ސުލްހަ މަސަލަސްކަން ލިބޭނީ ނުބައި ބަސްތައް ބުނުން ދޫކޮށްލައިގެން ކަމަށާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނަމޫނާ ލިބިގަންނަން ޖެހޭ ކަމަށް ވިދާޅުވެ، ޒިމްބާބްވޭގެ މުފްތީ، އިސްމާއީލް މެންކް މިރޭ މާލޭގައި އަގުހުރި ތަޤުރީރެއް ކުރައްވައިފި އެވެ.
ދީނީ ގޮތުން މީހުން ހޭލުންތެރި ކުރުމަށް "ދަ މެސެޖް"ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން އަލިމަސް ކާނިވަލުގައި މިރޭ ކުރެއްވި ތަޤުރީރުގައި މެންކް ވިދާޅުވީ، ދަރިންނަށް ނުބައި ބަސްތައް ދަސްވަނީ މައިން ބަފައިން ގިނަގިނައިން އެފަދަ ބަސްތައް ކިޔާތީ ކަމަށެވެ.
"... ހަނދާންކުރޭ ތިޔަބޭފުޅުން ބޭނުންވަނީ ސުލްހަވެރިކަން ކަމަށް ވަންޏާ ނުބައިބަސްތައް ވިދާޅުވުން ހުއްޓަވައިލައްވާ. މި ރީތި ނަމޫނާ ( ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްކެވި ނަމޫނާ) ދަސްކުރައްވާ. އެކަލޭގެފާނު ( ޞައްލަﷲ ޢަލައިހި ވަސައްލަމް) އަކީ އެންމެ ސުލްހަވެރި ސާހިބާ،" މެންކް ވިދާޅުވި އެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުލްހަވެރިކަމާއި އޯގާތެރި ކަމާއި ތެދުވެރިކަމާއި ރަނގަޅު އެތައް ސިފަފުޅުތަކެއްގެ މިސާލުތައް މެންކްގެ ތަޤުރީރުގައި ވިދާޅުވެދެއްވި އެވެ. އަދި ވިދާޅުވީ އެކަލޭގެފާނަށް ތަބަޢަވާ ކަމަށް އަޅުގަނޑުމެން ބުނި ކަމުގައި ވިޔަސް އެކަލޭގެފާނު އަމަލު ކުރެއްވި ގޮތް އަޅުގަނޑުމެންނަށް ރަނގަޅަށް ނޭނގޭ ކަމަށެވެ.
"...އަޅުގަނޑުމެން މަސައްލަތައް ހައްލު ކުރަން މަސައްކަތެއް ނުކުރަމު. އަޅުގަނޑުމެން ކޮންމެ މީހަކު މިއުޅެނީ އެމީހެއްގެ އަމިއްލަ، ކުޑަކުޑަ ތޮށިގަނޑެއްގެ ތެރޭގައި،" މުސްލިމް މުޖުތަމައުތައް މިހާރު އޮތް ގޮތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މެންކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުކުރު ނަމާދަކީ މުސްލިމް ފިރިހެނުންނަށް ވާޖިބެއް ކަމުގައި ކަނޑައަޅުއްވާފައި ވުމުގެ އެއް ހިކުމަތަކީ މީހުން އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، ފެނި ދެނިވެ އުޅުން ކަމަށެވެ. ޖަމާއަތުގައި ނަމާދު ކުރުމުގެ ދަރުމަ ބޮޑު ކުރައްވާފައި ވުމުގެ އެއް ހިކުމަތަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.
މިރޭގެ ތަޤުރީރު އަޑު އެހުމަށް ގިނަ އަދަދެއްގެ މީހުން ދިޔައެވެ. އަދި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ވެސް އެ ތަގުރީރު އަޑު އެއްސެވުމަށް ވަޑައިގެންނެވި އެވެ.