އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ޝިފާގު މުފީދާ އެެކު އިތުރު ދެ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވައިފި

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ރައީސް ޔާމީން މަޖިލީހަށް ހުށަހެޅުއްވި ކުރީގެ މަޖިލިސް މެމްބަރު ޝިފާގު މުފީދު: ސަން ފައިލް ފޮޓޯ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ތިން މެމްބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ އެ ތިން މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ތިން ބޭފުޅެއްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބުރާހިމް މުއާޒު އަލީ މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރެއްވުމަށް ރައީސް ޔާމީން މަޖިލީހަށް ފޮނުއްވާފައި ވަނީ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު މުފީދާއި އައިޝަތު އަފުރީނު މުހައްމަދުގެ އިތުރުން އައިޝަތު އީނާޝްގެ ނަންފުޅު ކަމަށެވެ.

މުއާޒު މިއަދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 33 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ.

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެޗްއާރުސީއެމްގައި ތިއްބެވި ފަސް މެމްބަރުންގެ ތެރެއިން ދައުރު ހަމަވަނީ އެ ކޮމިޝަންގެ ރައީސާއި މަރިޔަމް އަޒްރާ އަހުމަދާއި އެ ކޮމިޝަންގެ މެމްބަރު އަހުމަދު ތޮލާލް އަދި އެ ކޮމިޝަންގެ މެންބަރު ޖީހާން މުހައްމަދެވެ. އެ ތިން މެމްބަރުންގެ މަގާމުގެ މުއްދަތު އަންނަ އޮގަސްޓް މަހުގެ 17 އަށް ހަމަވާނެ އެވެ.

comment ކޮމެންޓް