"މިއީ އަހަރެމެންގެ 'ތަހްރީރު' މައިދާން"

ށ. ފުނަދޫން: ހުސައިން ހަސަން

"ގަދަވަނީ އަހަރެމެން، ވަރުބަލިވެގެން ދާންޖެޙެނީ ފުލުހުން. އަހަރެމެން މިތިބީ އަހަރެމެން ތަހްރީރު މައިދާނުގައި ފިސާރި ރަނގަޅަށް ގާއިމުވެގެން، އެންމެ ފަހު ނޭވާޔާ ހަމައަށް ވެސް އަހަރުމެން ތިބޭނީ މި ގޮތުގައި،" މިރަށުގެ މީހަކު ބުންޏެވެ. ފަހަރުގައި ކިޔާލަން މަޖަލަކަށް ވެދާނެ އެވެ. ގަބޫލު ކުރަން އުނދަގޫވެދާނެ އެވެ. އެކަމަކު ހަގީގަތަކީ މިއީ އެވެ: މިސްރުގެ ދިގުލީ ވެރިކަން މިދާދުވަހު ބަދަލު ކުރުމަށް އެތައް މިލިއަނުން މިލިއަނުން ރައްޔިތުން ނުކުމެ އިހްތިޖާޖުތަކެއް ފަށައި، ދިއުރުޅުމުގެ މަގުސަދުތައް އެ މައިދާނެއްގައި ފެށި "ތަހުރީރު މައިދާނު"ން، ފިލާވަޅެއް މިރަށު ރައްޔިތުން ވަނީ ލިބިގެންފަ އެވެ. މިރަށުގައި ހުރި އަތޮޅު ކައުންސިލް އިދާރާގެ ކުރިމައްޗަށް ކުދި ބޮޑު ގިނަ ބަޔަކު، ވަނީ ޖަމާވެފަ އެވެ. އެމީހުން ދިރިއުޅެ، ކާންބޯން ކުރި މަސައްކަތްތައް ހުއްޓާލައިފި އެވެ. ދަރިންނަށް ތައުލީމު ދިނުމުގެ ވާޖިބުތައް އަދާ ކުރަމުންދަނީ ރައްޔިތުން ބުނާ، އެ މީހުން ސިފަކުރާ މިރަށުގެ "ތަހުރީރު މައިދާނު"ގަ އެވެ. ކެއުމާއި ބުއިމާއި މަޖަލުގެ ސަކަރާތްތައް ވެސް ފެންނަނީ އެއްތަނަކުން ނެވެ. ދަންވަރާއި ދުވާލު އެންމެން ވެސް ބުނަނީ އެކައްޗެކެވެ؛ "ފަހުވަގުތާ ޖެހެންދެން ވެސް ތިބޭނީ ކައުންސިލް އިދާރާގެ ހިމާޔަތުގައި" ކަމަށެވެ.

ރޭ ދަންވަރު 1:15 އެހާކަން ހާއިރު ކައުންސިލް އިދާރާގެ ދޮރާށި ބައްދު ކުރުމަށް ބަހައްޓާފައި ހުރި ޖޯއްޔެއްގައި ތިން އަހަރުގެ ދަރިފުޅު އުނގުގައި ބާއްވައިގެން އެކަކު ސަން އަށް ކިޔައިދިނެވެ:

"އަޅުގަނޑުމެން މިތިބީ މާދަމާ އިރު ފެނުން ހިއްލާލަންދެން ވެސް މިތަނުގައި ތިބެން ނިންމައިގެން. އަދި މިކަން ވަކިގޮތަކަށް ކޮޅެއްގައި ޖެހެންދެން އަޒުމަކަށް ބަދަލެއް ނާންނާނެ. މިފަދަ ވަގުތު ދަރިންނަށް ވެސް އަޅާލުމަށް ނުންތޯ އަޅުގަނޑުމެންގެ އުނގުގައި މި ނިންދަވަނީ،"

ރޭގަނޑުގެ ދަންވަރުގެ ވަގުތުތައް ވެސް ރޭވުންތެރިކަމާއެކު ކުރިއަށްދަނީ ރަށުގެ ހަރުމީހުންގެ ލަފަޔާއެކު އެވެ. "ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން އަބަދު ވެސް ތިބެންވާނީ ކައުންސިލް އިދާރާގެ ކުރިމަތީގަ. ފުލުހުން އަރައިގެންފިނަމަ ދެން ވާނެ ގޮތް ވިސްނާލައްވާ،" ރަށުގެ ކަން ކަން ރޭވުމުގައި އުޅޭ މި ރަށުގެ، ފިނިރޯޅި އަލީ އަހުމަދު (ފުރިހަމަ ނަން ހާމަ ނުކުރުމަށް ޝަރުތެއް ނުކުރޭ) ވިދާޅުވި އެވެ.
ފާއިތުވެގެންދިޔަ ތިން ދުވަހު މިރަށު ތެރޭގެ ހާލަތު ހުރި ގޮތުން ގިނަ މަސްވެރިން ވެސް ވަނީ މަހަށް ނުފުރާ ރަށުގައި މަޑުކޮށްފަ އެވެ.

މިރަށު އާބާދީގެ 2300 މީހުންގެ ތެރެއިން 98 ޕަސެންޓަކީ ޑީއާރްޕީގެ ސަޕޯޓަރުންނެވެ. ރަށު ކައުންސިލްގެ މެޖޯރިޓީ ސާފު އަގުލަބިއްޔަތުން ވެސް އޮތީ ޑީއާރުޕީ އަށެވެ. ވުމާއެކު ޑީއާރުޕީން ފިކުރާއެކު ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރު ދެއްވާ މަޝްވަރާއާ ލަފަޔަށް ރައްޔިތުން ކިޔަމަންވެ ތިބީ އެމީހުން ސިފަކުރާ "ތަހުރީރު މައިދާނަ"ށް ނުކުމެ އެވެ.

ނަމަވެސް ކައުންސިލް އިދާރާގެ ކުރިމަތީގަ އާއި ފުލުހުނަށް ފާރަލަމުންދާ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ސަބަބަކީ ހަތިޔާރާއެކު 30 ވުރެ ގިނަ ފުލުހުން ތައްޔާރީ ހާލަތުގައި ހަރަކާތްތެރިވަމުންދާތީ އެވެ.
"އަސްލު ބުނަން ފުލުހުން ގައިގައި އަޅާފައިވާ އެއްޗެހިތަކާހުރެ (ރަޔަޓް ގިޔަރު ފުލުހުން) ކުޑަކުދިންނާއި އަންހެނުން ނުތަނަވަސްވިޔަސް، އަހަރުމެން ފަހަތަކަން ނުޖެހޭނަން." ފުލުހުން ފައުޖު އިއްޔެ މިރަށަށް އެރި ވަގުތު ބަނދަރު މަތީގައި ހުރި މީހަކު ބުންޏެވެ.

މިރަށުގެ ރައްޔިތުންގެ އަޒުމަކީ އަތޮޅު ކައުންސިލުގެ ގަރާރަކުން ނިންނި ގޮތައް ކައުންސިލްގެ އިދާރާ މިރަށުގައި ބެހެއްޓުމެވެ. އެއީ ރަށުގެ ތަރައްގީއަށް ރައްޔިތުން ފޮނި އުންމީދުތަކެއް ކުރާތީ އެވެ. މިރަށުގެ އެންމެން ގާއިމުވެ ތިބީ އެމީހުންގެ "ތަހުރީރު މައިދާނު"ގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް