މަސައްކަތުން ހޯދާ އާމުދަނީ

ފިހާރަކުން މީހަކު ވިޔަފާރިކުރަނީ: އެންމެ ހެޔޮކަން ބޮޑު އާމްދަނީ އަކުން އަމިއްލަ މަސައްކަތުން ހޯދާ އާމުދަނީ --- ސަން ފައިލް ފޮޓޯ

އަރަހުށި މާތްﷲ އެކަލާނގެ ރަސޫލުންނަށް އަމުރު ކުރައްވައިފައިވަނީ ޙަލާލު ރަނގަޅު ތަކެތި ފަރީއްކުޅުއްވައި އުޅުއްވުމަށެވެ. (އަލްމުއުމިނޫނު: 51) މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ ރަސޫލުންނާއި ނަބިއްޔުންނަށް ކުރައްވާ މިބާވަތުގެ އަމުރުފުޅުތަކަކީ އެއަމުރުފުޅުތަކުގައި އެބޭކަލުންގެ އުންމަތްވެސް ޝާމިލުކުރައްވާ އަމުރުފުޅު ތަކެކެވެ. ސާފުތާހިރު ރޫޙުތަކެއް އުފެދިގެން އަންނަނީ ޙަލާލު ރަނގަޅު ކާބޯތަކެތީގެވެސް ވަސީލަތުންނެވެ. އެހެންކަމުން ޙަލާލު ރަނގަޅު ތަކެތި ކައިބޮއި އުޅުމަށް އިސްލާމްދީނުގައި ވަނީ ކޮޅެއްނެތްހައި ބޮޑަށް ބާރުއަޅުއްވައިފައެވެ.

އަލްއިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީހުގައި ރިވާކުރައްވައިފައިވާ ގޮތުން އިސްލާމްދީނުގެ ނަބިއްޔާ އިރްޝާދު ދެއްވާގޮތުގައި އިންސާނާ ކައިބޮއިހަދާ އެންމެ ރަނގަޅު ތަކެއްޗަކީ އޭނާގެ އަތްފައިގެ މަސައްކަތުން ހޯދާ ތަކެއްޗެކެވެ. (މިޝްކާތުލްމަޞާބީޙު: 2/842)

ހަމައެފަދައިން އަލްއިމާމު އަހްމަދު ރިވާކުރައްވައިފައިވާ ޙަދީޘެއްގައި ވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ދެންނެވުނެވެ. އެންމެ ހެޔޮކަންބޮޑު އާމްދަނީއަކީ ކޮބައިތޯއެވެ. އިތުރު ސާހިބާ ޙަދީޘް ކުރެއްވިއެވެ. އެއީ މީހަކު އޭނާގެ އަތްފައިގެ މަސައްކަތުން ހޯދާ އާމްދަނީއެވެ. (މިޝްކާތުލްމަޞާބީޙު: 2/847)

މީހެއްގެ ޙަޤީޤީ އާމްދަނީ އަކީ އެމީހެއްގެ އަމިއްލަ މަސައްކަތުން ހޯދާ އާމްދަނީއެވެ. އެނޫން ގޮތްގޮތުން އެކިއެކި ރޭވުންތަކާއި، ބުރިކޮށް ގުޅުވާގުޅުވުންތަކުން ޙާޞިލް ކުރާ ތަކެއްޗަކީ އޭގެ ޙަޤީޤަތަށް ބަލާއިރު ފޭރުމަކުން ހޯދައިގަންނަ ތަކެއްޗެވެ. އަނެކެއްގެ އެއްޗެއް ފިރުކައިގަތުމެކެވެ. މީހެއްގެ ހުއްދަ ޙަލާލު އެއްޗަކަށް ވާނީ އެމީހަކު ހުއްދަ މަސައްކަތެއްގެ ޒަރީޢާއިން ލިބިގަންނަ ތަކެއްޗެވެ. ކުރީންވެސް ދެންނެވިފަދައިން ނުބައިރޭވުންތަކާއި، މަކަރުވެރިކަމުގެ އެކިއެކި އުކުޅުތަކާއި ރިޝްވަތުގެ ޒަރީޢާއިން އަތުލެވޭ ތަކެއްޗަކީ އަނެކެއްގެ ޙައްޤެކެވެ. އަނެކެއްގެ ހަލާލު މާލެވެ. އަނެކުންގެ ޙައްޤުތައް މިގޮތަށް ޣަޞްބުންއަތުލައި ގަތުމަކީ އިސްލާމްދީން އެންމެ ނަފުރަތުކުރާ، އެންމެ ހަޑިހުތުރު އެއް ޢަމަލެވެ.

