ތިއާގޯ އާއި ފާމިނޯ ކާމިޔާބުކޮށްދިން ލަނޑުން މޮޅުވެ ބްރަޒިލް ގުރޫޕް އެއްވަނައިގައި ކްއާޓާއަށް

ބްރަޒިލް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ކުރަނީ –--- ފޮޓޯ/ އޭޕީ

ކޮޕާ އެމެރިކާ ގްރޫޕް ސީ ގައި ކޫޅުނު ފަހު މެޗްގައި ތިއާގޯ ސިލްވާއާއި ރޮބާތޯ ފާމިނޯ ކަމިޔާބު ކުރި ލަނޑު ތަކުން މޮޅުވެ 2-1 ގެ ނަތީޖާއަކުން ވެނަޒުއޭލާގެ މަޗަށް ކާމިޔާބު ހޯދައި ގޫރޫޕް އެއް ވަނައިގައި ބްރަޒިލް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުންދާ ތިއާގޯ ބްރަޒިލްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބު ކުރިއިރު ދެ ވަނަ ލަނޑު ޖަރުމަންގެ ހަފެއިންހަމްއަށް ކުޅެމުންދާ ފާމިނޯ ކާމިޔާބު ކުރި މެޗްގެ ދެވަނަ ހާފުގަ އެވެ.

މެޗް ފެށިގެން ނުވަ ވަނަ މިނެޓް ތެރޭގައި ތިއާގޯ ގޯލް ކާމިޔާބު ކުރީ ހަތަރު މެޗަށް ސަސްޕެންޑް ކޮށްފައިވާ ބްރަޒިލްގެ ފޯވަޑް ނޭމާ ޑަސިލްވާ ގެ ބަދަލުގައި ކުޅެން ނިކުތް ރޮބިއނީއޯ ނެގި ހުރަސް ކުރިއަށް ފޮނުވާލައިގެންނެވެ.

މެޗްގެ 51 ވަނަ މިނެޓްގައި ފާމިނޯ ލަނޑު ކާމިޔާބު ކުރީ ޗެލްސީއަށް ކުލެމުންދާ ވިލއަން ބޯގެސް ހުރަސް ކުރި ބޯޅަ ކުރިއަށް ފޮނުވާލައިގެންނެވެ.

ވެނަޒުއޭލާގެ ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ފެޑީރޯ ފްލޯރެސް އެވެ.

މި ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗްގައި ޕެރޫއާ ކޮލްމްބިއާ ބައްދަލު ކޮށް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެ ގެންނެވެ.

ރޭގެ މެޗުން ބަލިވި ވެނަޒުއޭލާ ވަނީ މުބާރާތުން ކަޓާފަ އެވެ. އެޓީމް ވަނީ 2011 ވަނަ އަހަރު ބޭއްވި ކޮޕާ އެމެރިކާގައި ގިނަ ބަޔަކު ހައިރާން ކޮށްލުމަށް ފަހު ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެ އަހަރު ސެމީފައިނަލްގައި ޕެރަގުއޭ އަތުން އެޓީމް ބަލިވީ ޕެނަލްތީ ޖަހައިގެން 5-3 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުން މޮޅުވި ބްރަޒިލް ކްއާޓާ ފައިނަލްގައި މިފަހަރުވެސް ބައްދަލު ކުރަންޖެހޭނީ ޕެރަގުއޭއާ ދެކޮޅަށެވެ. ދެހާސް އެގާރަ ވަނަ އަހަރު ބޭއްވި ކޮޕާ އެމެރިކާގެ ކްއާޓާ ފައިނަލްގައިވެސް ބްރަޒިލް ނިކުތީ ޕެރަގުއޭއާ ދެކޮޅަށެވެ. އެމެޗުން ޕެނަލްޓީ ޖަހައިގެން ޕެރަގުއޭ މޮލުވީ 2-0 ގެ ނަތީޖައަކުންނެވެ.

ކޮޕާ އެމެރިކާ 2015 ގެ ކުއާޓާ ފައިނަލްގެ ތަރުތީބު

ޗިލީ - އުރުގުއޭ ، 25 ޖޫން 2015

ބޮލީވިއާ - ޕެރޫ ، 26 ޖޫން 2015

އާޖެންޓީނާ - ކޮލަމްބިއާ ، 27 ޖޫން 2015

ބްރަޒިލް - ޕެރަގުއޭ ، 27 ޖޫން 2015

comment ކޮމެންޓް