ނޫރުގެ މަރުގެ ބަދަލުގައި ބޭނުންވަނީ މަރަށް މަރު: ހަތަރު ވާރިސުން

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ކައިރިން ވަޅިން ހަމަލާދީ މަރާލި މާލޭ ދަފްތަރު 074 ނޫރު އާދަމް ހަސަންފުޅުގެ މަރުގެ ބަދަލުގައި ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް އޭނާގެ ހަތަރު ވާރިސަކު ބުނެފި އެވެ.

ނޫރުގެ ހަތަރު ވާރިސަކު އެގޮތަށް ބުނެފައި ވަނީ ޖުވެނައިލް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

ޖުވެނައިލް ކޯޓުން ބުނީ އިއްޔެ ހަތަރު ވާރިސެއްގެ ބަޔާން ނަގާފައިވާ އިރު، ބާކީ ހަތް ވާރިސެއްގެ ބަސް ނެގިފައިނުވާ ކަމަށެވެ.

"މިގޮތުން ވާރިސުންގެ ގޮތުގައި ތިބި 11 ވާރިސުންގެ ތެރެއިން މިހާތަނަށް 4 ވާރިސެއްގެ ބަސްވަނީ ނެގިފައި. އަދި 10 ޖޫން 2015 ވަނަ ދުވަހާއި 14 ޖޫން 2015 ވަނަ ދުވަހުގައި ވެސް ވާރިސުންގެ ބަސްނެގުމަށްވަނީ ހަމަޖެހިފައި،" ޖުވެނައިލް ކޯޓުން ބުންޏެވެ.

ނޫރު މަރުވެފައި ވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހުގެ ރޭ 1:42 އެހާކަންހާއިރު، އޭނާ އައިޖީއެމްއެޗްގެ އިމަޖެންސީ ގޭޓު ކުރިމަތިން ބުރުޒު މަގުގައި ޕާކްކޮށްފައިވާ ސައިކަލްތަކާ އަރާ ހަމަވި ވަގުތު ސައިކަލްތަކެއްގައި އައި ބަޔަކު އޭނާ އަށް ވަޅިއަކުން ހަމަލަދިނުމުން ލިބުނު ޒަޚަމްތަކަށް ފަރުވާހޯދަމުން ދަނިކޮށެވެ.

ނޫރުގެ މަރާ ގުޅިގެން ޖުވެނައިލް ކޯޓުގައި ދައުވާ އުފުލާފައި ވަނީ ދެކުއްޖެއްގެ މައްޗަށެވެ. އެއްކުއްޖެއްގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ހާދިސާ ހިނގިއިރު އެ ކުއްޖާގެ އުމުރަކީ 15 އަހަރެވެ.

ދެވަނަ ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ހާދިސާ ހިނގިއިރު އެކުއްޖާގެ އުމުރަކީ 17 އަހަރެވެ.

އެ ދެ ކުދިން ދައުވާއަށް އިންކާރުކުރުމުން ދައުވާ ސާބިތުކުރުމަށް ޓަކައި 18 ބާވަތެއްގެ ހެކި ދައުލަތުގެ ފަރާތުން ވަނީ ޝަރީތަށް ހުށަހަޅާފަ އެވެ.

ޖުވެނައިލް ކޯޓުން ބުނީ ދައުލަތުން ހެކިބަސް ނަގަން ބޭނުންވި ހުރިހާ ހެކީންގެ ހެކިބަސް މިދިޔަ މަހުގެ 24 ވަނަ ދުވަހާ ހަމައަށް ނަގައި ނިމިފައިވާ ކަމަށެވެ.

ދިފާއުގައި ހެކި ހުށަހަޅަން ދިން ފުރުސަތުގައި ނޫރަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ކުއްޖާ ދިފާއުގައި ހަތަރު ހެއްކެއް ވަނީ ހުށަހަޅާފަ އެވެ. އަދި މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާ ވަނީ ދިފާއުގައި ތިން ހެއްކަކު ހުށަހަޅާފަ އެވެ.

ދިފާއީ ހެކީންގެ ހެކިބަސް ނެގުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު ބާއްވާ ޝަރީއަތުގެ މަޖިލީހުގައި ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ.

ނޫރު މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދެ މީހެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ.

comment ކޮމެންޓް