ސެމްސަންގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއަކަށް އެސްޓީއޯ

މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރެއާގެ މަޝްހޫރު ސެމްސަންގް ބްރޭންޑްގެ އުފެއްދުންތަކުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެސްޓީއޯ އާއި ސެމްސަން ކުންފުންޏާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެސްޓީއޯގެ ފަރާތުން އެ އެއްބަސްވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުއަހްމަދު ޝަހީރު ސޮއިކުރެއްވިއިރު، ސެމްސަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ސެމްސަންގް އިލެކްޓްރޯނިކްސް ސްރީ ލަންކާ ބްރާންޗުގެ މެނޭޖިން ޑިރެކްޓަރު ޔަންވިންޝިން އެވެ.

އެ އެއްބަސްވުމުގެ ދަށުން ސެމްސަންގް ކުންފުނިން އުފައްދައި، ދުނިޔޭގެ ބާޒާރުތަކަށް ނެރެމުން އަންނަ ތަފާތު މޮޑެލްތަކުގެ މޮބައިލް ފޯނުތަކާއި، ޓީވީ އަދި އޭސީގެ އިތުރުން އެހެނިހެން އިލެކްޓްރޯނިކްސް ބާވަތްތައް އެސްޓީއޯ އިން ލިބެން ހުންނާނެ އެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އެސްޓީއޯގެ އެމްޑީ ޝަހީރު ވިދާޅުވީ، މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ތިބި ސެންސަންގް އުފެއްދުންތަކަށް ސަޕޯޓްކުރާ ކަސްޓަމަރުންނަށް އިތުރު ލުއިތައް ލިބި، ސެމްސަންގްގެ ކޮލިޓީ ރަނގަޅު އުފެއްދުންތައް ރާއްޖެއިން ފަސޭހަކަމާ އެކު ލިބޭނެ ކަމަށެވެ.

ސެމްސަންގް ލަންކާ ބްރާންޗްގެ އެމްޑީ ޔަންވިންޝިން ގެ ވާހަކަކޮޅުގައި ވިދާޅުވީ، އެ ކުންފުނިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ހާއްސަކޮށް ޓެކްނޮލޮޖީއަށް ލޯބިކުރާ މީހުން އުޅޭ ގައުމުތަކުގައި އެ ކުންފުނީގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުން ހަމަޖައްސަން ގިނަ މަސައްކަތްތައް ކުރާ ކަމަށެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން މިއަދު އެސްޓީއޯ އާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން، އެސްޓީއޯ އިން ސެމްސަންގްގެ އުފެއްދުންތައް ވިއްކުމަކީ ރާއްޖޭގައި ސެމްސަންގްގެ ޑިމާންޑް އިތުރުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ސެމްސަންގް ކުންފުނިން އެންމެ ފަހުން ބާޒާރަށް ނެރުނު ޓީވީ ކަމަށްވާ، "ސެމްސަންގް އަލްޓްރާ އެޗްޑީ ކާވުޑް ޓީވީ" ރާއްޖޭގައި ރަސްމީކޮށް ލޯންޗްކޮށްފަ އެވެ. ޓީވީ ރާއްޖޭގެ ބާޒާރަށް ރަސްމީކޮށް ނެރެދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝަހީރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް