ކޮޕާއެމެރިކާ ސެމީފައިނަލް ދެ ވަނަ މެޗްގައި ރޭ ޕެރަގުއޭގެ މައްޗަށް 6-1 ގެ ތާފުތު ބޮޑު ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ފައިނަލަށް 27 ވަނަ ފަހަރަށް އާޖެންޓީނާ ދަތުރުކޮށްފި އެވެ.
ޗިލީގެ މުނިސިޕަލް ސްޓޭޑިއަމްގައި ކުޅުނު މެޗްގައި އެންޖަލް ޑީ މާރިއާ ވަނީ އާޖެންޓީނައަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ރޭ ގެ މެޗްގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ އާޖެންޓީނާ ކާމިޔާބު ކުރި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.
އާޖެންޓީނާގެ ފުރަތަމަ ލަނޑު މެޗްގެ 15 ވަނަ މިނެޓްގައި މާކޯސް ރޯޖޯ ކާމިޔާބު ކުރީ މެސީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
އާޖެންޓީނާގެ ދެ ވަނަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ހާވިއާ ޕަސްޓޮރޭ ކާމިޔަބު ކުރީވެސް މެސީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މްޗްގައި ޕެރަގުއޭއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު ލޫކަސް ބެރިއޯސް ކާމިޔާބު ކުރީ މެޗްގެ 43 ވަނަ މިނެޓްގައެވެ.
މެޗްގައި ޑީމާރިއާ ކާމިޔާބު ކުރި ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓް ތެރޭގައެވެ.
އޭގެ ހަމިނެޓް ފަހުން މެޗްގެ 53 ވަނަ މިނެޓްގައި އޭނާ ވަނީ އާޖެންޓީނާގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.
އާޖެންޓީނާގެ ފަސް ވަނަ ލަނޑު ސާޖިއޯ އަގުއޭރޯ ކާމިޔާބު ކުރީ މެޗްގެ 80 ވަނަ މިނެޓްގައި ޑީމަރިއާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
އާޖެންޓީނާގެ ހަ ވަނަ ލަނޑު 83 ވަނަ މިނެޓްގައި ގޮންޒާލޯ ހިގުއައިން ކާމިޔާބު ކުރީ މެސީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
އާޖެންޓީނާއިން މުބާރާތުގެ ފައިނަލްގައި އެންމެ ފަހުން ކުޅެފައިވަނީ 2007 ވަނަ އަހަރުއެވެ. މިފަހަރުގެ މުބާރަތް އެޓީމުން ކާމިޔާބު ކޮށްފިނަ މުބާރާތް 15 ފަހަރު ކާމިޔާބުކޮށް އެންމެ ގިނަ ފަހަރު މުބާރާތް ކާމިޔާބު ކުރި ޓީމްތަކުގެ ތެރޭގައި އާޖެންޓީނާ ހިމެނިގެންދާނެއެވެ. މިހާތަނަށް ކޮޕާ އެމެރިކާގެ މުބާރާތުގެ އެންމެ ކާމިޔަބު ޓީމަކީ އުރުގުއޭއެވެ. އެޓީމުން ވަނީ 15 ފަހަރު މުބާރާތް ކާމިޔަބުކޮށްފައެވެ.
ޗިލީއާ އާޖެންޓީނާ ބައްދަލު ކުރާ ފައިނަލް މެޗް އޮންނާނީ މިއަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 1:30 ގައެވެ.
އޭގެކުރިން މުބާރަތުގެ ތިން ވަނަ ހޮވާމެޗް ހުކުރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން ފަތިހު 4:30 ގައި ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ތިން ވަނަ ހޮވާ މެޗްގައި ބައްދަލު ކުރާނީ ރޭގެ މެޗުން ބަލިވި ޕެރަގުއޭއާއި ފުރަތަމަ ސެމީފައިނަލްގައި ޗިލީ އަތުން ބަލިވި ޕެރޫއެވެ.