ފަހަތުން އަރައި ޕެރަގުއޭއިން އާޖެންޓީނާ ހިފަހައްޓައިފި

ކޮޕާ އެމެރިކާ ކަޕް ގުރޫޕް ބީ ގައި އާޖެންޓީނާއާއި ޕެރަގުއޭ ބައްދަލު ކުރި މެޗަށްފަހު އާޖެންތީޏާގެ ކުލުންތެރިން ދަނޑު މަތީގައި މަޑުކޯށްލައިގެން --- ފޮޓޯ/ އޭޕީ

ޗިލީގައި މިހާރު ކުރިއަށްދާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރަތުގެ ގުރޫޕް 'ބީ'ގައި ވޯލްޑް ކަޕްގެ އެންމެ ފަހުގެ ރަނަރަފު އާޖެންޓީނާ ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައި ޕެރަގުއޭ އިން އާޖެންޓީނާ ހިފައްހަޓައިފި އެވެ.

ޗިލީގެ ލާ ސެރީނާގެ އެސްޓޯޑިއޯ ލާ ޕޯޓަޑާ ސްޓޭޑިއަމްގައި ކުޅުނު މެޗްގައި އާޖެންޓީނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެންޗެސްޓާ ސިޓީގެ ފޯވަޑް ސާޖިއޯ އަގުއޭރޯ އެވެ.

މެޗްގެ 29 ވަނަ މިނެޓްގައި އަގުއޭރޯ މިލަނޑު ކާމިޔާބު ކުރީ އާޖެންޓީނާގެ ކުޅުންތެރިން އަތުން ބޯޅަ ހޯދުމަށްފަހު ޕެރެގުއޭގެ ކުޅުންތެރިޔަކު ފަހަތަށް ދިން ބޯޅަ ހޯދައިގެން ޕެނަލްޓީ އޭރިއާ ތެރެއަށްވަދެ ކީޕަރު ކައިރިން ނައްޓާލުމަށް ފަހު ގޯލަށް ފޮނުވާލައިގެންނެވެ.

އާޖެންޓީނާގެ ދެ ވަނަ ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ ކެޕްޓަން ލިއޮނަލް މެސީ އެވެ.

މިއީ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް އެންޖަލް ޑީ މާރިއާއަށް ކުރި ފައުލާކަ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

މިއީ ކޮޕާ އެމެރިކާގެ ތާރީޚްގައި މެސީ ކަމިޔާބު ކުރި ތިން ވަނަ ލަނޑެވެ. 2011 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބަރާތުގައި އޭނާއަށް އެންމެ ލަނޑެއްވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މީގެ ކުރިން މިމުބާރާތުގައި އޭނާ ލަނޑު ޖަހާފައިވަނީ 2007 ވަނަ އަހަރު ބޭއްވި މުބާރަތުގެ ސެމީ ފައިނަލްގައި މެކްސިކޯއާ ދެކޮޅަށެވެ.

ޕެރަގުއޭގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗްގެ 59 ވަނަ މިނެޓްގައި ނެލްސަން ވެލްޑެޒްއެވެ.

ޕެރަގުއޭ އެއްވަރު ކުރި ލަނޑު މެޗްގެ އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރި އާޖެންޓީނާއަށް އުފަން ލޫކަސް ބެރިއާއެވެ.

މިމެޗްގައި ލަނޑުޖަހާނެ އިތުރު ފުރުސަތުތަކެއް މެސީއަށާއި ޑީމަރިއާއަށް ލިބިގެންދިޔައެވެ.

comment ކޮމެންޓް