28 އަހަރު ފަހުން ޗިލީ ކޮޕާ އެމެރިކާގެ ފައިނަލަށް

ކޮޕާ އެމެރިކާ 2015 ގެ ސެމީފައިނަލް ފުރަތަމަ މެޗްގައި ޕެރޫ 2-1 ގެ ނަޓީޖައަކުން ބަލި ކުރުމަށްފަހު

ސެމިފައިނަލް ފުރަތަމަ މެޗްގައި 2-1ގެ ނަތީޖާއަކުން ޕެރޫ ބަލިކޮށް 28 އަހަރު ފަހުން ކޮޕާ އެމެރިކާގެ ފައިނަލަށް މުބާރާތް ބާއްވާ ގައުމު ޗިލީ ދަތުރުކޮށްފި އެވެ.

ރެ ޗިލީ ހޫލިއޯ މާޓިނޭޒް ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ޗިލީގެ ދެ ލަނޑު ވެސް ކާމިޔާބުކުރީ ނަޕޯލީގެ ކޮންޓްރެކްޓްގައި ހުރި އެޑްވާޑޯ ވާގާސް އެވެ.

ވާގާސް ޗިލީގެ ފުރަތަމަ ލަނޑު މެޗްގެ 42 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެލެކްސް ޗަންޗޭޒް އުފެއްދި ހަމަލާ ދަނޑީގައި ޖެހިފައި ރީބައުންސްވެގެން ނިކުތް ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.

ޕެރޫއަށް ނަތިޖާ ހަމަހަމަ ކުރީ އެޓީމްގެ ޑިފެންޑާ ލުއީސް އެޑްވިކޫލާ ޗިލީގެ ޕެނަލްޓީއޭރިއާ ހުރަސްކުރުމުން އެބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ޗިލީގެ ޑިފެންޑާ ގެރީ މޭޑަލް އަތުން ބައިކޮޅަށް ވަތް ގޯލަ ކުންނެވެ.

ޗިލީ މެޗުން މޮޅުވި ލަނޑު މެޗްގެ 64 ވަނަ މިނެޓް ވާގާސް ކާމިޔާބު ކުރީ ޕެރޫގެ ހާފުގެ މެދެއްހާ ހިސާބުން ގެރީ މެޑޭލް ދިން ބޯޅަ ޕެނަލްޓީ އޭރިއާގެ ބޭރުގައި ހުރެފައި ކުރިއަށް ފޮނުވާލައިގެންނެވެ.

ރޭ ގެ މެޗްގައި ޕެރޫއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗްގެ 20 ވަނަ މިނެޓްގައި ޗިލީގެ ޗާލްސް އަރަންގުއިޒްއަށް ކުރި ފައުލަކާ ގުޅިގެން ޕެރޫގެ ޑިފެންޑާ ކާލޯސް ޒެމްބްރާނޯއަށް ދެ ވަނަ ރީނދޫ ކަޑަކާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

ރޭގެ މެޗުން މޮޅުވުމުން ޗިލީ ވަނީ އާޖެންޓީނާގައި 1987 ވަނަ އަހަރު ބޭއްވި 13 ވަނަ ކޮޕާ އެމެރިކާގެ ފައިނަލަށް ދަތުރުކުރި ފަހުން ފުރަތަމަ ފަހަރަށް މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެފަހަރު ފައިނަލްގައި 1-0 ގެ ނަތީޖާއަކުން އެޓީމް ބަލިވީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމް އުރުގުއޭ އަތުންނެވެ. މިއީ ޗިލީ މިމުބާރާތުގެ ފައިނަލް ކުޅޭ ފަސް ވަނަ ފަހަރެވެ.

މިއަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ފައިނަލް މެޗްގައި އެޓީމް ނިކުންނާނީ ސެމީފައިނަލް ދެ ވަނަ މެޗްގައި މިރޭ އާޖެންޓީނާއާ ޕެރަގުއޭ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

މިރޭގެ މެޗް ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖޭ ގަޑިން ފަތިހު 4:30 ގައެވެ. މިމެޗުން ބަލިވާ ޓީމެއް ބައްދަލު ކުރާނީ ތިން ވަނަ ހޮވާ މެޗްގައި ރޭ ބަލިވި ޕެރުއާ ދެކޮޅާށެވެ. ތިން ވަނަ ހޮވާ މެޗް އޮންނާނީ މިއަންނަ ހުކުރު ދުވަހުގެ ރޭގަ އެވެ.

comment ކޮމެންޓް