ ކޯޗް އާޖެންޓީނާގެ ޖޯޖް ސަމްޕޮއިލްއަށް ނެރެވިދާނެތޯ މިއީ އުފެދޭ ސުވާލެވެ. އެއީ މިމުބަރާތުގައި ސަމްޕޮއިލްއަށް ވުރެ ތަޖުރިބާ ކާރު ކޯޗުންނަށްވެސް މާޓިނޯގެ ފޯމިއުލާއާ ކުޅެލެވިފައި ނުވުމެވެ.
މާޓީނޯގެ އަންދާޒާތައް ދިމާވެފައިވަނީ ކީއްވެ؟
މިމުބާރާތުގެ އެންމެ ހޮޓް ފޭވަރިޓަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއެވެ. މުބާރާތުގައި އާޖެންޓީނާއާ ވާދަކުރި ކޮންމެ ޓީމެއްވެސް ސަމާލުކަން ދީފައިވަނީ މެސީ ހުއްޓުވުމަށެވެ. މެސީގެ ފަރާތުން އިދިކޮޅު ޓީމްތަކަށް ކުރިމަތިކޮށްފާނެ ނުރައްކާތަކުން ސަލާމަތް ވުމަށެވެ.
ނަމަވެސް މާޓީނޯގެ ފޯމިއުލާ މުޅިން ތަފާތެވެ. އޭނާ އާޖެންޓީނާ ދަނޑު މައްޗަށް ނެރެނީ މެސީއަށް ބަރޯސާވުން ކުޑަކޮށް އާޖެންޓީނާގެ އެންމެ ކުރީގައި ތިބޭ ދެ ކުޅުންތެރިން ކަމުގައިވާ ސާޖިއޯ އަގުއޭރޯއާއި ގޮންޒާލޭ ހިގުއައިންގެ ފަރާތުން އިދިކޮޅު ޓީމްތަކަށް ނުރައްކާ ކުރުމެވެ. މާޓިނޯ އޮތީ އެކަން ކާމިޔާބުކޮށްފައެވެ.
މެސީ ހުއްޓުވަން ނިކުތް ޓީމްތަކުގެ ރޭވުންތެރިކަން ރޫޅާލުމަށްފަހު ހިގުއައިންއާއި އަގުއޭރޯއަށް ނުރައްކާ ކުރަން ފުރުސަތު ލިބޭ ގޮތަށެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޗިލީވެސް މެސީ ހުއްޓުވުމަށް ދޭ ސަމާލުކަން ވަކި ކުޑަ އެއް ނޫނެވެ. އެހެން ވެއްޖެނަމަ އެކަން ވެގެންދާނީ ކުރިން ބާސެލޯނާއަށްވެސް ކޯޗް ކޮށްދިީފައިވާ މާޓީނޯއަށް އިދިކޮޅު ޓީމް ރޫޅާލުމަށް ލިބޭ ބާރަކަށެވެ.
މެސީ ހުއްޓުވައިފިނަމަ ޑި މާރިއާއާއި ހާވިއޯ ޕަސްޓޯރޭ ލައްވައި މެދު ތެރޭގައި ބޯޅަ ކުޅުވަން ފަށައި އަގުއޭރޯއަށް ބޯޅަތައް ސަޕްލައި ކޮށްދިނުމުވެ. އެންމެ ފަހުން މެސީއާއި އަަގުއޭރޯ ހުއްޓުވަން އިދިކޮޅު ޓީމުން މަޅި ޖަހަން ފެށުމުން އިދިކޮޅު ޓީމްތަކުގެ ރޭވުންތައް ރޫޅި މެސީއަށްވެސް މެދުތެރެއިން ކުޅެން ޖާގަ ލިބުމެވެ.
މުޅި މުބާރަތުގައި އާޖެންޓީނާގެ ޓީމުން އެންމެ ފޯމްގައި ހުރި ކުޅުންތެރިޔަކަށް ފެނުނީ އަގުއޭރޯއެވެ. އަގުއޭރޯ ފޯމްގައި ހުރުމަކީ މާޓިނޯއަށް އެންމެ ބޮޑު ހިތް ހަމަޖެހުމެވެ. އަގުއޭރޯ ވަނި މިމުބާރާތުގައި ތިން ލަނޑު ޖާހަފައެވެ.
ފައިނަލްގައި އާޖެންޓީނައަށް އޮތް އެންމެ ބޮޑު ގޮންޖެހުން
އަމިއްލަ ގައުމުގައި ބާއްވާ މިމުބާރާތަށް ޗިލީ ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ. އަދި އަމިއްލަ ގައުމުގައި ސަޕޯޓަރުންގެ ކުރިމަތީގައި ޗިލީގެ ކުޅުން ފެންނަނީ ތަފާތުކޮށެވެ.
އެކަން އެނގެނީ މުބާރާތުގެ ފައިނަލް ސްޓޭޖްތައް ހުރަސް ކުރުމަށްފަހު އެޓީމް ފައިނަލަށް އައީވެސް މުބާރާތުގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވިފައިވާ އުރުގުއޭ ބަލިކުރުމަށް ފަހުގައެވެ.
ޗިލީ ވަނީ މިހާތަނަށް މުބާރަތުގެ ފައިނަލްގައި ހަތަރު ފަހަރެއްގެ މަތިން ކުޅެފައެވެ. ނަމަވެސް މުބާރާތުގެ ތަށީގައި އެޓީމަށް މިހާތަނަށް އަތް ލެވިފައެއް ނުވެއެވެ. އެހެންކަމުން އެޓީމް އޮތީ އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް ހޯދުމުގެ އަމާޒުގައެވެ.