މިފަހަރުވެސް ޕެރަގުއޭ އަތް ދަށުވެ ބްރަޒިލަށް ހިތި ނަތީޖާއެއް

މެޗުން މޮލުވުމުން ޕެރަގުއޭ ކުޅުންތެރިން އުފާ ކުރަނީ -- ފޮޓޯ/ އޭޕީ

ކޮޕާ އެމެރިކާގެ އެންމެ ފަހު ކްއާޓާ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން 4-3 ގެ ނަތީޖާއަކުން ބަލިވެ 2011 ވަނަ އަހަރެކޭ އެއްގޮތަށް ޕެރަގުއޭ އަތް ދަށުވެ މިފަހަރުވެސް ބްރަޒިލްއަށް ހިތި ނަތީޖާއަކާ ކުރިމަތިވެއްޖެ އެވެ.

އެކެއް އެކެއްގެ ނަތީޖާއަކުން މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ފުރަތަމަ ލީޑް ނެގީވެސް ބްރަޒިލްއިންނެވެ. މެޗްގެ 15 ވަނަ މިނެޓްގައި ބްރަޒިލްއަށް ލީޑް ނަގައިދިނީ ކުރިން ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީއަށް ކުޅެފައިވާ ރޮބީނިއޯއެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ ބާސެލޯނާގެ ޑިފެންޑާ ޑެނީ އަލްވެސް ހުރަސް ކުރި ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

ޕެރަގުއޭއިން ނަތީޖަ ހަމަ ހަމަ ކުރީ ބްރަޒިލްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމްގެ ތިއާގޯ ސިލްވާ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ސްވިޒަލޭންޑް އެފްސީ ބެސަލްއަށް ކުޅެމުންގެންދާ ޕެރަގުއޭގެ ފޯވަޑް ޑާލިސް ގޮންޒާލޭސް ކާމިޔާބުކުރުމުންނެވެ.

ޕެނަލްޓީގައި ޕެރަގުއޭ ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ވަނީ ކަމިޔާބުކޮށްފައެވެ. އެޓީމަށް ނާކަމިޔާބުވީ ސެންޓާ ކުރޫޒް ޖެހި ޕެނަލްޓީ އެކަންޏެވެ. ބްރެޒިލް ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ދެ ޕެނަލްޓީއެވެ. އެއީ މިޑްފީލްޑާ އެވަޓަން ރީބޭރޯ ޖެހި ޕެނަލްޓީއާއި ޑަގުލަސް ކާސްޓާ ޖެހި ޕެނަލްޓީއެވެ.

ޕެރަގުއޭ އަތުން ބަލިވުމުން ބްރަޒިލް ކުޅުންތެރިން މާޔޫސްވެފައި --- ފޮޓޯ/ އޭޕީ

ޕެނަލްޓީ ޖަހައިގެން ބްރަޒިލްކޮޅަށް ލަނޑު ޖަހައި ޕެރަގުއޭ މޮޅުވިއިރު އެންމެ ފަހުން ބޭއްވި ކޮޕާ އެމެރިކާގައިވެސް ޕެރަގުއޭއިން ބްރަޒިލްގެ މައްޗަށް ކާމިޔާބު ހޯދާފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.

އެގޮތުން މީގެ ހަތަރު އހަރު ކުރިން ކުޅުނު މެޗް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުމުން ޕެނަލްޓީގައި ބްރަޒިލްއިން ފޮނުވަލި ހުރިހާ ޕެނަލްޓީއެއްވެސް ވަނީ ނާކަމިޔަބުވެފައެވެ.

އެ މެޗްގައި ޕެރަގުއޭގެ ޖެހި ތިން ޕެނަލްޓީގެ ތެރެއިން އެޓީމަށް ނާކާމިޔަބުވީ އެގައުމުގެ ގައުމީ ޓީމްގެ ކުރީގެ ކުޅުންތެރިޔާ އެޑިގާ ބަރޭޓޯ ޖެހި ޕެނަލްޓީ އެކަންޏެވެ.

މުބާރާތުގެ ސެމީފައިނަލް ޕެރަގުއޭ ނިކުންނާނީ އާޖެންޓީނާއާ ދެކޮލަށެވެ.

ސެމީ ފައިނަލް ތަރުތީބު

ފުރަތަމަ ސެމީ ފައިނަލް މެޗް: ޗިލީ - ޕެރޫ، 29 ޖޫން 2015

ދެ ވަނަ ސެމީ ފައިނަލް މެޗް: އާޖެންޓީނާ - ޕެރަގުއޭ، 30 ޖޫން 2015

comment ކޮމެންޓް