މުޒާހަރާގައި ބައިވެރިވުމަށް އަޅުގަނޑެއް ނުބުނަން، އެއީ ބޮޑު ދޮގެއް: ގާސިމް

އިދިކޮޅުފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއެއްގައި ގާސިމް އިބްރާހީމް ވާހަކަފުޅުދައްކަވަނީ. -- ސަން ފައިލް ފޮޓޯ

އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށްގެންދާ މުޒާހަރާގައި ބައިވެރިވުމަށް ގޮވާލެއްވި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ "ބޮޑު ދޮގެއް" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހެކްކޮށްފައި ވަނިކޮށް "ރިކަވާކޮށްފައިވާ" ގާސިމްގެ އަމިއްލަ ޓުވިޓާ އެކައުންޓުން މިރޭ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީން އިސްނަގައިގެން މިރޭ ކުރިއަށް ގެންދާ މުޒާހަރާގައި ޖުމްހޫރީ ޕާޓީން ބައިވެރި ނުވާނެ ކަމަށެވެ. އެ މުޒާހަރާގައި ބައިވެރިވުމަށް އެމަނިކުފާން ވިދާޅުވި ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް ގާސިމްގެ ޓުވީޓުގައި ބުނެފައިވެ އެވެ.

މިހާރު ކުރިއަށް ގެންދާ މުޒާހަރާގައި ބައިވެރިނުވުމަށް އެމަނިކުފާނުގެ މުއައްޒިފުންނަށް ވެސް ގާސިމްގެ ޓްވީޓުގައި ވަނީ ގޮވާލައްވާފަ އެވެ.

ގާސިމް މި ވަގުތު ހުންނެވީ ޓައިލެންޑްގައެވެ. އެމަނިކުފާނުގެ ޓުވިޓާ އެކައުންޓް މީގެ ކުރިން ވަނީ ހެކްކޮށްފަ އެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ސުޕޯކް ޕާސަން އަލީ ސޯލިހް ވިދާޅުވީ އެ އެކައުންޓް ރިކަވާކޮށްފައިވާ ކަމަށެވެ.

މިރޭ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ މުޒާހަރާގައި ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރު އަލީ ހުސައިން ވަނީ ބަިއވެރިވެ ވަޑައިގެންފައެވެ. އޭގެ އިތުރުން ދެން މުޒާހަރާގައި އިސްކޮށް ހަރަކާތްތެރި ވަނީ އެމްޑީޕީ އާއި އަދާލަތު ޕާޓީގެ އިސްފަރާތްތަކާއި މަޖިލިސް މެމްބަރު އަހުމަދު މަހުލޫފެވެ.

comment ކޮމެންޓް