ތ. އަތޮޅުގެ ރަށްތަކަށް ހަތިމާއި ކިނބިދޫ ދާއިރާގެ ކޮންމެ ގެއަކަށް ރިޔާޒު ހަނޑޫ ބައްސަވައިފި

ރިޔާޒު ފައުންޑޭޝަންއިން އެދާއިރާގެ ރަށްރަށަށް ބަހާ ހަނޑޫ-- ފޮޓޯ: ރިޔާޒު ފޭސްބުކް

ރޯދަމަހާ ދިމާކޮށް ރައްޔިތުންނަށް އެހީއެއް ފޯރުކޮށްދިނުމުގެ ގޮތުން ތ. އަތަޮޅު ކޮންމެ ރަށަކަށް ހަތިމާއި ތ. ކިނބިދޫ ދާއިރާގެ ކޮންމެ ގެއަކަށް ފަސް ކިލޯ ބާސްމަތީ ހަނޑޫ ބަސްތާއެއް ބެހުމަށް އެދާއިރާގެ މެމްބަރު އަބްދުއްﷲ ރިޔާޒު ނިންމައިފިއެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒުގެ ފައުންޑޭޝަނުން ވަނީ، އެ ދާއިރާގެ ރަށްރަށަށް ހަނޑޫ ބެހުމަށް ހަނޑޫ ބަސްތާތައް އެ ދާއިރާގެ ރަށްރަށަށް ގެންދިއުމުގެ މަސައްކަތް ފަށައިފައެވެ. ހަމައެއާއެކު ރިޔާޒު ވަނީ ތ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކީރިތި ގުރުއާންގެ 15 ކޮޕީ ބަހާފައެވެ. އެކަމާ ގުޅިގެން ރިޔާޒުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

އެ ދާއިރާގެ އެންމެ ބައި ގިނަ ރަށް ކަމަށްވާ ކިނބިދޫ ކައުންސިލްގެ ރައީސް އަބްދުއްނަސީރު އަލީ މިރޭ ސަން އަށް ވިދާޅުވީ، އެރަށުގެ ކޮންމެ ގެއަކަށް ބޭނުންވާ ހަނޑޫ މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ދާއިރާގެ ކޮންމެ ގޭބިސީއަކަށް އެހަނޑޫ ބަހާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ދާއިރާގެ އެހެން ރަށްރަށު ކައުންސިލްތަކުން ވެސް ވަނީ ހަނޑޫ ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

ގާތްގަނޑަކަށް 5000 މީހުންގެ އާބާދީއެއް އޮންނަ ކިނބިދޫ ދާއިރާގައި ފަސް ރަށް ހިމެނެ އެވެ. އެއީ ކިނބިދޫ އާއި އޮމަދޫ އާއި ހިރިލަންދޫގެ އިތުރުން ވަންދޫ އާއި ކަނޑޫދޫއެވެ.

މިދިޔަ އަހަރު ރޯދަމަހާ ދިމާކޮށް ތ. ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް ވަނީ އެ ދާއިރާގެ ކޮންމެ ގެއަކަށް ތިން ބާވަތުގެ ކާޑުގެ ބާވަތްތައް ހަދިޔާކޮށްފައެވެ.

comment ކޮމެންޓް