ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ ބަލިކޮށް އާޖެންޓީނާ ސެމީއަށް

ޕެނަލްތީ ޖަހައިގެން އާޖެންޓީނާ މޮޅުވެ ސެމީފައިނަލަށް ދިއުމުން އެޓީމްގެ ކުޅުންތެރިން އުފާ ކުރާނީ --- ފޮޓޯ/ އޭޕީ

ކްއާޓާ ފައިނަލް ތިން ވަނަ މެޗްގެ އިތުރު ވަގުތާއެކު ކުޅުނު 120 މިނެޓް ކުޅުން ހަމަވީއިރުވެސް ލަނޑެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީގައި 5-4 ގެ ނަތީޖާއިން ކޮލަމްބިއާ ބަލިކޮށް ކޮޕާ އެމެރިކާގެ ސެމީފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފިއެވެ.

ރޭ ކުޅުނު މެޗްގައި ގިނައިރު ބޯޅަ ހިފަހައްޓައި މެޗް ޑޮމިނޭޓް ކޮށްގެން ކުޅުނީ އާޖެންޓީނާއެވެ. އާޖެންޓީނާއިން އުފެއްދި ގިނަ ހަމަލާތަކެއް އާސެނަލްއަށް ކުޅެމުންގެންދާ ކޮލަމްބިއާގެ ކީޕަރު ޑޭވިޑް އޮސްޕިނާ ވަނީ ދިފާއުކޮށްފައެވެ.

އާޖެންޓީނާއިން އުފައްދަން މަސައްކަތް ކުރި ހަަމަލާއެއް ދިފާއުކުރުމަށް ކޮލަމްބިއާގެ ކީޕަރު ޑޭވިޑް އޮސްޕިނާ ނިކުންނަނަނީ: އާސެނަލްއަށް ކުޅެމުންދާ އޮސްޕިނާ ވަނީ އެމެޗްގައި މޮޅު ކުޅުމެއް ދައްކާފައި --- ފޮޓޯ/ ޕީއޭ

އެގޮތުން ލިއޮނަލް މެސީއާ ސާޖިއޯ އަގުއޭރޯ ފޮނުވާލި ނުރައްކާތެރި ދެ ބޯޅަ ދިފާއުކުރުމުން ރީބޯންސްވެގެން އައި ދެބޯޅަވެސް އޮސްޕިނާ ވަނީ ދިފާއުކޮށްފައެވެ.

ކޮލަމްބިއާއިން ޖެހި ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ޖައިސަން މުރިލާ ޖެހި ޕެނަލްޓީއެވެ. އާޖެންޓީނާ މޮޅުވި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އިޓަލީގެ ޔުވެންޓަސްއިން އާޖެންޓީނާގެ ބޮކާ ޖޫނިއާސްއަށް ބަދަލުވެފައިވާ ކާލޯސް ޓެވޭޒްއެވެ.

ސެމީ ފައިނަލްގައި އާޖެންޓީނާ ބައްދަލު ކުރަންޖެހޭނީ ކްއާޓަ ފައިނަލް ހަތަރު ވަނަ މެޗްގައި މިރޭ ޕެރަގުއޭއާ ބްރަޒިލް ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މިމެޗް ފެށޭނީ ރާއްޖޭގަޑިން މިރޭ ދަންވަރު 2:30 ގައެވެ.

ރޭ ގެ މެޗްގައި މޮޅު ކުޅުމެއް ދެއްކި އޮސްޕީނާއަށް އާސެނަލްގެ ފުރަތަމަ 11 އިން ޖާގަ ލިބޭނެތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ. އެއީ ޗެލްސީގެ ކުރީގެ އެން ނަންބަރު ކީޕަރު ޕީޓާ ޗެކް އާސެނަލްއަށް ބަދަލުވުމުގެ ހުރިހާ ކަމެއް ނިމިފައިވާތީ އާސެނަލްގެ އެއް ނަންބަރު ކީޕަރެއްގެ ގޮތުގައި ޗެކް ބޭނުން ކުރުމުގެ ފުރުސަތު ބޮޑުކަމުންނެވެ.

comment ކޮމެންޓް