ޕެންޝަން ފައިސާ ނެގޭ އުމުރު އަވަސް ކުރުމަކުން ބަޖެޓަށް ބުރަ ބޮޑެއް ނުވާނެ: މޫސަ

ހުޅުހެންވޭު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު: އޭނާ ވިދާޅުވީ ޕެންޝަން ފައިސާ ނެގޭ އުމުރު އަވަސް ކުރުމަކުން ބަޖެޓަށް ބުރަ ބޮޑެއް ނުވާނެ ކަމަށް -- ފޮޓޯ/ މަޖިލިސް

އުމުރުން 55 އަހަރު ވުމުން ވަޒީފާ އިން ވަކިވާ ނަމަ ނުވަތަ ވަޒީފާ އިން ވަކި ކުރާ ނަމަ ޕެންޝަން އިޔާޔަތް ލިބިދޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަކުން ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވެގެން ނުދާނެ ކަމަށް ގާނޫނަށް އިސްލާހު ހުށަހެޅުއްވި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް މޫސަ ގެނެސްފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ގިނަ މެމްބަރުން ވިދާޅުވީ އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑު ވާނެ ކަމަށެވެ. ބަޖެޓަށް ބުރަ ބޮޑު ނުވާ ގޮތަށް އެކަން ކުރުމަށް އެ މެމްބަރުން ވަނީ ގޮވާލާފައި އެވެ.

އިސްލާހަށް ބަހުސް ކުރާނެ އިތުރު ފަރާތެއް ނެތެމުން ރިޔާސަތުން އިސްލާހާ ގުޅޭ ގޮތުން މޫސަ އަށް ފަހު ބަސް އިއްވަން ފުރުސަތު ދިނެވެ. އެ ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުން މޫސާ ވިދާޅުވީ އޭނާ ހުށަހަޅުއްވާފައިވާ އިސްލާހުގެ ސަބަބުން ބަޖެޓަށް ބުރަ ބޮޑުވެގެން ދާނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވެފައިވާތީ އެކަމާ "ހައިރާންވާ" ކަމަށެވެ.

"ދައުލަތުގެ ބަޖެޓުން ލާރިތަކެއް މި އަކަށް ދޭކަށް ނުޖެހޭ. އެއްގޮތަކަށް ވެސް އެއްވެސް މެމްބަރަކު އެގޮތަށް ވިސްނައިގެން ނުވާނެ. އެއީ އެމީހެއްގެ ވަޒީފާގެ ހަޔާތުގައި އެމީހަކަށް ދޭންޖެހިފައި ހުރި ފައިސާ އެމީހަކު ރައްކާ ކުރި ލާރި މިއުޅެނީ އެމީހަކަށް އަނބުރާ ދޭންވެގެން. އަނެއްކާ ގަނޑުކޮށް ދޭކަށް ނޫން މިއުޅެނީއެއް. ޕެންޝަން އޮފީހުގައޮ ހިންގާ ގަވާއިދަކާ އެއްގޮތަށް ދެނީ." މޫސަ ވިދާޅުވި އެވެ.

މޫސަ ހުށަހަޅުއްވާފައި އިސްލާހުގައި ބުނެފައި ވަނީ ޕެންޝަން ސުކީމަށް ފައިސާ ދެއްކުމަށް ހަމަޖެހިފައި ވަނީ އުމުރުން 16 އަހަރާއި 60 އަހަރާ ދެމެދު ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ކަމަށެވެ.

ޕެންޝަން ގާނޫނުގައި މިހާރު ބުނެފައި ވަނީ ޕެންޝަން ލިބޭ އުމުރަކީ 65 އަހަރު ކަމަށެވެ. ނަމަވެސް މޫސަ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ޕެންޝަން ލިބޭ އުމުރަކީ 60 އަހަރު ކަމަށެވެ.

ޕެންޝަން ގާނޫނަކީ 2009 ވަނަ އަހަރު މަޖިލީހުން ފާސްކުރި ގާނޫނެކެވެ.

ދިވެހިރާއްޖޭގެ ރިޓަޔާމަންޓު ޕެންޝަން ސުކީމުގެ ބައިވެރިއަކު ކަމުގައިވާ ކޮންމެ މީހެއްގެ ޕެންޝަނަށް ބަލާ މުސާރައިގެ މަދުވެގެން ހަތް ޕަސެންޓު އަދި މުވައްޒަފަކު ވަޒީފާ އަދާ ކުރާ ތަނަކުން ހަތް ޕަސެންޓު ޕެންޝަނަށް ދައްކަންޖެހެ އެވެ.

comment ކޮމެންޓް