އިސްވެދިޔަތާނގައި ބަޔާންކުރެވުނު ޙަދީޘުފުޅުތަކުގައި "އަތުގެ" ގެވާހަކަ ބަޔާން ކުރައްވައިފައި އެވަނީ ޢަލާމަތީ ގޮތެއްގައެވެ. އިންސާނާގެ ބުއްދިއާއި ފިކުރާއި، އޭނާގެ ޖިސްމާނީ އެހެނިހެން ބާރުތައް ޝާމިލުކޮށްގެންކުރާ ހުއްދަ ޙަލާލު ކޮންމެ މަސައްކަތަކީ ވެސް އޭނާގެ އަތުގެ މަސައްކަތެވެ. އިންސާނާގެ ހުރިހާ އަމަލުތަކަކާއި، އޭނާގެ އިޖްތިމާއީ ޙަރަކާތްތަކާއި އިޤްތިސާދީ މަސައްކަތްތަކެއްގައި އޭނާގެ ހަށިގަނޑާއި އޭނާގެ ބުއްދި ޝާމިލު ވެއެވެ. އެހެންކަމުން އޭނާގެ ހުއްދަ ކޮންމެ މަސައްކަތެއް އިސްވެދިޔަ ޙަދީޘުފުޅުތަކުގެ މަފްހޫމުގައި ޝާމިލުވެއެވެ.

ހުއްދަ ހަލާލު މަސައްކަތުން ހޯދާ ރިޒުޤުން އިންސާނާގެ ކިބައިގައި ޠާހިރު ޝަޚްޞިއްޔަތެއް އުފެދެއެވެ. މުޖުތަމަޢުގައި ކުށްފާފަތަކުން ދުރުވެގެންވާ ހިތްގައިމު، އަމާންވެއްޓެއް ޤާއިމުވެއެވެ. އެހެން ކަމުން އިންސާނާގެ ފަރުދީ ދިރިއުޅުމަށާއި، އޭނާގެ އިޖްތިމާއީ ދިރިއުޅުމަށްވެސް ލާބައާއި މަންފާހުރީ ޙަލާލު ރަނގަޅު އާމްދަނީއެވެ.

އެމުޖްތަމަޢެއްގެ އަފްރާދުންނަކީ ތިމާމެންގެ އަތްފައިން ކުރާ ހުއްދަ މަސައްކަތުން އާމްދަނީހޯދާ ބައެއްކަމުގައި ވެއްޖެ ކޮންމެ މުޖްތަމަޢެއްގައި އޮންނާނީ އިންސާފުވެރި މާހައުލެކެވެ. އަމާންކަމާއި ހަމަޖެހުމުގެ ވެއްޓެކެވެ. މިއާ ޚިލާފަށް ޙަރާމެއް ޙަލާލެއް ބެލުމެއްނެތި ލިބުނު ކޮންމެ ގޮތަކުން މުދަލާއި ފައިސާ ޖަމާކުރާ މީހުންގެ ތެރޭގައި ޢާއްމުވެފައި އޮންނާނީ ޖަރީމާތަކެވެ. ކުށާއި ފާފަޔަށް އަރައިގަތުމުގެ ފިކުރެވެ.

comment ކޮމެންޓް