މާއްދީ ބާރަށް ވުރެ ރޫހާނީ ބާރު އިތުރު ކުރަންޖެހޭ: ޝެއިހު އިބުރާހިމް އަހުމަދު

އިސްލާމިކު މިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝެއިހު އިބުރާހިމް އަހުމަދު: މާއްދީ ބާރަށް ވުރެއް ރޫހާނީ ބާރު އިތުރު ކުރަންޖެހޭ ކަމަށް މިރޭގެ އިހުޔާ ޕުރޮގުރާމުގައި އޭނާ ވަނީ ވިދާޅުވެފައި -- ސަން ފޮޓޯ/ އަލީ ނަސީރު

ދުނިޔޭގައި މީހުން އުޅެމުން ދަނީ މާއްދީ ބާރު އިތުރު ކުރަން ކަމަށާއި އެހެންނަމަވެސް މީސްތަކުންގެ ތެރޭގައި ރޫހާނީ ބާރު އިތުރު ކުރަންޖެހޭ ކަމަށް އިސްލާމިކު މިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝެއިހު އިބުރާހިމް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރަމަޟާން މަހުގެ ރޭތަށް އިހުޔާ ކުރުމަށް މިރޭ އިސްލާމިކު މަރުކަޒުގައި ބޭއްވި ފުރަތަމަ ޕުރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން ޝެއިހު އިބުރާހިމް ވިދާޅުވީ މީސްތަކުންގެ ހިތްތަކުގައި ރޫހާނީ ބާރު އިތުރު ކުރުމަށް ﷲ ތައާލާ އެދިވަޑައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ ރޫހާނީ ބާރު އިންސާނެއްގެ ގައިގައި އިތުރުވެއްޖެ ނަމަ އިންސާނާގެ ހިތަކީ ފިނި އެއްޗެއް ކަމުގައި ވެގެންދާނެ ކަމަށެވެ.

"އެ ރޫހާނިއްޔަތުގެ ސަބަބުން އިންސާނާ އޯގާތެރި މީހަކަށް ވަނީ. އެ ރޫހާނިއްޔަތުގެ ސަބަބުން އިންސާނާގެ ހިތުގައި ކުލުނާ ލޯތްބާ ހަމްދަރުދީއާ އާތިފީ ޝުއޫރުތައް އިތުރުވެގެން ދަނީ. އެހެންވީމާ މައިންބަފައިންނަށް އޯގާތެރިވާން ދަސްވަނީ. އެހެންވީމަ ކުޑަކުދިންނަށް ރަހުމު ކުރަން ދަސްވަނީ. އެހެންވީމަ ބޮޑެތި މީހުންނަށް އަޅާލަން ދަސް ވަނީ. ބޮޑެތި މީހުންނަށް އިހުތިރާމު ކުރަން ދަސްވަނީ،" ޝެއިހު ވިދާޅުވި އެވެ.

ރަމަޟާން މަހުގެ ރޭތައް އިހުޔާ ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން: ސަން ފޮޓޯ/ އަލީ ނަސީރު

އޭނާ ވިދާޅުވީ ރަމަޟާން މަހަކީ ކާމިޔާބީގެ މައްސަރެއް ކަމަށެވެ. އެގޮތުން ޝެއިހު ވަނީ އެ ކާމިޔާބީތަކުގެ ބައެއް މިސާލާއި އެކު ވާހަކަފުޅުދައްކަވާފައި އެވެ. ޝެއިހު އިބުރާހިމް ވިދާޅުވީ ބަދުރު ހަނގުރާމަ ފަދަ ހަނގުރާމަތައް މުސްލިމުންނަށް ކާމިޔާބު ވުމުގެ ސިއްރެއްވާ ކަމަށާއި އެ ސިއްރުތަކުގައި ހިފައިގެން ރަމަޟާން މަހުގެ އަޅުކަންތައް އަދާކުރުން މަތީ މިއަދު ތިބެން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ﷲ ދެން އަންގަވަނީ ކެތްތެރިވާށޭ. މިއީ ވެސް އަޅުގަނޑުމެން ހަނދާން ކުރަންޖެހޭ ވާހަކައެއް ރަމަޟާން މަހުގައި މުސްލިމުންނަށް ލިބުނު ކާމިޔާބީތަކުގެ ވާހަކަތައް ދައްކާ ކަމަށް ވާނަމަ. ރަމަޟާން މަހަކީ ކެތްތެރި ކަމުގެ މަސް. ކެތްތެރިންނަކީ ﷲ ސުބުހާނަހޫ ވަތައާލާ އެބަޔަކާ އެކީ ވޮޑިގަންނަވާ މީހުން،" ޝެއިހުގެ ވާހަކަފުޅުފައި ވިދާޅުވި އެވެ.

ޝެއިހުގެ ވާހަކަފުޅުފައި ވިދާޅުވީ މުސްލިމުން އެކަކު އަނެކަކަށް ބައިބައިވެ ވަކިވެ ނުގަތުމަށް ﷲ އަންގަވާފައިވާ ކަމަށެވެ. އެހެންނަމަވެސް މިއަދު މުސްލިމުންގެ ހާލަތާއި މެދު ވިސްނާލަން ޖެހޭ ކަމަށް ޝެއިހު އިބުރާހިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެމީހުންގެ މޫނު ހަމައެއް ނުވޭ. އަޅުގަނޑުމެން އެކަކު އަނެކަކާ ހެޔޮ ހިތުން ސަލާމެއް ނުކުރެވޭ. އަޅުގަނޑުމެން އެކަކު އަނެކަކާ ހެޔޮ ދުއާ އެއް ނުކުރެވޭ. އަޅުގަނޑުމެން އެކަކު އަނެކަކަށް ރަހުމަތް ލެއްވުން އެދި ދުއައެއް ނުކުރެވޭ. އެކަކު އަނެކަކަށް އޯގާތެރި ކަމެއް ނުހުރޭ. މުސްލިމެއްގެ ހެޔޮ ޝުއޫރުތައް އަޅުގަނޑުމެންނަށް ނުބޭއްވޭ." ޝެއިހު އިބުރާހިމްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

comment ކޮމެންޓް